ޢިބްރަތްތެރި ވާހަކަ: ދުނިޔެއަށް ފަޟީޙަތްވުމުން އެކަމުގެ ލަދުވެތިކަމުގަ އިނދެ ތައުބާވެ ޤުރްއާނާ ގުޅުން ބަދަހިކުރުމުން އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

"ލޯބިވާ މަންމާއެވެ! އަހަރެންނާއިމެދު ވިސްނައި ދެރަވެ މިއަދު ރުއިމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އެކަން މަންމަ ކުރަންޖެހޭނީ މަންމަގެ މިބަނޑަށް އަހަރެން ލުމުގެ ކުރިންނެވެ. ދެން ކަންބޮޑު ނުވާށެވެ! ކަމެއް ކުރަންޏާ ދެންވެސް ތައުބާވެ ހެޔޮ ޢަމަލުތައްކުރާށެވެ!"  
އަޅުގަނޑުގެ ބަނޑުގައި އަތްޖައްސައިލެވޭ ކޮންމެ ފަހަރަކު ދަރިފުޅު މިހެން ބުނާ އަޑު އިވޭފަދައެވެ. އެއަޑު އިޙްޞާޞްކުރެވުމުން އެއީ ޙަޤީޤަތްކަން އެނގި ވަރަށް ދެރަވެސް ވަމެވެ. ހަމައެއާއިއެކު އިތުރު ހިތްވަރުވެސް ލިބިގެންދެއެވެ.  
ދެން އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ކަންކަން ދިމާވި ގޮތުގެ ވާހަކައެވެ.  
އަޅުގަނޑަކީ ޢުމުރުން 17 އަހަރުގައި މަންމަ ނިޔާވުމުން މާލޭގެ ގެއެއްގައި ނޯކިރީކުރަން އުޅުނު އަންހެނަކީމެވެ. ބައްޕަވަނީ އަޅުގަނޑު ވަރަށް ކުޑައިރު ދެމައިން ދޫކޮށްލާފައި ގޮސްފައެވެ. ގެންގުޅެ ބޮޑުކުރީ މަންމައެވެ. މަންމަ ނިޔާވުމުން އެހެން ގޮތެއް ނެތުނީއެވެ.  
އެގޭގައި އުޅެނީ ތަނަވަސް ދެމަފިރިއެކެވެ. ދެމީހުންވެސް އަޅުގަނޑާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. ޢުމުރުން ދުވަސްވެފައި ތިބުމުން އަމިއްލަ ދަރިއަކު ފަދައިންނެވެ. އެހެން އުޅޭތާ 5 އަހަރުވީތަނާ އެގޭ ބޭބެ އަޅުގަނޑާ ބެހެން ދިމާކުރަން ފަށައިފިއެވެ. އެކި ކަހަލަ ކަންކަން ކުރަމުން ދިއުމުގެ ސަބަބުން އޭނާގެ މަޅީގައި އަޅުގަނޑަށް ޖެހެވިއްޖެއެވެ.  
އޭނާ ބުނީ އެގެއަކީ އޭނާގެ ގެއެއް ކަމަށެވެ. އަދި ތަނަވަސްކަމަކީވެސް އޭނާގެ ތަނަވަސްކަން ކަމަށެވެ. އެފަދަ އެތައް ވާހަކަތަކެއް ދެއްކުމުން އަޅުގަނޑަށް އޭނާގެ ބަސް ޤަބޫލުކުރެވުނީއެވެ. ކުރެވުނު ވޮޑު ފާފައިގެ ސަބަބުން ބަލިވެވެސް އިނީއެވެ.  
ދުވަސްކޮޅަކުން އަޅުގަނޑު ބަލިވެއިންކަން ދައްތައަށް އެނގިގެން ސުވާލުކުރުމުން އެއްވެސް ދޮގެއް ނުހަދައި ކިޔައިދިނީމެވެ. ކުރެވުނު ކުށަށް މާފަށް އެދުނީމެވެ. ދައްތައަށް ލިބުނު ޙައިރާންކަން ވަރަށް ބޮޑެވެ. ދައްތަ ބުނީ ބޭބެ އެހެދީ ބޮޑެތި ދޮގުތަކެއް ކަމަށެވެ. އެގެއަކީ ދައްތަގެ ގެއެއް ކަމަށާއި އަދި ތަނަވަސްކަމަކީވެސް ދައްތަގެ ތަނަވަސްކަން ކަމަށެވެ.  
ދައްތަ ބުނީ އަމިއްލަ ދަރިއަކު ފަދައިން ލޯތްބާއި އަޅައިލުން ދީގެން ގެންގުޅެނިކޮށް އަޅުގަނޑަށް ކުރެވުނު ކުށަށް އެހާ ފަސޭހައިން މާފުކުރަން އުނދަގޫ ކަމަށެވެ. ނަމަވެސް ބަނޑުގައި އޮތީ އެއްވެސް ކުށެއް ނެތް ދަރިއަކު ކަމަށްވުމުން އިންސާނިއްޔަތަށްޓަކައި އަޅުގަނޑު އެގޭގައި ގެންގުޅޭނެ ކަމަށެވެ.  
ދައްތަ އޭނާގެ ފިރިމީހާގެ ގާތުން ވަރިވެ އޭނާ ގެއިން ނެރެލިއެވެ. އަޅުގަނޑު ގެންގުޅުނެވެ. އެއްޗެއްސެއްވެސް ނުކިޔައެވެ. ދުވަސްކޮޅެއްވަންދެން ތަންކޮޅެއް ދުރުން އުޅެފައި ފަހުން ކަންކަން ކުރަމުން އައީ ވަރަށް ހެޔޮކޮށެވެ.  
އަޅުގަނޑު ވަރަށް ލަދުގަތެވެ. ދެރަވެސް ވިއެވެ. ނުކުމެގެންގޮސް ވަންނާނެ އެހެން ގެއެއް ހުރިނަމަ އަމިއްލައަށްވެސް ގެއިން ނުކުތީމުހެވެ. ނަމަވެސް އަޅުގަނޑަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި އަންހެނަކަށްވުމުން އެގޭގައި ދައްތަގެ ގާތުގައި އިންނަން މަޖުބޫރުވީއެވެ.  
އަޅުގަނޑަށް ކުރެވުނު ފާފަތަކަށް ތައުބާވީމެވެ. ބަލިވެއިނދެގެން ކުރިމަތިވި މައްސަލަތަކާއި ގުޅިގެން އަޅުގަނޑަށް ގިނަ ދުވަސްތަކުގައި އޮންނަން ޖެހުނީ ނުތެދުވެވި އެނދުގައެވެ. އެދުވަސްތަކުގައި އަޅުގަނޑު ކުރި މަސައްކަތަކީ ކީރިތި ޤުރްއާން އަޑުއަހައި ރީތިކޮށް ކިޔަވަން ދަސްކުރުމެވެ.  
ބަނޑަށް 7 މަހުގައި އެއްރޭ ދައްތަ ދެނަމާދުދޭތެރޭގައި ކިޔަވަން އިންދާ ގޮސް ކައިރީގައި އިށީނދެފައި ހިތުން މުލްކް ސޫރަތް ކިޔައިދިނީމެވެ. އަޑުއަހާފައި ދައްތަ ދިއައީ ސިއްސައިގެންނެވެ. ދައްތަ ބުނީ ކިޔެވުން ވަރަށް ރީތިކަމަށެވެ. ދަސްކުރި ގޮތަކާއިބެހޭގޮތުން ސުވާލުކުރީމާ ކިޔައިދިނީމެވެ. އެރޭ ކައި ނިމިގެން ދައްތަ ބުންޏެވެ. "ދުވަހަކުވެސް ދެމައިން މިގެއަކުން ނުނެރޭނަމެވެ. ހިތުގެ އެންމެ އަޑިން މާފުވެސްކޮށްފީމެވެ. ދައްތައަށްވެސް ރީތިކޮށް ކިޔަވަން ދަސްކޮށްދޭށެވެ."  
ކޮންމެއަކަސް އަޅުގަނޑަށް ލިބުނީ ލޯބިލޯބި ފިރިހެންކުއްޖެކެވެ. ދައްތަ ބުނީ ދަރިފުޅުގެ މަންމައަކަށްވާނީ ދައްތަކަމަށެވެ. ކޮންމެއަކަސް ވިހައި ގަދަވުމުން އަޅުގަނޑަށް ފިރިއަކު ހޯދައިދިނެވެ. ދައްތަވެސް ދެވަނަ ކައިވެނިކުރިއެވެ. ދަރިފުޅަށް 10 އަހަރުގައި ދައްތަގެ ގެއާއި ތަނަވަސްކަން ދައްތަ ދުނިޔޭގައި ނެތް ދުވަހަކުން ދަރިފުޅަށް ލިބޭނެ ގޮތަށް ކަންކަން ކޮށްފިއެވެ. ދައްތައަކީ ދަރިން ނުލިބޭ އަންހެނަކަށްވާތީއެވެ.  
ދައްތަ އަބަދުވެސް ބުނެއެވެ. އަޅުގަނޑާއި ދަރިފުޅު ދެކެ އެހައިބޮޑަށް ލޯބިވީ އަޅުގަނޑު އެޙާލުގައި، އެހައި ހިތްދަތިކަމުގައި އުޅެމުންވެސް ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކުރީތީއެވެ. އެކަމާވީ އުފަލުންނެވެ.  
މިހާރު އަޅުގަނޑުގެ ޢުމުރަކީ 63 އަހަރެވެ. މާމަދަރިންވެސް އެބަތިއްބެވެ. އެގޭ ދައްތަ ވަނީ ނިޔާވެފައެވެ. އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ހިތާށމައާއި ހިތްދަތިކަމުގެ ޙާލަތުގައިވެސް ކީރިތި ޤުރްއާނާއި އެމީހަކު ގުޅިއްޖެނަމަ އެމީހަކަށް އިން ޝާ ﷲ އުފާވެރިކަން ލިބޭނެ ކަމަށް ބުނެލުމަށެވެ.  
ކީރިތި ޤުރްއާނަކީ ހުރިހާ ކަމަކަށް އޮތް ޝިފާއެއް ކަމަށް ބުނާބުނުމުގެ ތެދުކަން ބަޔާންކުރުމަށެވެ. ކުދިންނޭވެ! އަހަރެމެން ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއެވެ. ޙާލަތު ދިމާވާގޮތުން އެކިމީހުންނަށް ކުރެވޭނީ އެކިފާފަތަކެވެ. ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް އެކަމަށް ދެރަވެ ޤުރްއާނާއި ގުޅިއްޖެ މީހަކަށް ހިތްހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ  
ވީމާ ދެރަވާންޖެހޭ ޙާލަތުގައި އޮތީ އިތުރަށް ފާފަކުރުމެއް ނޫނެވެ. އުފާވެރިކަން މިލްކުވެވޮޑިގެންވާ ފަރާތަށް އެނބުރި ހެޔޮ ޢަމަލުކުރުމެވެ. މިވާހަކަ މިބުނަނީ އަމިއްލައަށް ކުރެވިފައިވާ ތަޖުރިބާއިންނެވެ.
 
- ހާޖަރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ