ބީއެމްއެލްގެ އޭޓީއެމްއެއް ބަނޑިދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ދ. ބަނޑިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފިއެވެ. މިއަދު ބަނޑިދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި އައު އޭޓީއެމް ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށް ޚާއްސަކޮށް ބޭއްވުނު ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނޑިދޫގައި ސެލްފް ސާވިސް ބޭންކިންް އޭޓީއެމެއް ޤާއިމްކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. ބީއެމްއެލްގެ އޭޓީއެމެއް ބަނޑިދޫގައި ހުޅުވައިފި -- ފޮޓޯ/ ބީއެމްއެލް "މި ޚިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އަޅުގަނޑުމެން ދާނީ ކުރަމުން." ޝަރީފް ވިދާޅުވިއެވެ. އޭޓީއެމް ހުޅުވުމަށް މިއަދު ބަނޑިދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް -- ފޮޓޯ/ ބީއެމްއެލް ބީއެމްއެލްއިން ބުނީ ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އޭޓީއެމް ހުޅުވުމަށް މިއަދު ބަނޑިދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ