އައްޑޫ ސިޓީ ފޭދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
އައްޑޫ ސިޓީގައި "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރެއްވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މޭ މަހު ނިންމެވި ނިންމެވުމެވެ.
މާލެއާއި އަތޮޅުތަކުގައި އިސްރަށްވެހިންގެ ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތަކީ އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެހީތެރިކަން ބޭނުންވާ މީހުންނަށް ދަޢުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރަން ނިންމާފަވާ މަރުކަޒުތަކެކެވެ.
އަތޮޅުތަކުގައި އަޅާ މީގެ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީ ފޭދޫގައި އެޅުމަށް، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މިދިޔަ އަހަރުގެ މޭ މަހުގެ 20ވަނަ ދުވަހުއެވެ.
"އިސްރަށްވެހިންގެ ހިޔާވަހި" އަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ހަދާ ތަނެކެވެ. އެތަނުން ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެއެވެ.
"އިސްރަށްވެހިންގެ ހިޔާވަހި" ފެދޫގައި އެޅުމަށް އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރައިން ހުޅުވާލާފައިވަނީ، ޑިޒައިން، ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލަށެވެ. މި ޕްރޮޖެކްޓް ހިންގާނީ ދަޢުލަތުން ޚަރަދުކޮށްގެންނެވެ. މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓަރ ކުރެވޭނެއެވެ.
ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްތަކުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށްވެސް ނިންމާފައެވެ. މިފަދަ ނަދީތަކަކީ މުޖުތަމަޢުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އިސްރަށްވެހިންނަށް ކުޅިވަރާއި އެކިކަލަ ހަރަކާތްތަކުގައި ހަރަކާތްތެރިވެ އުޅުމުގެ ފުރުޞަތު ދިނުމަށް ޤާއިމުކުރާ ތަންތަނެވެ. އެތަންތަނުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ހުނަރު ދަސްކޮށްދޭ ވޯކްޝޮޕްތައް ހިންގުމާއި މަޢުލޫމާތު ދިނުން އަދި ކުޅިވަރު ހަރަކާތްތަކާއި އުމުރުން ދުވަވީމީހުންގެ އެއްވުންތައް ބާއްވައެވެ. މިވަގުތު މާލޭގައި އަންނަނީ ކާމިޔާބުކަމާއެކު އިސްރަށްވެހިންގެ ނާދީ ހިންގަމުންނެވެ.
އައްޑޫ ސިޓީ ފޭދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" އަޅާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ