އެހެން ޓޫރިސްޓުންނަށް ނުފެންނަ ރާއްޖެ ބަލައި، ޚާލިދު އަޖައިބުވެއްޖެ!
ސޯޝަލް މީޑިއާއިން ރާއްޖެ ބަލައިލާ މީހަކަށް ފެންނާނީ ރާއްޖޭގެ އަގުބޮޑު ރިޒޯޓުތަކާއި ގެސްޓުހައުސްތަކެވެ. ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ މި ތަސައްވުރު ހިތުގައި އޮވެގެންނެވެ. ނަމަވެސް، މަޝްހޫރު ޔޫޓިއުބަރު ޚާލިދު އަލް އާމިރީ ރާއްޖެ އައީ ތަފާތު ރާއްޖެއެއް ތަޖުރިބާ ކުރުމުގެ އަޒުމުގައެވެ. އޭނާ ދެކެން ބޭނުންވީ ދިވެހިންގެ ދިރިއުޅުމެވެ. ކާން ބޭނުންވީ ދިވެހި ކެއުމެވެ. އަދި ދިވެހިންގެ ސަގާފަތާއި ތާރީޚު އެންމެ ގާތުން ތަޖުރިބާ ކުރަން ބޭނުންވިއެވެ. މި އަޒުމުގައި މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހުން 26ވަނަ ދުވަހަށް އޭނާ ކުރި ދަތުރު އޭނާ މިއަދު ވަނީ ޔޫޓިއުބުގައި ހިއްސާކޮށްފައެވެ. ބޭނުމަކަށް ވީ އޭނާއަށް ފެނުނު ހަގީގީ ރާއްޖެ އެހެން މީހުންނަށް ވެސް ދައްކާލުމެވެ. މި ވީޑިއޯ ފެށެނީ، ލ. ގަމުގެ ޕަރީ ފެންގަނޑު ކައިރިއަށް ވޭނެއްގައި އައިސް މަޑުކޮށްލާ ހިސާބުންނެވެ. ދަތުރުގެ ފުރަތަމަ ތަޖުރިބާއަކީ ގުދުރަތީ ރީތިކަމުގެ މިސާލެއްކަމުގައިވާ މި ފެންގަނޑެވެ. މި ފެންގަނޑުގައި އޭނަ ކެނޯ ދުއްވާ ގުދުރަތީ ރީތިކަން ތަޖުރިބާ ކުރެއެވެ. މިއީ އޭނާ ކެނޯއެއް ދުއްވި ފުރަތަމަ ފަހަރެވެ. އަތޮޅުގެ ޕަރީ ފެންގަނޑުގައި: މިއީ އޭނާ ކެނޯ ދުއްވި ފުރަތަމަ ފަހަރު -- އެއަށްފަހު އޭނާ ދަނީ ދިވެއްސެއްގެ ގެއަށް ދިވެހި ކެއުން ތަޖުރިބާ ކުރާށެވެ. މި ތަޖުރިބާގައި ލ. އަތޮޅުގެ މަޝްހޫރު ގޮޅަ ރިހަ ތައްޔާރު ކުރާތަން އޭނާ ބަލައެވެ. އަދި ގޮޅަ ރިހަ ތައްޔާރުކުރުމުގައި ކޮންމެވެސް ވަރަކަށް ޝާމިލުވެއެވެ. ދެން އޮތީ ކެއުމަށް އިންސާފު ކުރުމެވެ. ގޮޅަ ރިހައިގެ އިތުރުން، ރިހަ ފޮޅިއާއި، ތެލުލި ބަނބުކެޔޮ އޭނާ ރަހަބަލައެވެ. ތެލުލި ބަނބުކެޔޮ ކެއީ ރިހާކުރާ ޖައްސައިގެންނެވެ. މި ތަޖުރިބާ އޭނާއަށް އެންމެ ތަފާތުވީ ރިހާކުރު ކުޅިވުމުންނެވެ. ޚާލިދު ދިވެހި އާއިލާއަކާއެކު ދުފަނީ -- ޚާލިދްގެ މި ދަތުރުގައި ދެވަނަ ދުވަސް ޚާއްސަ ކުރީ ރާއްޖޭގެ ތާރީޚާއި ސަގާފަތް ބަލައިލުމަށެވެ. އެގޮތުން 332 އަހަރުގެ މިސްކިތެއް ބަލައިލުމަށް އޭނާ ދަތުރުފަށަނީ ލޯންޗެއްގައެވެ. މިއީ ކޮން ރަށެއްގެ މިސްކިތެއްކަން ނުބުނި ނަމަވެސް، ބެލެވޭ ގޮތުގައި މިއީ އިސްދޫ އާސާރީ މިސްކިތެވެ. ޚާލިދަށް އެންމެ އަޖައިބުކުރުވަނިވި ކަމަކަށް ފެނުނީ މިސްކިތުގެ ވަކަރުތަކުގައި ކަނޑައި ނަގާފައިވާ ލިޔުންތަކެވެ. "މިކަހަލަ މިސްކިތަކަށް ޒިޔާރާތްކުރުމުގެ އެންމެ އުފާވެރި ކަމަކީ މި ލިބެނީ 100އަށްވުރެ ގިނަ އަހަރުގެ ޒަމާންވީ މައުލޫމާތު. އޭގެތެރޭގައި، ލިޔުމުން އައިސްފައިވާ އާސާރީ ވާހަކަތަކާއި، ސަގާފަތާއި، ރާއްޖޭގައި ރަސްކަން ކުރި ރަސްގެފާނުންގެ މައުލޫމާތު އެބަ ލިބޭ،" އޭނާ ކިޔައިދިނެވެ. މިސްކިތް ބަލައިލުމަށްފަހު އެރަށުގެ މީހުންނާ ބައްދަލުކޮށް އަނެއްކާވެސް އޭނާ ހޯދީ "ހަގީގީ ރައްޖޭ"ގެ ތަޖުރިބާއެވެ. އެއަށްފަހު އޭނާ ދެން ބައްދަލުކުރަނީ ރަށެއްގެ ގޮނޑުދޮށުން ބޮޑުބެރު ލަވައަކާއެކުއެވެ. ބެރުގެ ފޯރިއާއެކު އޭނާ ވެސް ބޮޑުބެރަށް ނަށަން މަސައްކަތް ކުރެއެވެ. އަދި ބެރު ޖަހަން ވެސް މަސައްކަތް ކުރެއެވެ. ޚާލިދު ބޮޑުބެރު ޖެހުމާއި، ނެށުން ތަޖުރިބާކުރަނީ -- "އަހަރެންގެ އަތަށް ވަރަށް ތަދުވޭ،" ބެރުޖެހުމުގެ ތަޖުރިބާއަކީ ފެންނަ ފެނުމަށް ފަސޭހަ ވިޔަސް އޭނާ ހީކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް، މި ތަޖުރިބާ އޭނާ ސިފަކުރީ ތަފާތު އުފާވެރި އަދި މަޖާ ތަޖުރިބާއެއްގެ ގޮތުގައެވެ. އެއަށްފަހު ދެން ދަނީ ވެރިރަށް މާލެއަށެވެ. މާލޭން ފުރަތަމަ ވެސް އޭނާ ބަލައިލަން ބޭނުންވީ ސަލްމާން މިސްކިތެވެ. "ރަށްރަށުން ފެނުނު މިސްކިތްތަކާ މި މިސްކިތުގެ ޑިޒައިން ވެސް އެއް ގޮތަކަށް ހުންނަހެން ސިފަވަނީ. ވަރަށް ގިނައިން ފިލާ ބޭނުންކޮށްފައި ހުންނަ އިރު، ލައިޓުތައް ވެސް އެއްގޮޮތް. ކުރިން ފެނުނު މިސްކިތުގައި ޖަހާފައި ހުރި ބިއްލޫރި ހުރީ އެހެން ކުލައެއްގައި. ވަރަށް ރީތި،" އޭނާ ބުންޏެވެ. މާލެއިން ދެން ފެނުނީ މާރުކޭޓެވެ. އޭނާ ބެލީ މަރުކޭޓުގައި ތިބޭ ދިވެހިންނާ ވާހަކަ ދައްކައިގެން ތަކެތީގެ އަގު ކުޑަކޮށްގެން ގަނެވޭތޯއެވެ. "މިކަހަލަ މާރުކޭޓުތައް އެންމެ މަޝްހޫރު ވާނީ އެކަމަށް،" ނަމަވެސް، އޭނާގެ މަަސައްކަތް ކާމިޔާބެއް ނުވިއެވެ. ޚާލިދު މާރުކޭޓުގައި: އޭނާ ވިޔަފާރިވެރިންނާ ވާހަކަ ދައްކައި، ސަމާސާކޮށް ހެދި -- މާލެ އައިސްފިނަމަ ކޮންމެހެން ވެސް ތަޖުރިބާކުރަން ޖެހޭ އެއް ތަނަކީ ހުކުރު މިސްކިތެވެ. "މި މިސްކިތް ފެނުނީމަ ހަނދާން ވަނީ ރަށުން ފެނުނު މިސްކިތް. ޑިޒައިން އެއްގޮތްވީމައި،" އޭނާ ބުންޏެވެ. މި މިސްކިތް އޭނާ ސިފަކުރީ ބަލައި ފޫހި ނުވާނެ "މާސްޓާޕީސް"އެއްގެ ގޮތުގައެވެ. އެންމެ އަޖައިބުވީ ކަމެއްގެ ގޮތުގައި ފާހަގަކުރީ މިސްކިތް ބިނާ ކުރުމަށް އިސްކުރު މޮހޮރު ފަދަ އެއްޗެއް ބޭނުންކޮށްފައި ނެތުމެވެ. ޚާލިދު ހުކުރު މިސްކިތް ބަލައިލަނީ: މިސްކިތް ބިނާކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ 'މާސްޓާޕީސް'އެއްގެ ގޮތުގައި އޭނާ ސިފަކުރި -- ދުވަހުގެ މިހާހިސާބަށް އާދެވުނުއިރު ބަނޑުހައިވެފައި ހުރިކަން ޚާލިދު ފާހަގަކުރިއެވެ. ނަމަވެސް ފަސޭހައިން ކެވެން ނެތީ، ދިވެހިންގެ ލެއާ ގުޅިފައިވަ މަސްވެރިކަން ތަޖުރިބާ ކުރަން ބޭނުން ވުމުންނެވެ. އެހެންކަމުން މާލެއިން ކުޑަ ދޯންޏަކަށް އަރައިގެން ނައްޓާލީ މަހަށެވެ. "ރާއްޖެއިން އަހަންނަށް ވަރަށް ގިނަ އާ ކަންކަން ދަސްވެއްޖެ. އޭގެ ތެރެއިން އެއް ކަމަކީ އަހަންނަށް މަސްބާނަން ނޭނގޭކަން،" ސަމާސާ ރާގަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް މަހެއް ބޭނޭތޯ އޭނަ މަސައްކަތް ފެށިއެވެ. ނަމަވެސް، ކާމިޔާބުވާގޮތެއް ނުވިއެވެ. މަސް ދަތުރާއެކު ރާއްޖެއަށް ޚާލިދު ކުރި ދަތުރު ވެސް ނިމުނީއެވެ. "ރާއްޖޭގައި މި ހޭދަކުރެވުނީ ހަތަރު ދުވަސް. މިއީ އެންމެން އިންސްޓަގްރާމުން ދައްކާ ރާއްޖެއެއް ނޫން. މިއީ ދިވެހިން ދިރިއުޅޭ ރާއްޖެ. އަހަރެން ހީކުރިވަރަށް ވުރެ މާބޮޑަށް ރާއްޖެއާ ގަޔާވެވިއްޖެ." އޭނާގެ ހަގީގީ ރާއްޖެ ތަޖުރިބާކުރި ވީޑިއޯ ނިންމާލީ މިހެން ބުނުމަށްފަހުއެވެ. މި ތަޖުރިބާގެ ސަބަބުން ހަގީގަތުގައި ވެސް އަޖައިބުވެހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ