ފަޅުފުންކުރުމާއި ހިއްކުމާ ގުޅޭގޮތުން ސަރުކާރަށް ހުސް ޝަކުވާ

ފަޅުފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ގިނަ އަދަދެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށް
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން ބުނެފި އެވެ.
ވީ ކިހިނެއް؟- ސަރުކާރުގެ ކަމާ ގުޅޭ އޮތޯރިޓީއިން ބުނިގޮތުގައި އެ ހުރިހާ ޝަކުވާއެއް އައިސްފައިވަނީ ވެސް، އެތަނުން ހުއްދަ ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނެވެ.
އީއާރުއޭއިން މިއަދު ވަނީ އެ ޝަކުވާތައް ގެޒެޓްގައި އާއްމުކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން ލިބޭ ޝަކުވާތަކުގެ ގޮތުގައި ހުރީ:
ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ އީއައިއޭ ފުރިހަމަ ނުކޮށް، ފަޅުފުންކުރުމާއި ބިން ހިއްކުން
ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުން
ހުއްދަ ނެތް ސަރަހައްދުތަކުން ވެލި ނެގުން
މީހުން އުޅޭ ރަށްރަށާއި ރިސޯޓުތައް ކައިރިން ވެލިނެގުން
މޫސުން ގޯސްވެ މެޓު އޮފީހުން، ޔެލޯ އެލާޓް ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރުން
އެހެންވެ، އެ އޮތޯރިޓީއިން ވަނީ، އީއައިއޭ ރިޕޯޓުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު ނޫނީ މަސައްކަތް ނުފެށުމަށް އިލްތިމާސްކޮށްފަ އެވެ.
އެގޮތުން އަންގާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުން
އަތޮޅުތެރެއިން ވެލިނަގާ ނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސްރީފް އިން ފެށިގެން މަދުވެގެން 500 މީޓަރު ދުރުމިނެއް ބެހެއްޓުން
މިފަދަ މަޝްރޫއަކަށް އެ އޮތޯރިޓީއިން ދޫކޮށްފައިވާ 'ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދަ'އިގައިވާ ސަރަހައްދުތަކުން ވެލިނެގުން
އޭގެ އިތުރުން 'ހޮޕާ ޑްރެޖަރު' ބޭނުންކުރުމުގައި، އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ކުރިން 'އޯވަފްލޯ ކޮންޓްރޯލް ވޭލްވްސް' ރަނގަޅަށް ބަންދުކޮށްފައި ހުރިތޯ ޔަގީންކުރުން
ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖާ މަގުތައް ބޭނުންކުރުން
އަދި އެ މަގުތަކުން ދަތުރުކުރާއިރު 'ޓާބިޑިޓީ' މޮނިޓާކޮށް، ލެވެލް މަތިނަމަ މަސައްކަތަށް ބަދަލުގެނައުން
ޔެލޯ އެލާޓް ނެރުމުން ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުން
އޭގެ އިތުރުން އެ އޮތޯރިޓީއިން ވަނީ ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި، ގާ ހުދުމުގެ މައްސަލަ މާބޮޑުވާނެތީ، އެކަމާ ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ސަމާލުވެ، ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެދިފައިވެ އެވެ.
"މި ފަދަ ނާޒުކު ދުވަސްވަރެއްގައި މި އޮތޯރިޓީއަށް ހުށަހެޅޭ މި ފަދަ ޝަކުވާތައް ދަނީ ހާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ ފަދަ މަޝްރޫއުތައް މޮނިޓާ ކުރަމުންނެވެ،"އީއާރުއޭގެ އެންގުމުގައި ބުނެފައިވެ އެވެ.
އެތަނުން ބުނީ މަސައްކަތް ކުރުމުގައި އެތަނުން ދޫކޮށްފައިވާ ހުއްދަތަކާ ހިލާފަށް މަސައްކަތް ކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ