ބައެއް އޮޑިޓު ކުންފުނިތަކާއި މުއައްސަސާތަކުގެ އޮޑިޓުތައް ލަސްވާތީ އޮޑިޓު އޮފީހުގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ޖަލްސާގައި އޮޑިޓާ ޖެނެރަލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭ މަޝްވަރާގައި ބައެއް މެންބަރުން ވަނީ، އެ އޮފީހުން ކުރިއަށް ގެންދަން ޖެހޭ ބައެއް އޮޑިޓުތައް ލަސްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ތަފްސީލް - އޮޑިޓާ ޖެނެރަލް އޮފީހުގެ ފައިނޭންޝަލް ރިޕޯޓުގައި މައްސަލައެއް ފާހަގަ ނުވި ނަމަވެސް، އެ އޮފީހުގެ ޕާފޯމަންސާ ގުޅޭ ގޮތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
"އެއީ ބައެއް މިނިސްޓްރީތަކުގެ ރިޕޯޓުތައް އެބަ ނުކުމޭ ގަނޑުކޮށް، 5 އަހަރު އެއްކޮށް ވެސް،" ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދަޅުވީ ކޮމެޓީން ސުންގަޑި ދީފައި ހުރި ގިނަ އޮޑިޓު ރިޕޯޓުތައް ވެސް ނުނިމޭ ކަމަށެވެ.
"އޭގެ ތެރޭގައި ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު ވެސް ހިމެނޭ،" އޭނާ ފާހަގަކުރެއްވި އެވެ.
ފެނަކައިގެ އޮޑިޓުތައް ބަރާބަރަށް ނުލިބޭތީ އެންވަޔަރަމެންޓު މިނިސްޓްރީން އެ ޝަކުވާ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުތައް ނުނިމި ލަސްވާތީ، ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް، ކަރަންޓު ފޯރުކޮށްދިނުމަށް ކުރާ ހޭދަ ކުޑަކުރުމަށް ބޭރުގެ އެހީ ދޭ ފަރާތްތަކާ އެކު ކުރާ މަސައްކަތްތަކަށް ބުރޫ އަރާކަން މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށެވެ.
"ވޯލްޑް ބެންކުގެ އެހީގައި ގއ.، ގދ.ގައި ހިންގާ މަޝްރޫއެއް ވެސް މިހާރު ވަނީ ހުއްޓިފައި ކަމަށް [މިނިސްޓްރީން ބުނޭ]. އޮޑިޓު ބަރާބަރަށް ނުކުރެވޭތީ އޭގެ ނަތީޖާ މި ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ ހާއްސަ އޮޑިޓެއް ކޮށްދިނުމަށް އޮޑިޓު އޮފީހުގައި އެދުމުން އޮޑިޓުގެ އެކި ބައިތައް ވަކިން އަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މުވައްޒަފުން ނެގުމާއި އައްޑޫގައި ފެނަކައިން ކޮށްފައިވާ މަސައްކަތުގެ އޮޑިޓު މިހާރު އާންމުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ފެނޭ އޮޑިޓު އޮފީހުގެ ޕާފޯމަންސް އަދި މިކަހަލަ ކަންކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލާ ބައްދަލުކޮށްގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ޓައިމްލީކޮށް މިކަންކަން ނިމޭނެ ގޮތެއް ހަމަޖައްސަން،" ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އޮޑިޓުތައް ވަގުތުން ވަގުތަށް ނިމެންޖެހޭ ކަމަށާއި ނަމަވެސް އޮޑިޓަށް ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ނުލިބުމަކީ މުއައްސަސާތައް ނޫނީ ކުންފުނިތަކުގެ މައްސަލަ ކަމަށެވެ.
"އޮޑިޓަކީ އޮޑިޓާ ޖެނެރަލް ނޫނީ އޮޑިޓް ފާމުން ކިތަންމެ ބޭނުންވި ނަމަވެސް ނިންމޭނެ އެއްޗެއް ނޫން. ފެނަކައިގެ މައްސަލާގައި ވެސް އެބަ އެނގޭ ފެނަކަ އިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެންކަން ނޫނީ އެ ބޭފުޅުންގެ އަތުގައި ޑޮކިޔުމެންޓުތައް ހަމަނުވެގެންކަން އޮޑިޓުތައް ނުނިމިފައި ހުރީ،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ވާނީ ފިނޭންސް މިނިސްޓްރީ އަދި ޕްރައިވަޓައިޒޭޝަން ބޯޑުގެ ވެސް އެއްބާރުލުމާ އެކު ކަމަށެވެ.
އޮޑިޓު އޮފީސް އޮޑިޓު ކުރުމަށް މާލިއްޔަތު ކޮމެޓީން ހަވާލުކުރީ ކޭޕީއެމްޖީއާ އެވެ.
އެ އިދާރާގެ އޮޑިޓު ރިޕޯޓު ކޮމެޓީއަށް ހުށަހަޅާފައިވާއިރު، ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ:
621 އޮޑިޓު ރިޕޯޓު ފުރިހަމަ ކުރާނެ ކަމަށް އޮޑިޓާ ޖެނެރަލް ޔަގީންކަން ދެއްވި
ފުރިހަމަކުރެވިފައިވަނީ އޭގެ %30
އެއީ 189 އޮޑިޓް
"އަނެއް 432 ކުރިއަށްދާ ކަމަށް. އެހެންވީމާ ކުރިއަށް ދަންޏާ ނިމޭނެތާ. ހާއްސަ އޮޑިޓުތައް އަޅުގަނޑުމެން ހަވާލު ކުރި 18 އޮޑިޓުގެ ތެރެއިން 9 އޮޑިޓު މިވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޮޑިޓު އޮފީހުގެ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތައް ކޮމެޓީއާ ހިއްސާކުރުމުން ރައްޔިތުންގެ މަޖިލީހުން އެ ކަންތައްތަކަށް ހައްލު ހޯދައިދީފައިވާނެ ކަމަށެވެ. އެގޮތުން، މުވައްޒަފުން ނުލިބުމުގެ މައްސަލައަށް ހައްލު ގެނެސްދެވިފައިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ފެނިފައި މި އޮތީ އޮޑިޓު ނުކުރެވި ގިނަ ދުވަސް ވެގެންދާ ކޮންމެ ދުވަހަކީ ދައުލަތަށް ވަރަށް ގިނަ ފައިސާތަކެއް ގެއްލިގެންދާ ކަމެއްގެ ގޮތުގައި. އަޅުގަނޑަށް ފެނޭ މިކަންތައް ރަނގަޅުވާނެ ގޮތެއް ހަދަން،" ނާޒިމް ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މައިގަނޑު މައްސަލައަކީ އަހަރެއްގެ ތެރޭ 600އަށް ވުރެ ގިނަ އޮޑިޓު އޮޑިޓު އޮފީހުން ހަދަން ޖެހުން ކަމަށެވެ.
"600-700 އޮޑިޓު އަހަރެއްގެ ތެރޭ ހަދަން ޖެހޭއިރު ދުވާލަކު 2 އޮޑިޓު ހަދަން އެބަޖެހޭ. އެމްއެންޑީއެފް އާއި ޕޮލިސް ނެރެގެން ވެސް މިކަން ނުކުރެވޭނެ. އެހެންވީމާ އުސޫލެއް މީގައި ކަނޑައަޅައި ގޮތްތަކެއް ނިންމައިގެން މިކަން ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވަނީ ކަންބޮޑުވުންތައް ހައްލު ކުރުމަށް އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ހާޒިރުކޮށްގެން މައްސަލަތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ދުވަހެއް ކަނޑައަޅަން ހުށަހަޅުއްވައިފަ އެވެ.
އޮޑިޓު އޮފީހުގެ މަސައްކަތްތައް ލަސްވާތީ މާލިއްޔަތު ކޮމެޓީން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ