ޔޫއެސްއެއިޑުގެ އެހީ މެދުކެނޑުން، ރާއްޖެއަށްކުރާނެ އަސަރު ބޮޑު: ތަޖުރިބާކާރުން

ދަ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ދޭ ބައިނަލްއަގްވާމީ އެހީތައް ވަގުތީގޮތުން ހުއްޓައިލުމާއެކު، އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކުރާނެކަމަށް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ. ޔޫއެސްއެއިޑަކީ އަކީ ބައިނަލްއަގްވާމީ ގޮތުން އެހެން ގައުމުތަކަށް އިންސާނީ ވަސީލަތުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ތަރައްގީގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށް އުފެއްދި އެމެރިކާ ސަރުކާރުގެ އެޖެންސީއެކެވެ. 1961 ވަނަ އަހަރު އެމެރިކާގެ އެއިރުގެ ރައީސް ޖޯން އެފް ކެނެޑީ އުފެއްދެވި އެ އެޖެންސީގެ މައިގަނޑު މަގްސަދުތަކަކީ، ދުނިޔޭގައި، ފަގީރުކަމާއި، ސިއްހީ ދާއިރާގެ މައްސަލަތަކާ ދެކޮޅަށް އެހީވެ، ގައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ޚާރިޖީ ސިޔާސަތާއެކު އެ ގައުމުން ދޭ ބައިނަލްއަގްވާމީ އެހީތައް މުޅިންހެން ނުވަތަ ވަރަށް ބޮޑު މިންވަރަކަށް ކަނޑައިލަން ވަނީ ނިންމައިފައެވެ. އެއާއެކު މިއީ ރާއްޖެއަށް ވެސް މިކަމުގެ އަސަރުކުރާނެ ކަމެއް ކަމަށް ޚާރިޖީ ދާއިރާގެ ކަންކަން ދިރާސާކުރައްވާ ބޭފުޅުން މައުލޫމާތު ދެއްވައެވެ. https://sun.mv/197218 ޔޫއެސްއެއިޑުގެ ދަށުން ރާއްޖޭގައި ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ފަދަ ކަންކަން ތަރައްގީކުރުމުގައި ވެސް ޔޫއެސްއެއިޑުގެ އެހީވަނީ ލިބިފައެވެ. https://sun.mv/96625 މިދިޔަ އަހަރު ވެސް އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކެއްގައި ޔޫއެސްއެއިޑާއެކު ސޮއިކޮށްފައިވެއެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް އެ އެޖެންސީން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމުގެ އަގު 763.3 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މި އެހީތެރިކަން ވަގުތީ ގޮތުން ހުއްޓުމާއެކު އެކަމާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރާ ގުޅޭގޮތުން، ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދައްކަވަމުން ތަޖުރިބާކާރަކު ވިދާޅުވީ، މިއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށެވެ. "މިހާރު ވެސް ނުވަ ޖަމިއްޔާއަކާއި، ރާއްޖޭގައި ހުރި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ މި ކަމުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައި. މީގައި ގިނައީ ބޮޑަށް ދިރާސާ ކުރުމުގެ މަސައްކަތްތައް، އިންސާނީ ހައްގުތަކާއި، ހެޔޮ ވެރިކަން ފަދަ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ނިންމުމާއެކު ރާއްޖޭގައި ޑިމޮކްރެސީގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތައް ބަލިކަށިވުމުގެ ފުރުސަތު ވެސް އެބައޮތްކަމަށެވެ. މީގެ އިތުރުން އަސްކަރީ ތަމްރީނުތައް މެދުކެނޑުމާއި، އިޖްތިމާއީ އެހެނިހެން ދާއިރާތަކުން ސަރުކާރަށް ލިބޭ އެހީ މެދުކެނޑި އެހެން ގޮތްތަކުން އެހީ ހޯދަން ޖެހިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/202153 ޓްރަމްޕް ވިދާޅުވީ އެމެރިކާ ބޭނުންވަނީ ބޭކާރުގޮތުގައި ފައިސާ ޚަރަދުކުރަން ނޫންކަމަށާ ޔޫއެސްއެއިޑުން ކުރި ޚަރަދުތަކުން އެމެރިކާއަށް ލިބުނު ފައިދާއެއް އެ އެޖެންސީގެ އިސްވެރިންނަށް ބުނެ ނުދެވުނު ކަމުގައެވެ. އެމެރިކާއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ. އެގޮތުން 2023ވަނަ އަހަރު އެކަނި ވެސް 72 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ވަނީ އެކި ގައުމުތަކަށް ފޯރުކޮށްދީފައެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ 20ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޚާރިޖީ ސިޔާސަތާ އެއްގޮތްވާނެހެން ކަންކަން މުރާޖާ ކުރެވެންދެން ބޭރު ގައުމުތަކަށް ފޯރުކޮށްދޭ އެހީ 90 ދުވަހަށް މަޑުޖައްސައިލުމަށް ޓްރަމްޕް ވަނީ އަމުރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ