ހަނޑުލު ގުޅަ މުރަނަ ނުވާ ނަމަ މި ގޮތް ޓްރައި ކޮށްލާ! ޔަގީން މުރަނަ ވާނެ!

ބައެއް މީހުން ހަނޑުލު ގުޅަ ހަދަން ފޫހިވާ ސަބަބަކީ އެ ހަދާ ހަނޑުލު ގުޅަ މުރަނަ ނުވުމެވެ. ނަމަވެސް ދެން އެކަމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މި ގޮތަށް ހަނޑުލު ގުޅަ ހަދާލީމާ ޔަގީނުންވެސް މުރަނަ ވާނެއެވެ. 
3/4 1 ޖޯޑު ހަނޑޫ (އަވީލައި މަޑުކޮށް، ހިމުންކޮށް މުގުރާފަ)
1 ސައިސަމުސާ ލޮނު
1/3 ޖޯޑު ތެޔޮ
ފެން
1. ތަށްޓެއްގައި ހަނޑުލާއި ލޮނާއި ތެޔޮ ފޮދު އެއްކޮށްލާށެވެ.
2. ދެން މަޑުމަޑުން ފެންފޮދު އަޅަމުން ފުށްގަނޑު މޮޑެން ފަށާށެވެ. މާ ދިޔާ ނުކުރާށެވެ. 
3. މޮޑުނު ފުށްގަނޑުން ވަށްކޮށް ގުޅަ ހަދާލާށެވެ. ގާތް ގަނޑަކަށް 20 ގުޅަ ހެދޭނެއެވެ.  
1 ފިޔާ (ތުނިކޮށް ކޮށާފައި) 
1/2 ޖޯޑު ހުނި
1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު
1/4 ސައި ސަމުސާ ލޮނު (ނޫނީ ރަހަލާ ވަރަށް)
1 ލުނބޯ 
1 މަސްދަޅު
1/4 ސައިސަމުސާ ރީނދޫ
ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)
ހިކަނދިފަތް (ތުނިކޮށް ކޮށާފައި)
ތެޔޮ
1) ބޯތަށްޓަކަށް ފިޔާއާއި، އިނގުރާއި، ލޮނާއި، އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.
2) ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، މަސްދަޅާއި، ރީނދޫކޮޅުވެސް އެއަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ. އެއަށްފަހު ހުނި ކޮޅު އަޅާލައިގެންވެސް ރަނގަޅަށް މޮޑެލާށެވެ. 
3) ދެން މޮޑުނު މަސްގަނޑުންވެސް 20 ގުޅަ ޖަހާލާށެވެ. 
4) އެއަށްފަހު ފުށް ގުޅަ ފަތާ ކޮށްލުމަށްފަހު އޭގެ ތެރެއަށް މަސްހުނި ގުޅައެއް ލުމަށްފަހު މަސްގަނޑުގެ ވަށައިގެން ފުށްގަނޑު ލައްޕާލާށެވެ. ދެން މަޑުމަޑުން ވަށްކޮށްގުޅަ ޖަހާލުމަށްފަހު ދެ އަތުން އޮމާން ކޮށްލާށެވެ. 
5) ދެން ތާހަށް ތެޔޮ އެޅުމަށްފަހު، ތެޔޮ ރަނގަޅަށް ހޫނު ވުމުން ގުޅަ ތެލުލަން އަޅާލާށެވެ. ތެލުލަން އަޅާލާ ވަގުތު ގިނި ބަހައްޓަންވާނީ އާދައިގެ ވަރަކަށް ބާރުކޮށެވެ. ގާތް ގަނޑަކަށް 30 ސުކުންތު ވަންދެން ބާރު ގިނީގައި އުނދުން ބެހެއްޓުމަށްފަހު، ގުޅަ ކޮޅު ހަލުވާލާށެވެ. ދެން ގިނި މަޑު ކޮށްލާށެވެ. މަޑު ގިނީގައި ހަލުވަމުން ގުޅަ ތެލު ލާށެވެ. ގުޅަ ރަންމުށި ކުލަ އެރުމުން، ގިނި ބާރުކޮށްލުމަށްފަހު އަވަހަށް ގުޅަކޮޅު ތެޔޮފޮދުން ނަގާށެވެ. މި ގޮތަށް ބާކީ ގުޅަވެސް ތެލުލާށެވެ. އެއްފަހަރާ މާ ގިނަ ގުޅަ ނާޅަން ސަމާލުވާންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ