ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޑޮސިއާ ތައްޔާރުކޮށް ޔުނެސްކޯއަށް ހުށަހަޅާފައިވާކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލު ތައްޔާރުކޮށް މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ޑޮސިއާ ހުށަހަޅާފައިވާ ކަމަށެވެ.
"ރާއްޖޭގެ ހިރިގަލު ވަޑާމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ފަންނީ މަސައްކަތެއްގެ ގޮތުގައި އެ ދާއިރާގެ މާހިރުން ފާހަގަކުރޭ." ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވިއެވެ.
އަދި މި ޑޮސިއާ ހުށަހެޅުމާއި ގުޅިގެން، އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ހާއްސަ އިންޓަނޭޝަނަލް ކައުންސިލް އޮން މޮނިއުމެންޓްސް އެންޑް ސައިޓްސް (އައިކޮމޯސް)ގެ ޓީމެއް މި އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޔުނެސްކޯއާ ގުޅިގެން މާނަވީ ސަގާފީ ތަރިކައާ ބެހޭ މުހިއްމު ކޮންވެންޝަނެއް މި މަހުގެ ފަހަކުން ހައަކަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ