ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރަން ބޮޑު ދައުރެއް އަދާކުރަނީ ނޫސްވެރިން

ރައްޔިތުން ބާރުވެރިކޮށް، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަން ބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުއިއްޒު ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، ހާމަކަން ބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެެރިކަން ކަމަށެވެ. "ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު. ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.މިވަގުތަކީ ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ އަދި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ޢަމަލީ މަސައްކަތުގެ ތެރެއިން “މޯލްޑިވްސް 2.0” ގެ ތަޞައްވުރު ޙަޤީޤަތަކަށް ވެގެންދާއިރު، ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.މިނިވަން މީޑިއާއަކީ ހައްގެއް ޒިންމާއެއް ކަމަށް ވިދާޅުވެ، ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ އަދި އޭގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށެވެ."ހަމަ އެހެންމެ ދިވެހިން ގަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށް ވެސް މީޑިއާ ވާންޖެހެ އެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި ހާމަކަމާއި ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.ރައީސްގެ ހިތޯބުގައި ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން، މޯލްޑިވްސް 2.0 ހުރިހާ ގޮތަކުން ވެސް ތަނަވެސްވެގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.ރައީސް މުއިއްޒު ވިދާޅުވީ، ބަވަނަވަމުންދާ ދުނިޔޭގައި ދޮގު މައުލޫމާތު ފެތުރުމާއި ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާތީ، ރައްކާތެރިވާން ޖެހޭ ކަމަަށެވެ."މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ހަނދާންކޮށްދެމެވެ،" ރައީސްގެ ހިތާބުގައި ވެ އެވެ."މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަދިވެސް އެއްފަހަރު ގޮވާލަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ