އެމްއެމްޕީއާރުސީގެ އަމާޒަކީ މި އަހަރު އިންޑިއާއިން 300،000 ޓޫރިސްޓުން ގެނައުން އެމްއެމްޕީއާރުސީގެ އަމާޒަކީ މި އަހަރު އިންޑިއާއިން 300،000 ޓޫރިސްޓުން ގެނައުން

ހާރިޖީ ގުޅުން ގޯސްވެ މިދިޔަ އަހަރު ވަރަށް ބޮޑަށް އަޑިއަޅާލި އިންޑިއާގެ މާކެޓު ރަނގަޅުކޮށް، މި އަހަރު 300،000 ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެ.
ފަތުރުވެރިކަން ޕްރޮމޯޓުކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން އަބްދުﷲ ގިޔާސް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް އަހަރުގެ ކޮންމެ މަހަކު ހެން އިންޑިއާގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
"ވަރަށް ބޮޑު ކެމްޕޭނެއް ގޮތަށް މި ގެންދަނީ. އަލަށް އަޅުގަނޑުމެން މި ޓާގެޓުކުރަނީ ބްރޭންޑް އެމްބެސެޑަރެއް ވެސް ނަގައިގެން އިންޑިއާގެ މާސް މީޑިއާތަކުގަ އިސްތިހާރުވެސްކުރަން. ކްރިކެޓް ސަމާ ކޭމްޕުތަކެއް ރާއްޖޭގަ ބޭއްވޭތޯވެސް މަސައްކަތް ކުރަމުން މިދަނީ،" ގިޔާސް ވިދާޅުވި އެވެ.
އޭގެއިތުރުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ދެ ގައުމުގެ އެއާލައިންތަކާއެކު މަޝްވަރާކޮށް އެ ގައުމުގެ އިތުރު މަންޒިލްތަކުން ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި އެއާ އިންޑިއާ، އިންޑިގޯ އަދި މޯލްޑިވިއަން ހިމެނެ އެވެ.
"ފްލައިޓުތައް އާޅައިގެން ދެއްތޯ މީތި ރަނގަޅުވާނީ. އަޅުގަނޑުމެން މި ޓާގެޓުކުރަނީ ދުރު ސިޓީތަކުން ފްލައިކުރަން. ކަލްކަޓާ، ޕޫނޭ، ޗެންނާއީވެސް. ޗެންނާއީއަށް ސީދާ ދަތުރުތައް ނެތީމަ ވަރަށް ގިނަ ޝަކުވާ އާދޭ،" ގިޔާސް ވިދާޅުވި އެވެ.
އިންޑިއާ މާކެޓަކީ މިދިޔަ އަހަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ފުޅާވި އެއް މާކެޓެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ވަނީ ރާއްޖެ ބްލެކްލިސްޓު ވެސް ކޮށްފަ އެވެ.
އެއަށްފަހު ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރީ 130،328 ޓޫރިސްޓުންނެވެ. އެއީ 2023 އާ އަޅާކިޔާއިރު 70،000 އަށްވުރެ މަދު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައި ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓުގައި އިންޑިއާ އޮތީ ހަ ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ