ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރީ އަޅުވެތިވެފައިވާ ކުދި ސޯބުތަކެއްހެން ކަމަށް މަޖިލީހުގެ ވޯޓާއެކު ފަނޑިޔާރުކަމުން މިއަދު ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުން ވަކިކުރަން ނެގި ވޯޓަށްފަހު ނެރުއްވި ނޫސްބަޔާނެއްގައި އަޒްމިރަލްދާ ވިދާޅުވީ އޭނާ ވަކިކުރަން މަޖިލިސް މެންބަރުން ވޯޓުދެއްވީ ފަނޑިޔާރު އެއްވެސް ކުށެއް ނުކުރާކަން އެނގި ތިއްބަވައިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން،" އަޒްމިރަލްދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޕީއެންސީ (ކުރީގެ ޕީޕީއެމް) ގެ ފުރަތަމަ ވެރިކަމުގައި ވެސް އަޒްމިރަލްދާ ފަނޑިޔާރުކަން ގެއްލުވާލި އެވެ. އަޒްމިރަލްދާ ވިދާޅުވީ 20216 ގައި ހައި ކޯޓުން އޭނާ އިސްތިއުފާދެއްވީ މި ސަރުކާރުގެ ސިޔާސީ ފިކުރުގެ ޖަމާއަތަކުން އަޅުގަނޑު ވަޒީފާގައި ދެމިހުރުމުގައި ދަތިތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއްގެ ގޮތުން މަޖުބޫރީ ހާލަތެއްގައި ކަމަށެވެ.
"އެ ފަހަރު ވެސް ސުޕްރީމް ކޯޓާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލިހަށާއި، ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަނޑު ސިޓީ ފޮނުވިން. އެފަހަރުވެސް އެއްވެސް އިދާރާއަކުން އިޖާބައެއް ނުދިން. އޭރު މަޖިލިހުގައި ތިއްބެވި ބައެއް މެންބަރުން މިއަދުވެސް ހަމަ އެ މަޖިލިހުގައި އެބަ ތިއްބެވިކަން ހިތާމައާއެކު ފާހަގަކުރަން،" ފަނޑިޔާރު ވިދާޅުވި އެވެ.
އަޒްމިރަލްދާގެ ބަޔާން ނިންމާލެއްވީ އޭނާގެ ފަރާތުން ޖޭއެސްސީ، އޭސީސީ އަދި ދައުލަތުގެ އިދާރާތަކަށް ހުށަހެޅި ކޮންމެ މައްސަލައެއް އަދި ޝަކުވާއެއްގައި ހިމެނޭ ކޮންމެ ކަމެއް އަކުރުން އަކުރަށް އަޅުގަނޑަށް ސާބިތު ކޮށްދެވޭނެ ކަމަށް ވިދާޅުވަމުންނެވެ. އެކަމުގެ ހެކި ހުރި ކަމަށް ވެސް ވިދާޅުވަމުންނެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގަ: އަޒްމިރަލްދާ ޕީއެންސީގެ މަޖިލިސް މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގަ: އަޒްމިރަލްދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ