ސިޓީ މާޔޫސްކޮށްލާފައި ލިވަޕޫލުން އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، ލީގު ކާމިޔާބުކުރުމާ އެއް ފިޔަވަޅު ގާތަށް ޖެހިލައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. މެޗުގައި ސިޓީގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޓީމުގައި ހިމެނިފައިނުވާއިރު މުޅި ޓީމަށް ބަލައިލިކަމުގައިވީ ނަމަވެސް އާ މޫނުތަކެއް ފެނުނެވެ. މެޗު ސިޓީން ވަރުގަދަކޮށް ފަށައި ރަނގަޅު ދެތިން ހަމަލާ މެޗުގެ ކުރީކޮޅު އުފެއްދި ނަމަވެސް 14 ވަނަ މިނެޓްގައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާހެވެ. މިއީ އޭނާ މި ފަހަރު ލީގުގައި ކާމިޔާބުކުރި 25 ވަނަ ލަނޑެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޯޒްލާއިއެވެ. މި ކާމިޔާބީއާ އެކު ލިވަޕޫލަށް މިހާރުވަނީ މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 64 ޕޮއިންޓާ އެކު އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެހެންވެ، ލިވަޕޫލާ އަރައިހަމަކުރުމުގެ ފުރުސަތު މިހާރު ހަންޏެވެ. މެޗުން ބަލިވުމުން ތިންވަނައަށް އަރަން ލިބުނު ފުރުސަތު ސިޓީއަށް މިވަނީ ގެއްލިފައެވެ. އެ ޓީމު މިހާރު އޮތީ 44 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. މި މުބާރާތުގައި ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކޮށްފައިވަނީ ނިއުކާސްލެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ފޮރެސްޓްގެ ކަލުމް ހަޑްސަން އޮޑޯއި ކާމިޔާބުކޮށް، ލީޑު ނަގައިދިން ނަމަވެސް ނިއުކާސްލުން ވަނީ ފަހަތުން އަރައި ފުރަތަމަ ހާފުގައި 4 ލަނޑު ކާމިޔާބުކޮށް ތިން ލަނޑުގެ ލީޑެއް ނަގައިގައެވެ. މި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެލެގްޒެންޑާ އިސާކެވެ. އޭނާ މިހާރުވަނީ މިސީޒަންގައި ލީގުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު މިވަނީ 50 އަށް އަރާފައެވެ. އެ ޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ލުވިސް މިލޭއާއި ޖޭކޮބް މާފީއެވެ. ފޮރެސްޓުން މެޗުގައި ކާމިޔާބު ކުރި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލާ މިލެންކޮވިޗާއި ރަޔަން ޔޭޓްސްއެވެ. މި ކާމިޔާބީއާ އެކު ނިއުކާސްލް މިހާރު އޮތީ 44 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް، ފައިދާ ގޯލުން ފަސްވަނައިގައެވެ. ފޮރެސްޓް ތިންވަނައިގައި އޮތީ 47 ޕޮއިންޓާ އެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ