ކަސްޓަމަރުންގެ ކާޑާއި ޒާތީ މަޢުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މޯލްޑިވްސް އިމިގްރޭޝަނާ ކަސްޓަމަރުންގެ ކާޑާއި ޒާތީ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް، އެ ބޭންކުން ވިދާޅުވެއްޖެއެވެ.
އެ ބޭންކުން މިހެން ވިދާޅުވީ ދިވެހި ރުފިޔާ ކާޑުން ބޭރުގައި މުއާމަލާތް ކުރުމާ ގުޅޭގޮތުން އެ ބޭންކުން އަޅާފައިވާ ފިޔަވަޅުތަކާއެކު ބީއެމްއެލްއިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އިމިގްރޭޝަނާ ހިއްސާކުރާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ހުންނަ ކަސްޓަމަރެއްގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އެހެން ފަރާތަކުން ބޭރު ޤައުމުތަކުގައި ވިޔަފާރިކޮށް، ފައިސާ ނަގާކަމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިފަހުން އެ ބޭންކުން ވަނީ އިމިގްރޭޝަނާ ގުޅިގެން ރާއްޖޭގައި ހުރި ކަސްޓަމަރެއްގެ ކާޑު، ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭނެ ގޮތް ހަދާފައެވެ.
މި ފިޔަވަޅާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ އެ ބޭންކުގެ ކާޑު ސިސްޓަމާއި އިމިގްރޭޝަނުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމާ މިހާރު އިންޓަގްރޭޓްކުރެވިފައިވާ ކަމަށެވެ.
މީގެ ސަބަބުން އިމިގްރޭޝަންގައި ހުންނަ ޑޭޓާގެ ތެރެއިން އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ބީއެމްއެލްއަށް ނުލިބޭނެ ކަމަށާއި ބީއެމްއެލްގައި ހުންނަ ކަސްޓަމަރުންގެ ކާޑާއި ޒާތީ މައުލޫމާތު އިމިގްރޭޝަނަށް ނުލިބޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.
"މިއީ މީހަކު ބޭރަށް ދާއިރު ދިއްވެއްސަކުވިޔަސް އެނާއާއެކު ބޭރަށްދާ ބަޔަކާއި ދާ ފްލައިޓަކާ މިހެން ގޮސް މައުލޫމާތުތަކެއް ބޭންކަށް ލިބެނީކީނޫން. އަދި ބޭންކުން އެ ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު ނުވަތަ އެހެން ޕާސަނަލް ޑޭޓާއެއް އިމިގްރޭޝަނަށް ދެނީކީވެސް ނޫން." ބީއެމްއެލްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ކާޑުގެ ބޭނުންކުރާއިރު ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އެކާޑުގެ 3 މައުލޫމާތެއް ސައްޙަތޯ އަބަދުވެސް ކަށަވަރުކުރެވޭ ކަމަށެވެ. އެގޮތުން، ކާޑުގައި އެ ކަނޑަން ބޭނުންވާ އަދަދަށް ފައިސާ ހުރިކަމާއި، ކާޑުގެ ޕިން ނަންބަރު ރަނގަޅުތޯއާއި ކާޑުގެ މުއްދަތު ހަމަވެފައިވޭތޯ ބަލާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެ ބޭންކުން ގެނައި ބަދަލާއެކު މި މަޢުލޫމާތުގެ އިތުރަށް ކަށަވަރުކުރެވޭނީ ކާޑުގެ ވެރިފަރާތް ހުރީ ރާއްޖޭން ބޭރުގައިތޯ އެކަނި ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މަޢުލޫމާތު ދީގެންނޫންކަން ބީއެމްއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައި ދޭނެއެވެ.
މިހާރު އިމިގްރޭޝަންއާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެއެވެ.
ސަޢީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ކަސްޓަމަރު ހުރިކަމުގައިވާނަމަ އެ ކަސްޓަމަރެއްގެ ކާޑުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
މި ބަދަލު ގެނައިނަމަވެސް، ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް އެ ކާޑުތައް މިވަގުތު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ނަމަވެސް އެ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް އެ ބޭންކުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ