ޕޮލިސް ފްލެޓުތަކުގެ ތަހުގީގަށް އޭސީސީއިން ޕޮލްކޯއަށް ވަދެއްޖެ

ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އާ ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއޫ'ގެ ނަމުގައި ހިންގި މަޝްރޫއުއާ ގުޅޭ ތަހުގީގަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއިން) ޕޮލްކޯއަށް ވަދެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ހައުސިން މަޝްރޫއުއަށް 1 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހި، މި މަޝްރޫއުގެ ތެރެއިން މިދިޔަ 11 އަހަރު ތެރޭ ހިޔާނާތަށް ތުހުމަތުވާ އެތައް ކަމެއް ހިންގާފައިވާކަން މިދިޔަ މަހު އާންމުކުރި އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.
ބުނީ ކީކޭ؟ - "ޕޮލްކޯ ފްލެޓުތަކާ ގުޅޭ ތަހުގީގަށް އޭސީސީއިން ޕޮލްކޯއަށް ވަދެ ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ތަފްސީލް - އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި ނޫމަޑިއާ 580 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ބީލަމަށް ނުލަ އެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރުމަށް ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވަޒަންކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 
އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއޫ ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ