ސިޓީން ކާކޭޒްގެ ޑީލް ހައިޖެކް ކުރެވޭތޯ މަސައްކަތް ކުރަނީ ސިޓީން ކާކޭޒްގެ ޑީލް ހައިޖެކް ކުރެވޭތޯ މަސައްކަތް ކުރަނީ

މެންޗެސްޓާ (މެއި 23) - ބޯންމައުތަށް ކުޅެމުން އަންނަ ހަންގޭރީގެ ވާތުބެކް، މިލޯސް ކާކޭޒް، ގަންނަން ލިވަޕޫލުން މަޝްވަރާތައް ކުރިއަށްގެންދަމުން ދަނިކޮށް، މެންޗެސްޓާ ސިޓީން އެ ޑީލް ހައިޖެކް ކުރަން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހަންގޭރީގެ ގައުމީ ޓީމަށް ކުޅޭ ކާކޭޒް އަކީ މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ފުލްބެކް އެެވެ. އޭނާ ވަނީ، 37 މެޗުން ދެ ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުން އަންނަ ސީޒަނަށް ޓީމު ވަރުގަަދަ ކުރުމަށް ކުރާ މަސައްކަތުގައި ދެ ފުލްބެކުން ގަންނަން ނިންމާފައިވާއިރު، ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅޭ ޖެރެމީ ފްރިމްޕޮންގެ ޑީލް ނިންމުމަށް ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އަދި، އެ އަށް ފަހު، ކާކޭޒް، 21، ގަންނަން ލިވަޕޫލުން ވާހަކަތައް ފަށާފައިވާއިރު، އެ ޑީލްގެ އަގު، 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކާކޭޒް، ބޯންމައުތަށް 2023 ވަނަ އަހަރު، 23 މިލިއަން ޑޮލަރުގެ ޑީލަކަށް ސޮއިކުރިއިރު، އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރަކީ، މި ވަގުތު ލިވަޕޫލްގެ އެ މަގާމުގައި ހުރި ރިޗަޑް ހިއުސް އެވެ. ލިވަޕޫލަށް ކާކޭޒް ސޮއިކުރުމުގެ ކަންކަން ވެސް ކުރިއަށްގެންދަނީ، ހިއުސް އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކާކޭޒްގެ ރޭހަށް ސިޓީން ވަދެފައިވަނީ، އޭނާ އަށް ބޮޑު ބިޑެއް ކުރާ ގޮތަށެވެ. އަދި، ލިވަޕޫލުން ހުށަހަޅާ ވަރަށް ވުރެ ރަނގަޅު ޑީލެއް ކާކޭޒަށް ދޭން ސިޓީން އޮތީ ނިންމައިފަ އެވެ. އެހެންކަމުން، މި ޑީލްގައި ގޮތް ނިންމުމުގެ ހުރިހާ އިހުތިޔާރެއް އަންނާނީ ކާކޭޒަށް ކަމަށް ބެލެވެ އެވެ.
ލިވަޕޫލްގައި މި ވަގުުތު ތިިބި ދެ ވާތު ބެކުންނަކީ، ސްކޮޓްލެންޑްގެ އެންޑީ ރޮބަޓްސަން އާއި ގްރީސްގެ ކޮސްޓަސް ސިމިކާސް އެވެ. މީގެ ތެރެއިން، ރޮބަޓްސަންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްއިރު، ސިމިކާސް އަކީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓް ތެރޭގައި ލިވަޕޫލުން ވިއްކާލާނެ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ