އަހާން ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލައިފި

އިންޑިއާގެ ކުރީގެ ފިލްމީ ތަރި ޗަންކޭ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ އަހާން ޕާންޑޭ ފިލްމު އިންޑަސްޓްރީއަށް ތައާރަފުކުރާ ފިލްމު "ސައްޔާރާ"ގެ ޓީޒާ ދައްކާލައިފިއެވެ. ބަތަލާ އަނަނިޔާ ޕާންޑޭގެ ދެބެއިންގެ ދެދަރި އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފު ކުރަނީ އިންޑިއާގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިންނެވެ. ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ސައްޔާރާ"އިން އަހާންއާ އެކު އާ ބަތަލާއެއް ވެސް ބޮލީވުޑަށް ތައާރަފު ކުރާނެއެވެ. އެއީ އުމުރުން 22 އަހަރުގެ އަނީތު ޕައްޑާއެވެ. އަނީތުގެ މައިންބަފައިންނަކީ މިހާރުވެސް ފިލްމު އުފެއްދުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުންނެވެ. އަހާން ޕާންޑޭ ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު--ފޮޓޯ/ޕިންކްވިލާ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމު "ސައްޔާރާ"އަކީ ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމާ އެކު ލޯބީގައި ޒުވާނުން ތަޖުރިބާކުރާ ހުރިހާ ޖަޒުބާތުތަކަކާއި ރަހަތަކެއް އޭގައި ފެންނާނެ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލިއިރު ފިލްމުގެ ސްޓޯރީލައިން އާއްމުންނަށް ހާމަނުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަން އެނގުނު ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. އެހެންކަމުން މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. އަހާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާން އުޅޭ ކަމުގެ އަޑުތައް ދެކެވެމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު ވައިއާރްއެފްގެ ފިލްމަކުން އަހާން ލޯންޗުކުރުމަށް ނިންމާނީ އެއީ އެކްޓިން ހުނަރު ހުރި ކާމިޔާބު ކުރިމަގެއް އޮތް ޒުވާނެއްކަން ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާއަށް ވިސްނުމުން ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ