ބައިކޮޅަށް ލަނޑެއް ވަދެ ސިޓީއަށް ބްރައިޓަން ކައިރިން ކާމިޔާބެއް ނުވި
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސިޓީން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. މިމެޗު ސިޓީން ފަށާފައި ވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 11ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑްއެވެ. މިލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި 100އަށް ވުރެ މަދު މެޗު ކުޅެ 100 ލަނޑު ޖެހުމުގައި ބައިވެރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 94 މެޗުގައި ކާމިޔާބުކުރި 84ވަނަ ލަނޑެވެ. އަދި ހަމައެއާއެކު އޭނާ ވަނީ އިތުރު 16 ލަނޑު ޖެހުމުގައި އެހީތެރިވެދީފައެވެ. ނަމަވެސް ސިޓީއަށް މިލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 21ވަނަ މިނެޓުގައި ބްރައިޓަންއަށް ލިބުނު ލިހޭ ޖެހުމަކުން އެޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕާވިސް އެސްޓުޕިނާންއެވެ. މިމެޗުގައި ސިޓީން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އޮމަރު މަރްމޫޝް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރާނެ އިތުރު ފުރުސަތު ވެސް ލިބިގެން ގޮސްފައެވެ. މިމެޗުގެ ދެވަނަ ހާފް ބްރައިޓަންއިން ފެށީ އާ ހިތްވަރަކާއެކު މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާއެކުއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ އަށްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބްރައިޓަން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މިލަނޑަކީ ސިޓީގެ ޒުވާން ޑިފެންޑާ އަބްދުލްކަދީރު ހުސަނީވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގެ ދެވަނަ ހާފުގައި މެޗުން މޮޅުވާނެ ފުރުސަތު ވަނީ ދެޓީމަށްވެސް ލިބިގެން ގޮސްފައެވެ. މިގޮތުން ނީކޯ ގޮންޒާލޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ބްރައިޓަންގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ބްރައިޓަންގެ ކާލޯސް ބަލޭބާއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މިމެޗު އެއްވަރު ވުމުން ތާވަލްގެ ހަތަރު ވަނައަށް އެރުމަށް ސިޓީއަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިފައެވެ. ސިޓީ މިހާރު އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި ބްރައިޓަން އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެެވެ. މިމުބާރާތުގައި ތާވަލްގެ ތިންވަނައިގާ އުޅޭ ނޮޓިންހަމް ފޮރެސްޓް އާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފޮރެސްޓް އެވެ. މިމެޗުގައި ފޮރެސްޓްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެންތަނީ އެލަންގާއެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ނިކޮލާ މިލެންކޮވިޗް އާއި ޖޮޓާ ސިލްވާއެވެ. މިމެޗުގައި އިޕްސްވިޗްއިން ކާމިޔާބު ކުރި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔެންސް ކަޔުސްޓޭ އާއި ޖޯޖު ހާސްޓްއެވެ. މިކާމިޔާބީއާއެކު ފޮރެސްޓް ތިން ވަނައިގާ އުޅެނީ 54 ޕޮއިންޓާއެކުއެވެ. އަދި އިޕްސްވިޗް އުޅެނީ 17 ޕޮއިންޓާއެކު 18ވަނައިގައެވެ. މީގެއިތުރުން ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވީ އިރު ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވުލްވްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ