މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާ ނެރުއްވި ބަޔާނުގައެެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރާއިރު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 108 ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ދަރަޖައާއި އަޅާބަލާއިރު، ބަދަލު އައިސްފައިވާ އަހަރެއްކަމަށާއި މި ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ ކޮމިޝަނުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްޤުތަކާއި، ތަރައްޤީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން"އެވެ.
އެމްބީބީސީން ވިދާޅުވީ މި ޝިޢާރަށް ފިކުރު ހިންގާއިރު، ޤަބޫލުކުރަންޖެހޭ އަސާސީ އެއް ޙަޤީޤަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫންކަމަށެވެ. އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއްކަމަށާއި އެއީ އިންސާނީ ހައްޤުތަކުގެ ދިފާއީ އައްޑަނައިގެ އިތުރުން ތަރައްޤީގެ ފެހި މަގުތައް ކޮށައިދޭ އުސޫލުތަކެއްކަމަށް ވިދާޅުވިއެވެ. ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ 4 ވަނަ ބާރުކަމުގައިވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މީޑިއާގެ މުސްތަޤުބަލު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ކޮމިޝަނުން މި ފާއިތުވި ދުވަސްތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައު ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި އަދި މީޑިއާއާއި ގުޅޭ އައު ގަވައިދުތަކާއި އުސޫލްތައް ހަދައި މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެ ކޮމިޝަންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ވިދާޅުވިއެވެ. ނޫސްވެރިންގެ ރައްކާތެރިކަމާއި، ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ ކޮމިޝަނުން އެންމެ އިސްކަންދޭ ކަންކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެންގުމުގެ މިނިވަންކަމާ އެއްވަރުގެ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަމަށެވެ. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާއަކީ ރައްޔިތުންނާއި މުޖުތަމަޢުގެ ޙައްޤެއްކަމަށާއި އެހެންކަމުން މަޢުލޫމާތު ފެތުރުމުގައި، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް ހަނދާންކޮށްދޭކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންނާއި މީޑިއާގެ މަސައްކަތުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ކަނޑައްތުކުރުމުގައްޔާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި، ނޫސްވެރިންނާއި މީޑިއާތަކާއިއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަބަދުވެސް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީޑިއާތައް މާލީގޮތުން މިނިވަން ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ