ކޮންމެ އަހަރަކު އެތައް ޓްރިލިއަން ޑޮލަރެއް ދައުރު ކުރާ އެމެރިކާ ދައުލަތުގެ ޕޭމަންޓް ސިސްޓަމަށް ވަނުމުގެ ހުއްދަ އީލޮން މަސްކްގެ ޓީމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަސްކް އިސްވެ ހުންނަވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޯޖް)ގެ މެމްބަރުންނަށް އެމެރިކާގެ އެތައް މިލިއަން ބައެއްގެ ނާޒުކު ޒާތީ މައުލޫމާތުތަކަށް ވަނުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ޑޯޖަކީ ސަރުކާރުގެ ޑިޕާޓްމަންޓެއް ނޫންނެވެ. އެއީ ސަރުކާރުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.
އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ދެ އޮފިޝަލަކު ޗުއްޓީއަށް ފޮނުވާލީ ޑޯޖްގެ މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ގުޅިގެން ވައިޓް ހައުސް އާއި ޓްރެޝަރީ ޑިޕާޓްމަންޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ޑޯޖް ލޯންޗުކުރެއްވިކަން އިއުލާން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ މައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ޑޯޖުގެ މުހިންމުކަމުގެ ވާހަކަ ވަނީ ދައްކަވައިފަ އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސްކް ވަނީ ޓީމެއް އުފައްދަވާފަ އެވެ. އަދި އެ މަސައްކަތަށް އެހީތެރިވުމަށް އޭނާގެ އަމިއްލަ ކުންފުނިތަކާއި ސިލިކަން ވެލީގެ ބައިވެރިން ވަނީ ގެނެސްފަ އެވެ.
އެ މަސައްކަތްތަކުގެ ސަބަބުން ޓްރެޝަރީ ޑިޕާޓްމަންޓާއި ޔޫއެސްއެއިޑް ފަދަ އެޖެންސީތަކުގެ ތެރޭގައި ހަލަބޮލިކަމެއް އުފެދޭ ކޮންމެ ފަހަރަކު ޓެސްލާގެ ވެރިޔާ ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ވަނީ އެ ކަމަށް ރައްދުދެއްވާފަ އެވެ.
އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ބިލިއަނަރު ވަނީ ޔޫއެސްއެއިޑަކީ ގޯސް ކަމެއް ކަމަށް ސިފަކޮށް، ޓްރެޝަރީގެ މުވައްޒަފުން "ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއަކު ގާނޫނާ ހިލާފުވާ" ކަމަށް ބުނެފަ އެވެ.
ޑޯޖުްއަށް އިހުތިޔާރުދީފައިވާ ޓްރެޝަރީ ޑިވިޝަނަކީ ސޯޝަލް ސެކިއުރިޓީ ފަދަ ޕްރޮގްރާމްތަކަށް ގާތްގަނޑަކަށް 6 ޓްރިލިއަން ޑޮލަރުގެ ޕޭމަންޓް ބެލެހެއްޓުމާއި ސަރުކާރުގެ މުސާރަ ދިނުމާއި ކޮންގްރެސްއިން ދޫކުރާ ފައިސާ ބަހަމުން އަންނަ ޑިވިޝަނެކެވެ.
ޕޭމަންޓް ސިސްޓަމަށް ވަނުމުގެ ފުރުސަތު ދީފައިވަނީ އަލަށް މަގާމާ ހަވާލުވި ސެކްރެޓަރީ ސްކޮޓް ބެސެންޓް މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެކަން ހިނގާފައި ވަނީ ޑޭވިޑް ލެބްރިކް ނަމަކަށް ކިޔާ ގިނަ ދުވަސްތަކެއް ވަންދެން ޓްރެޝަރީގައި މަސައްކަތް ކުރެއްވި އޮފިޝަލަކު އިދާރީ ޗުއްޓީގައި ބަހައްޓައިގެން ކުއްލިއަކަށް ރިޓަޔާ ކުރެއްވި ދުވަހު ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.
އެ ނޫހުން ބުނީ ލެބްރިކް ވަނީ "މުޅި ފެޑެރަލް ސަރުކާރުގެ ފަރާތުން ފައިސާ ފޮނުވާ ޑިޕާޓްމަންޓްގެ ޕޭމަންޓް ސިސްޓަމަށް މަސްކްގެ އައުވާނުން ގެނައުމުގެ ހުއްދަ ދިނުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައި" ކަމަށެވެ.
އާންމު ގޮތެއްގައި ޕޭމަންޓް ސިސްޓަމްގައި މަސައްކަތް ކުރަނީ ޓްރެޝަރީ މުވައްޒަފުންގެ ތެރެއިން މަދު ބައެކެވެ.
"ސާފުކޮށް ބުނަންޏާ، މި ޕޭމަންޓް ސިސްޓަމްތައް ފެއިލް ނުވާނެ. އަދި ސިޔާސީ ގޮތުން އެ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ،" ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެމެރިކާގެ ސެނެޓަރު ރޮން ވައިޑެން ވިދާޅުވި އެވެ.
"މި ޕޭމަންޓް ސިސްޓަމްތައް ގޯސްކޮށް ބެލެހެއްޓުމުގެ ނަތީޖާއަކަށް ވާނީ އެމެރިކާގެ ފުރިހަމަ އިތުބާރާއި ކްރެޑިޓަށް ނުރައްކާވެދާނެ ކަމަކަށް."
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބިލިއަން ޑޮލަރެއްގެ އެހީދޭ ޔޫއެސްއެއިޑްގެ މަސައްކަތަށް ވެސް މަސްކްގެ ބައިވެރިން ދަނީ ހުރަސް އަޅަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ އެޖެންސީގެ ވެބްސައިޓް މަސައްކަތެއް ނުކުރެ އެވެ. އަދި އެ އެޖެންސީގެ އެކްސް އެކައުންޓް ވަނީ ޑިއެކްޓިވޭޓްކޮށްފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ސަލާމަތީ ބާރުތަކުގެ އިސް ދެ އޮފިޝަލަކު އިދާރީ ޗުއްޓީގައި ބެހެއްޓީ އެ އެޖެންސީއަށް ވަނުމަށް ޑޯޖް ޓީމުގެ މެމްބަރުންނާ ދެކޮޅު ހެދުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ ސަރުކާރުގެ މާލީ ނިޒާމަށް ވަނުމުގެ ޖާގަ މަސްކުގެ ޓީމަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ