ހައިސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން މިދިޔަ ސަރުކާރުގައި ހިންގި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމު އިތުރަށް ފުޅާކޮށް ނިންމަން އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ސޮއިކުރި 13 ފަހުމަނާގައި ހިމެނެނީ، އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް' ސްކީމް ތިންވަނަ ފިޔަވަހީ ގެ ދަށުން، ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް، މުޅި ރާއްޖެ ގުޅުވައި ނިންމަން ހިންގާ 13 މަޝްރޫއެއް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.
މި ފަހުމުނާތަކުގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތެއްގަ އެވެ. އެ މިނިސްޓްރީން ބުނިގޮތުގައި:
މިއަދު ސޮއިކުރި މި 13 ފަހުމުނާގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 100 މިލިއަން ރުފިޔާ
މިއީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެއް
މި ފަހުމުނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްރީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ޓާރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ:
މިއަދު ސޮއިކުރެވުނު މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްްގީ އަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއުތަކެއް
މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ، ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރޫހު ދައްކުވައިދޭ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް
މި ހަފްލާގައި، މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
މިދިޔަ ސަރުކާރުގައި އަމާޒުހިފާފަ އޮތީ މުޅި މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް
ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލުމަށް
'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް' ސްކީމްގެ ތިންވަނަ ފިޔަވަހި އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކަނޑުދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅާލުމަށް މިދިޔަ ސަރުކާރުގައި ހިންގި އިންޓަގްރޭޑެޓް ޕަބްލިކް ފެރީ ނެޓްވޯކް، އާރްޓީއެލްގެ ދަށުން ހައި ސްޕީޑް ފެރީގެ ނިޒާމެއް އޮތީ ގާއިމުކޮށްފަ އެވެ. ތިން ފިޔަވައްސަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް އޮތް މި މަޝްރޫއުއަކީ މިދިޔަ ސަރުކާރުގެ އެންމެ ބޮޑު، އެއް މަޝްރޫއު އެވެ. މި ނިޒާމުގެ ދަށުން ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ހައިސްޕީޑް ފެރީގެ ހިދުމަތް ދެއެވެ.
އެކަމަކު، އެ ހިދުމަތުގައި ބޭނުން ކުރާ ގިނަ ލޯންޗުތަކެއް ހަލާކުވެ، އެ ހިދުމަތަށް ބުރޫ އަރާކަމުގެ ޝަކުވާއާއެކު މިފަހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މެމްބަރުން މިނިސްޓަރު އަމީންއާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ އާރުޓީއެލް ހިދުމަތަށް ހުރި ގޮންޖެހުންތަކާ އެކު ވެސް އެ ހިދުމަތް އިތުރަށް ފުރިހަމަ ކުރަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެމަސައްކަތް ލަސްވަނީ އެ ހިދުމަތަށް ބޭނުންވާ ލޯންޗުތައް ބަނުމުގައި ލަސްތަކެއް ކުރިމަތިވާތީ ކަމަށް ވިދާޅުވި އެވެ.
އާރުޓީއައި ފެރީ މުޅި ރާއްޖޭގައި ފަށަން އިންޑިއާއިން 100 މިލިއަން ރުފިޔާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ