ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ކޯޓަށް

ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުންތަކެއް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް، މިދިޔަ މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވަކިކުރި މުވައްޒަފުންގެ ނަމާއި ވަކިކުރި އިރު މަސައްކަތް ކުރި މިނިސްޓްރީގެ މައުލޫމާތު ހޯދުމަށް ތިން މީހަކު ހުށަހެޅި މައުލޫމާތު ދޭން ރައީސް އޮފީހަށް އައިކޮމް އިން އެންގީ މިދިޔަ މަހު އެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އައިކޮމްގެ ތިން ނިންމުން ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފުތާ އާދީއްތަ ދުވަހު ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. ތިން މައްސަލަ ވެސް ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިންމު - ރައީސް އޮފީހުން އެ މައުލޫމާތުތައް ދިނުމަށް ދެކޮޅު ހަދައި ފޮނުވި ޖަވާބުތަކުގައި ވަނީ:
ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު
އެ މުވައްޒަފުންގެ މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތައް ހާމަކޮށްފި ނަމަ، އެ މީހުންގެ ޒާތީ މައުލޫމާތު ހާމަވެދާނެ
އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް އެ މައުލޫމާތު އާއްމު ނުކުރެވޭނެ
ގުޅުން ހުރި - ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ސިޔާސީ މުވައްޒަފުން މަދުކުރައްވާނެކަން އިއުލާނު ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެ ނިންމުމާ އެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ގައުމުގެ މާލީ ހާލަތު ގޯސްވެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ އިރު، ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކުރާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ