މޫސުމާއި ގުޅުންހުރި ޞިއްޙީ ނުރައްކާތަކުން އަރައިގަތުމަށް، މިފަދަ ކަންކަން ކުރިމަތިލާން ޖެހޭ ނާޒުކު ޤައުމުތަކަށް ބޮޑެތި ޤައުމުތަކުން އެހީތެރިވުމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ވަޒީރު މިފަދައިން ގޮވާލެއްވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސުވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ސިއްޙަތާ ބެހޭ ވަޒީރު ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ.
ވަޒީރު ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ "ހެލްތު ފޯރ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ، ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް، ކުރިމަގުގައި ޤާއިމުކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރެވޭ "ގްރީން ސްމާޓް ހޮސްޕިޓަލް" ތަކަކަށް ވެގެންދާނެކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިއްސާރަވެ ފެންބޮޑުވުމާއެކު، ބަލިތައް ފެތުރޭ މިންވަރު އިތުރުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ސިއްޙީ ނިޒާމު ކުރިއެރުންތަކެއް ހޯދިނަމަވެސް، މިކަމުގެ ސަބަބުން ސިއްޙީ ނިޒާމުގެ ތެރެއިން ޚިދުމަތް ދިނުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން އަރައިގަތުމަށް ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަން ފާހަގަކޮށް ސިއްޙަތު ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުން އެހީވެދިނުމަށް ސިއްޙަތާއި ބެހޭ ވަޒީރު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ޒުވާނުން ދުންފަތުގެ އިސްތިޢުމާލުން ރައްކާތެރިކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ބަލިތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް) ގެ ބޭނުންކުރުން މިހާރު މަނާކުރެވިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޞިއްޚީ ކުއްލި ނުރައްކާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ހިމެނޭގޮތަށް، ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ޞިއްޙީ ގޮންޖެހުންތައް ޙައްލުކުރުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމްއާއި އެ ޖަމްޢިއްޔާގެ އިސްވެރިން ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މޫސުމާއި ގުޅުންހުރި ސިއްޙީ ނުރައްކާތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: ވަޒީރު ނާޡިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ