އެމެރިކާގެ ހަނގާ ކުރުންތަކާ ކުރިމަތިލުމުގައި އީރާނާއެކު ތިބިކަން ރަޝިއާއާއި ޗައިނާ ހާމަކޮށްފި
ބެއިޖިން (15 މާޗް 2025): ނިއުކްލިޔާ މައްސަލައިގައި އެމެރިކާ އީރާނަށް ދައްކަމުން ގެންދާ ބިރުތަކާއި ބުލީ ކުރުންތަކާ ދެކޮޅަށް އީރާނާއެކު ތިބިކަން ޗައިނާއާއި ރަޝިއާ ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ އީރާނަށް ދައްކަމުން ގެންދާ ބިރުތަކާއި އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭގޮތުން ރަޝިއާ އާއި ޗައިނާއިން އީރާނުގެ މަސްއޫލުވެރިން، ޗައިނާގެ ބެއިޖިންގައި ބޭއްވި މަޝްވަރާ ތަކުގައެވެ. މި މަޝްވަރާތަކުން ނެރުނު ބަޔާނުގައި ޗައިނާ އާއި ރަޝިޔާއިން ބުނެފައި ވަނީ އީރާނުގެ ނިޔުކްލިޔާ ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އީރާން ކަށަވަރުކޮށްދޭ ކޮށްދިނުން ގަބޫލުކުރާ ކަމުގައެވެ. އަދި އެމައްސަލައާ ގުޅިގެން އދ.އިން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވާއިރު އެމެރިކާ އެކަހެރި ގޮތެއްގައި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ގަބޫލު ނުކުރެވޭނެ ކަމުގައެވެ. މީގެއިތުރުން ސުލްހަވެރި ބޭނުންތަކަށް ނިޔުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ އީރާނަށް ލިބިފައިވާ ހައްގެއްކަމަށްވާތީ އެހައްގަށް އެމެރިކާ ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށްވެސް ބެއިޖިންގް ބައްދަލުވުމުން ނެރުނު ބަޔާން ބުނެއެވެ. ރަޝިއާ، ޗައިނާ އަދި އީރާނުގެ ގުޅިފައިވާ ބަޔާނުގައި ރަޝިއާއާއި ޗައިނާވަނީ އެމެރިކާއިން އީރާނަށް އަމާޒުކޮށް ހިންގަމުން ގެންދާ ބިރު ދެއްކުމާއި ބުލީ ކުރުމުގެ އަމަލުތައް ކުށްވެރިކޮށް މިކަމާ ދެކޮޅަށް އީރާނާއެކުގައި ތިބިކަންވެސް ހާމަކޮށްފައެވެ. އީރާނާއި ޗައިނާ އަދި ރަޝިއާގެ ގުޅުންތަކަކީ އެމެރިކާގެ ވަރަށް ބޮޑު ބޮލުގައި ރިހުމެކެވެ. އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކުޑަވާ މައިގަނޑު ސަބަބަކީ އީރާނުން ޗައިނާ އަދި ރަޝިއާ އާއެކު ގާއިމްކޮށްފައިވާ އިގްތިސާދީ އަސްކަރީ އަދި ސްޓްރެޓީޖިކް ގުޅުންތަކެވެ. ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ މައްސަލާގައިވެސް އެމެރިކާ ރަޝިއާ އަށް ދޫދީ ރަޝިއާ އެދޭގޮތަށް ހަނގުރާމަ ހުއްޓާލަން ޔުކްރެއިން އަށް ޕްރެޝަރު ކުރަނީ މިގޮތަށް ހެދެމުން ރަޝިއާ އާއި އީރާނާ ދެމެދުގައި އޮންނަ ސްޓްރެޓީޖިކް ގުޅުންތައް ހީރުކޮށްލެވޭނެ ކަމުގެ އުންމީދުގައެވެ. އަދި ރަޝިއާ އާ އީރާން ދުރުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ދެފުށްދެގޮތަކަން ރަޝިއާ އަށް މިހާރުވަނީ ވަރަށް ރަނގަަނޅަށް ތަޖުރިބާ ކުރެވިފައެވެ. އަދި ޚުދު ރަޝިއާ އަކީވެސް އީރާނެކޭ އެއްގޮތަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމަކަށްވާތީ ދެން ރަޝިއާ ބޮލަށް ވަދެ ރަޝިއާ ހައްލާލުމަކީ ނޫނީ ރަޝިއާގެ އިތުރުބާރު ހުޅަނގަށް ހޯދުމަކީ ޓްރަމްޕްގެ 4 އަހަރުގެ ރިޔާސީ ކުރު ދައުރުގައި އޭނާގެ ސަރުކާރަށް ކުރެވޭނެކަމެއް ނޫނެވެ. އެއަށްވުރެ ރަޝިއާއާއި ހުޅަނގު މިހާރުވަނީ މާބޮޑަށް ދުރުވެފައެވެ. ހުޅަނގާއި ރަޝިއާގެ މަސްލަހަތުވަނީ މާބޮޑަށް ފުށުއަރާފައެވެ. ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންއަށް ހުޅަނގުގެ މުނާފިގުކަމާއި މަކަރުވެރިކަމާ އަދި ދެފުށްދެގޮތްކަން މިހާރު ވަރަށް ރަނގަނޅަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ރަޝިއާގެ މިހާރުގެ ސިޔާސަތަކީ ހުރިހާ ކަމެއްގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ހުޅަނގަށް އިތުބާރުކުރުމާއި ބަރޯސާވުން މުޅުން ދޫކޮށްލުމެވެ. އީރާނަކީ ބްރިކްސްގެ ގައުމަކަށް ވެފައި ރަޝިއާއާއި ޗައިނާއާއެކު އަސްކަރީ، އިގްތިސާދީ އަދި ސްޓްރެޓިޖިކް ގުޅުންތަކެއް އީރާން ބިނާކޮށްފައި ވުމާއި އެމެރިކާއާ ކުރުމަތިލުމުގައި މި ތިން ގައުމުގެ ގުޅިފައިވާ މަސްލަހަތުވެސް އޮތުން މިތިން ގައުމުގެ ގުޅުންތައް ޚަރާބުކޮށްލުމަކީ މިހާރު ދުނިޔެގެ މަސްރަހު އޮތްގޮތުން އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕްގެ ގުޅުންތައް ހީނަރުވެ ހުޅަނގުގެ ކޭންޕްގައި ކުރިން އޮތް ބަދަހި ގުޅުންތައް މިހާރު ރޫޅެމުން ދިޔުމަކީ ރަޝިއާ، އީރާން އަދި ޗައިނާގެ ކޭންޕަށް ލިބޭ ވަރަށް ބޮޑު ސްޓްރެޓީޖިކް އެޑްވާންޓޭޖް އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ