ދުންފަތް އަގުބޮޑު ކުރުމުން އުފެދުނު ކަޅު ބާޒާރާ އެކު އޮސްޓްރޭލިއާގައި ކުށް ކުރުން އިތުރުވެ ބޮޑެތި ގެއްލުންތަކެއް ދުންފަތް އަގުބޮޑު ކުރުމުން އުފެދުނު ކަޅު ބާޒާރާ އެކު އޮސްޓްރޭލިއާގައި ކުށް ކުރުން އިތުރުވެ ބޮޑެތި ގެއްލުންތަކެއް

ސިޑްނީ، އޮސްޓްރޭލިއާ - އޮސްޓްރޭލިއާގައި ދުންފަތުގެ އަގު ބޮޑުކުރުމާ ގުޅިގެން ގުޅިގެން ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ހަރުކަށި "ދުންފަތުގެ ހަނގުރާމައެއް" ފެށި، ޓެކްސްގެ ގޮތުގައި ލިބޭނެ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަމަށް މާކެޓު ދިރާސާ ކުރާ ތަޖުރިބާކާރުން ބުނެފި އެވެ.
ޖުމުލަ 25 ސިނގިރޭޓު އޮންނަ ފޮއްޓެއްގެ އަގު 50 އޮސްޓްރޭލިއާ ޑޮލަރަށް ބޮޑުކޮށްފައި ވާއިރު ކޮންމެ ސިނގިރޭޓަކުން 1.40 އޮސްޓްރޭލިއާ ޑޮލަރުގެ ޓެކުހެއް ދަނީ ނަގަމުންނެވެ. އޭގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ ބަޔަކު ވަނީ ފަސޭހައިން ލިބެން ހުންނަ ވަގު ސިނގިރޭޓު އިސްތިއުމާލު ކުރަން ފަށައިފަ އެވެ.
ހަމައެއާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ ވޭޕު ވިޔަފާރިތައް ހުއްޓުވައި، ބޭސްފިހާރަތަކުން މެނުވީ ވިއްކުން ގާނޫނީ ގޮތުން މަނާކޮށްފަ އެވެ. އެއާއެކު ވޭޕު ވިއްކުމުގެ ކަޅު ބާޒާރެއް ވެސް އެ ގައުމުގައި މިހާރު ވަނީ އުފެދިފަ އެވެ.
"އާންމު ސިއްހަތުގެ މައްސަލައަކަށް ވެފައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، އެ ކަން ހުއްޓުވަން އުނދަގޫވެ މަލްޓި ފްރޮންޓްޑް ކާރިސާއަކަށް މިވަނީ ބަދަލުވެފައި،" މެލްބަންގެ ޑީކިން ޔުނިވާސިޓީގައި ކްރިމިނޮލޮޖީ ކޯސްގެ ޑިރެކްޓަރުކަން ކުރައްވާ ޖޭމްސް މާޓިން އޭއެފްޕީއަށް ވިދާޅުވި އެވެ.
މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެ ގައުމުގެ ސަރުކާރުން ވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް ދުންފަތުގެ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ 6.9 ބިލިއަން ޑޮލަރުން ކުޑަކޮށްފަ އެވެ.
ކަޅު ބާޒާރުގެ ރީޓެއިލަރުންނަށާއި ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސްޓޮކް ކުރަން ދެކޮޅު ހަދާ ފިހާރަތަކުގެ ވެރިންނަށް އަމާޒުކޮށް 220 އަށް ވުރެ ގިނަ ހަމަލާ 2023 ވަނަ އަހަރު އެ ގައުމުގައި ދީފައިވެ އެވެ. އޮސްޓްރޭލިއާއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރަނީ ޗައިނާ އާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ.
"ދުންފަތުގެ ބާވަތްތަކުން ބޮޑު ޓެކުހެއް ނެގުމުގެ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ދަށް އާމްދަނީ ލިބޭ މީހުންނަށް. އެ މީހުންނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް އެ ކަމަށް ހަރަދު ކުރޭ އަދި އެ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރު،" ޔުނިވާސިޓީ އޮފް ސިޑްނީގައި ޕަބްލިކް ހެލްތުގެ ދާއިރާއިން ސީނިއާ ލެކްޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެޑްވާޑް ޖެގަސޮތީ ވިދާޅުވި އެވެ.
ދުންފަތުން ބޮޑު ޓެކުހެއް ނެގުމުގެ ސިޔާސަތެއް ކާމިޔާބުކަމާއެކު ތައާރަފުކުރި ހަމައެކަނި ގައުމަކީ ނިއުޒިލެންޑެވެ. އެ ގައުމުން އެކަން ކުރީ 2020 ވަނަ އަހަރު ވޭޕު ހުއްދަ ކުރުމަށް ފަހު ކަމަށް މާޓިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ