5 މަހުގެ ދަރިފުޅު މަރުވިއިރު ވެސް އެނގެންޖެހޭ މައުލޫމާތު ސިއްރުކުރި، އިހުމާލުތަކެއް އެބަހުރި: އާއިލާ
ނ. ފޮއްދުއަށް ނިސްބަތްވާ އުމުރުން ފަސް މަހުގެ ތުއްތު އަންހެން ކުއްޖާ އިއްޔެ މެންދުރު ނިޔާވިއިރު ވެސް ކުއްޖާއަށް ވީ ކިހިނެއްކަމެއް ނ. އަތޮޅު ހޮސްޕިޓަލުން އާއިލާ ގާތު ބުނެފައިނުވާ ކަމަށާއި، ކުއްޖާގެ ހާލަތު އިމަޖެންސީ ކަމަށް ބުނިތާ އެތައް އިރެއްވިއިރު ވެސް އިތުރު ފަރުވާއަށް މާލެ ނުގެންދެވުމުގައި އިހުމާލުތަކެއް އެބަހުރި ކަމަށް ކުއްޖާގެ އާއިލާއިން މިއަދު ބުނެފިއެވެ. އެ ތުއްތު ކުއްޖާ ފޮއްދޫ ސިއްހީ މަރުކަޒުން އެންމެ ފުރަތަމަ ވެލިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ ނޭވާ ކުރުވެ، ގާތުން ނުބުއިމުގެ ސަބަބުންނެވެ. ވެލިދޫ ސިއްހީ މަރުކަޒުން އެ ކުއްޖާގެ ހާލަތު ކްރިޓިކަލް ކަމަށް ބުނެ އިތުރު ފަރުވާއަށް ދެން ފޮނުވައިލީ ނ. އަތޮޅުގައި ވެރިކަން ކުރާ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްޖާ އެ ހޮސްޕިޓަލަށް ގެނައީ ބުރާސްފަތި ވިލޭރޭ 02:50 ގައެވެ. ކުއްޖާ މާލެއަށް ނުގެންދެވި އުޅެނިކޮށް އެ ހޮސްޕިޓަލުގައި ނިޔާވީ އިއްޔެ މެންދުރު 12:35ގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެމަޖެންސީ ނަމަވެސް، އެ ހޮސްޕިޓަލުގައި ކުއްޖާ ގާތްގަނޑަކަށް 10 ވަރަކަށް ގަޑިއިރު އޮތެވެ. ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން "ސަން" އާ ވާހަކަދައްކަމުން އެ ކުއްޖާގެ ބައްޕަ މުހައްމަދު އިދުހާމް ބުނީ ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ތަނާ އެންމެ ފުރަތަމަ ވެސް ނެގީ އެކްސް-ރޭއެއް ކަމަށެވެ. ނަމަވެސް އެކްސް-ރޭއިން ފާހަގަވި އެއްވެސް މައްސަލައެއް އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމަށް އިދުހާމް ބުންޏެވެ. ފަރުވާ ދޭން ފަށާފައި، ފަތިހު 5:30 ހާއިރު ކުއްޖާ ސީރިއަސް ކަމަށް ބުނި ކަމަށް އިދުހާމް ކިޔައިދިނެވެ. "ބުނީ މިކޮޅުން ދެން ދެވޭނެ ފަރުވާއެއް ނެތޭ، މާލެ ފޮނުވާލަން އެބަޖެހެއޭ އެމަޖެންސީގައި. ދެން ބުނީ ބޭނުންވަނީ އެއާ އެމްބިއުލާންސްހޭ. އަޅުގަނޑު ބުނިން އާންއެކޭ. ބުނީމަ އޭގެ އެއް ގަޑިއިރު ފަހުން އަޕްޑޭޓެއް ނައީމަ އަޅުގަނޑު ރިސެޕްޝަނަށް ގޮސް އެހިން ކޮބާހޭ އަޕްޑޭޓަކީ. ބުނީމަ ބުނީ މިކޮޅުން ފިލްކުރަންޖެހޭ މައުލޫމާތުތައް ފިލްކޮށްފަ ފޮނުވާނަމޭ،" އިދުހާމް ކިޔައިދިނެވެ. "އެގަޑީ ދެން ބުނީ އައިޑީ ކާޑަށް. އެއީ އަދިކިރިޔާ ފޯމު ފިލްކުރަން. އެކަމު އޭގެ އެއްގަޑިއިރު ކުރިން ބުނި އިމަޖެންސީއޭ. އިމަޖެންސީއިރު، ކީއްވެހޭ މާ ގިނައިރު ވާންވީ؟ އޭގެ އެއްގަޑިއިރު ފަހުން އަނެއްކާ އަޕްޑޭޓެއް ނެތީމަ ދިޔަ އިރު ބުނީ މިހާރު އެޕްރޫވްވެފައޭ އިނީ އެކަމު އަދި އެއާ އެމްބިއުލާންސް ޓައިމެއް ނުދެއޭ،" އެތައް ފަހަރަކު މައުލޫމާތު އޮޅުން ފިލުވަން ހޮސްޕިޓަލްގެ ރިސެޕްޝަނަށް ދިޔަ ގޮތް ހިއްސާކުރަމުން އިދުހާމް ކިޔައިދިނެވެ. ނ. މަނަދޫ -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ ދެފަހަރެއް މަތިން ރިސެޕްޝަނަށް ގޮސް އަނެއްކާވެސް ގިނަ އިރުވެ، ގޮސް ސުވާލުކުރުމުން ހޮސްޕިޓަލުން ބުނީ ނ. މާފަރުން މޯލްޑިވިއަންގެ ބޯޓަކަށް ރިޒަވޭޝަން ހައްދަމުން އަންނަ ކަމަށްކަން އިދުހާމް ބުންޏެވެ. އެއާއެކު ދެން އޭނާ ގުޅީ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސަށެވެ. "އެމްޕީ، ހޮސްޕިޓަލްގެ މެނޭޖަރަށް ގުޅައިގެން އެއާ އެމްބިއުލާންސަށް ބަދަލުކުރީ އަނެއްކާ. އަނެއްކާ ޓައިމެއް ނުލިބިގެން އަޅުގަނޑު ރިސެޕްޝަނަށް ދިޔައީމަ ބުނީ އިރުކޮޅެއް ތެރޭ މި ދެނީއޭ. އޭރު ކުއްޖާގެ އެންމެ ފަހު ވަގުތުކޮޅު،" އިދުހާމް ބުންޏެވެ. އެވަގުތު ދަރިފުޅުގެ ހަރަކާތް ލަސްވެ، ފުންކޮށް ނޭވާ ލާކަން ފާހަގަވުމާއެކު ނަރުހުންނާއި ޑޮކްޓަރުންނަށް ތިން ފަހަރެއްގެ މަތިން އާއިލާއިން އެންގިއެވެ. ދަރިފުޅުގެ ހާލަތު ބެލުމަށްފަހު، "އެއީ ކުއްޖާ ރޮއެ ރޮއެ ވަރުބަލިވީމަ ފުންކޮށް ނޭވާލަނީ" ކަމަށާއި، ކަމެއްނެތް ކަމަށް ބުނި ކަމަށް އިދުހާމް ބުންޏެވެ. އޭރު ވެސް ވެގެން އުޅޭ ގޮތެއް އާއިލާއާ ހިއްސާ ނުކުރާ ކަމަށް އިދުހާމް ބުންޏެވެ. "ދެން ކުއްޖާ ނިޔާވި ފަހުން އައިއްސަ އެ ރޭ ދަންވަރު ނެގި އެކްސްރޭ އާ ބެހޭގޮތުން އަޅުގަނޑުމެންނާ ވާހަކަދެއްކީ. ކުއްޖާގެ ހިތުގެ މައްސަލައެކޭ. ކުއްޖާގެ ހިތް ވަރަށް ބޮޑޭ ކިޔާފައި. އެ ހާލަތުގައި އެކްސްރޭ ނެގިއިރު ކީއްވެހޭ އެކްޝަންއެއް ނުނެގެންވީ؟ އަޅުގަނޑުމެންނާ އެ ވާހަކަ ހިއްސާނުކޮށް އިތުރު ދޮގުތަކެއް ހެދީ ކީއްވެހޭ؟،" އިދުހާމް ބުންޏެވެ. އިދުހާމް ބުނި ގޮތުގައި ދަރިފުޅަށް އަވަސް ފަރުވާ ނުލިބުމުގައި ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ޑޮކްޓަރުންގެ އިހުމާލު އެބައޮތެވެ. އަދި އިހުމާލުވީ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. "އަޅުގަނޑަށް އެނގޭ މިވާހަކަ ދެއްކިޔަސް އެ ކުއްޖާ އެނބުރި ނާންނާނެކަން. އެކަމު މިކަން ތަކުރާރުވާން ނޭދެމޭ ދެވަނަ ފަހަރަށް ވެސް. މިކަމުގަ އެމީހުންނާ ދޭތެރޭ ވެސް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ނިކަމެތި ރައްޔިތުން،" އިދުހާމް ބުންޏެވެ. "ކުއްލިއަކަށް ދަރިފުޅަށް ވީކަމެއް އެއީ. މީގެ ކުރިން ނޯޓިސްއެއް ނުވޭ އެފަދަ ކަމެއް ދަރިފުޅުގެ،" އިދުހާމް އިތުރަށް ބުންޏެވެ. އެ ތުހުމަތުތަކާ ގުޅޭގޮތުން "ސަން" އިން އިއްޔެ ސުވާލުކުރުމުން ނ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު ރިލްވާން ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެ ހޮސްޕިޓަލަށް ކުއްޖާ ގެނައިތަނާ ވަގުތުން އައިޖީއެމްއެޗާ އެ ކޭސްގެ މައުލޫމާތު ހިއްސާކޮށް، ފަސް ގަޑިއިރު ނުވަނީސް ކޭސް ޑިސްކަސްކޮށް ގޮތެއް ނިންމި ކަމަށް ވިދާޅުވިއެވެ. https://sun.mv/206357 އަދި ކުއްޖާ މާލެ ގެންދިޔުމަށް އިމަޖެންސީ އިވެކުއޭޝަން ފޯމާއި ހުރިހާ ކަމެއް ހަމަޖައްސައި އާސަންދައަށް ހުށަހެޅުމުން 10:38ގައި އާސަންދައިން އެކްސެޕްޓްކޮށް، ދަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ރިލްވާން ވިދާޅުވިއެވެ. ރިލްވާން ވިދާޅުވި ގޮތުގައި އެ ކޭސް އެ ހޮސްޕިޓަލުން ބެލީ ވެސް، އެ ހޮސްޕިޓަލުގައި މިވަގުތު ހުރި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެވެ. ފުރަތަމަ ކަމަކަށް ދަތުރުކުރެވޭ ހާލަތަށް ޕެޝަންޓު ސްޓޭބަލްތޯ ބަލަންޖެހޭނެ ކަމަށް ރިލްވާން ވިދާޅުވިއެވެ. ނަމަވެސް ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ދަތުރުކުރަން ކުއްޖާގެ ސްޓެބިލިޓީއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް އެ ހުރިހާއިރު ހޮސްޕިޓަލުން ހިއްސައެއް ނުކުރެއެވެ. ހަމައެއާއެކު އިއްޔެ ރިލްވާން ވަނީ، ކުއްޖާގެ އާއިލާއިން މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް އެދުނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުއްޖާގެ ބައްޕަ ވަނީ އެ ވާހަކަ ވެސް ދޮގުކޮށްފައެވެ. އަދި އާއިލާއިން އެފަދައިން އެދިފައި ނުވާނެ ކަމަށް ބުންޏެވެ. އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، އެކަން ބަލަމުން ދާ ކަމަށެވެ. އޭގެ ފަހުން މިނިސްޓްރީން އެ މައްސަލައާ ގުޅޭ އިތުރު އަޕްޑޭޓެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ