މަންދީ އާއި ޝިއުނާ ފުލުހަށް ހާޒިރުކުރަނީ

ފާތިމަތު ޝިއުނާއާއި މަރިޔަމް ޒުބައިރު (މަންދީ) އަންނަ ހޯމަ ދުވަހު ފުލުހަށް ހާޒިރު ކުރަން އަންގައި، ޗިޓު ފޮނުވައިފި އެވެ.ފުލުހުން ފޮނުވި ޗިޓުގައި ބުނީ މަރިޔަމް ޒުބެއިރު (މަންދީ) އަދި ފާތިމަތު ޝިއުނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާއްމުދަތުރުފަތުރު ކުރުމަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.އެ މައްސަލައިގައި ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންނަށް މަންދީ ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުކުރަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 1:30 އަށެވެ.މުޒާހަރާތަކާ ގުޅިގެން މަންދީ ފުލުހަށް ހާޒިރުކުރާއިރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު އެތަކެތި ބޭނުންކުރާތީ ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަންދީ ތުހުމަތުކުރި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.މި ވާހަކަތަކާއި ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން ވަނީ މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފަ އެވެ.އެމްޑީޕީން ވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ