ގޫގުލް އެސިސްޓެންޓްގެ ބަދަލުގައި ޖެމިނައި ތަޢާރަފުކުރަނީ
ގޫގުލުން އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރަމުން އަންނަ ގޫގުލް އެސިސްޓެންޓް ބަދަލުކޮށް، އޭގެ ބަދަލުގައި ޖެމިނައި މިއަހަރުގެ ފަހުކޮޅު ތަޢާރަފުކުރާނެ ކަން އިއްޔެ އިޢުލާނުކޮށްފިއެވެ. ގޫގުލުން ބުނެފައިވަނީ، "އަންނަ މަސްތަކުގެ ތެރޭގައި" ގިނަ ޔޫޒަރުންގެ ގޫގުލް އެސިސްޓެންޓް އަޕްގްރޭޑްކޮށް ޖެމިނައިއަށް ބަދަލުކުރާނެ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ގިނަ މޮބައިލް ޑިވައިސްތަކުގައި އެސިސްޓެންޓް ބޭނުން ނުކުރެވޭނެ ކަމަށާއި، އެޕް ސްޓޯތަކުން ޑައުންލޯޑް ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ޓެބްލެޓްތަކާއި، ކާރުތަކާއި، ފޯނާ ގުޅޭ ހެޑްފޯނާއި ވޮޗުފަދަ އާލާތްތައް ވެސް ޖެމިނައިއަށް އަޕްގްރޭޑްކުރާނެކަމަށް ކުންފުނިން ބުނެފައިވެއެވެ. އަދި ސްޕީކަރުތަކާއި، ޑިސްޕްލޭތަކާއި، ޓީވީތަކަށް ވެސް ޖެމިނައިގެ އާ ތަޖުރިބާއެއް ގެނެސްދޭނެކަމަށް ވެސް ގޫގުލްއިން ބުނެއެވެ. އަންނަ މަސްތަކުގެ ތެރޭގައި ޔޫޒަރުންނަށް މިކަމާގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ގޫގުލުން ބުނެފައިވެއެވެ. އަދި އޭގެ ކުރިން މި ޑިވައިސްތަކުގައި އެސިސްޓެންޓް މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. ގޫގުލުން ފާހަގަކޮށްފައި ވަނީ، އެސިސްޓެންޓް ނިމުމަކަށް ގެނައުމުގެ ކުރިން ޔޫޒަރުންނަށް ޖެމިނައިގެ ތަޖުރިބާ ރަނގަޅުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ޚާއްޞަކޮށް އެސިސްޓެންޓްގެ އެކި ވަޞީލަތްތަކަށް ބަރޯސާވާ ޔޫޒަރުންނަށް ވަކިން ބޮޑަށް ސަމާލުކަންދީފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިސާލަކަށް، ގޫގުލުން އެންޑްރޮއިޑް ޑިވައިސްތަކުގައި ޖެމިނައިއަށް ގިނަ ބަޔަކު އެދިފައިވާ ފީޗާތަކެއް އިތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިއުޒިކް ޕްލޭކުރުމާއި، ޓައިމަރު ބޭނުންކުރުމާއި، ލޮކް ސްކްރީނުން ސީދާ އެކްޝަން ނެގުމުގެ އޮޕްޝަން ހިމެނެއެވެ.ގޫގުލް އެސިސްޓެންޓަކީ 2016ވަނަ އަހަރު ތަޢާރަފުކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަޑު އެސިސްޓެންޓެކެވެ. މިއީ އެންޑްރޮއިޑް ފޯނުތަކާއި ގޫގުލްގެ އެހެނިހެން ޑިވައިސްތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުން އައި ޚިދުމަތެކެވެ. އެހެންނަމަވެސް، ޓެކްނޮލޮޖީގެ ދުނިޔޭގައި އަންނަމުންދާ ހަލުވި ކުރިއެރުންތަކާއެކު، ގޫގުލުން ވަނީ އިތުރަށް ތަރައްޤީކޮށްފައިވާ ޖެމިނައި އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ތަޢާރަފުކޮށްފައެވެ. މި ބަދަލަކީ ގޫގުލްގެ އުފެއްދުންތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު އިތުރަށް ފުޅާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ