ހުޅުމާލެއަށް އައި ގަދަ ކޮޅިގަނޑެއްގައި ގަސްތައް ވެއްޓި ގެއްލުންތަކެއް

ހުޅުމާލެއަށް މިރޭ ގަދަ ކޮޅިގަނޑެއް އައިސް، ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - މިރޭ 6:30ހާއިރު ހުޅުމާލެއަށް ގަދަ ވަޔާއެކު ވިއްސާރަ ކުރި އެވެ. މި ކޮޅިގަނޑުގައި ވެއްޓިފައި ވަނީ ފިތުރޯނު މަގު، ހުޅުމާލެ ފެރީޓާމާލް ސަރަހައްދުގައި ހުރި ގަހެކެވެ.
ތަފްސީލު - އެ ގަސް ވެއްޓިފައި ވަނީ ޕޭމަންޓު ގާތަކާއެކު މުލުން ލުހިގެންނެވެ. ގަސް ވެއްޓުމާއެކު، އެ ސަރަހައްދުގައި ވަޅުލާފައި ހުރި ބައެއް ކޭބަލްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެ އެވެ.
އެ ގަސް ވެއްޓުމުގެ ސަބަބުން އެ މަގުގެ ބޮޑު ބައެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި އެޗްޑީސީގެ މުވައްޒަފުން އެތަން ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނި ގޮތުގައި މިއަދު އިރުއޮއްސުނު ވަގުތު އައި ވިލާގަނޑުގައި ހުޅުމާލެ ސަރަހައްދުގައި 54 މޭލު ބާރުމިނުގައި ވައި ޖެހުނެވެ. އެހާ ބޮޑަށް ވައިގަދަނީ ކޮޅިގަނޑުގެ ބާރުމިން ގަދަވުމުން ކަމަށް މެޓް އޮފީހުން ބުންޏެވެ. 
ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދުގެ މޫސުން މެޓް އޮފީހުން ލަފާކޮށްފައި ވަނީ:
ކެރީގެ އަސަރާ ގުޅިގެން ވިލާގަނޑުގައި ގަޑިއަކު 40-45 މޭލަށް ވައިބާރުވާނެ 
އާންމު ހާލަތުގައި ވައިގެ ބާރުމިން ހުންނާނެކަމަށް ލަފާކުރެވެނީ ގަޑިއަކު 10-20 މޭލުގައި
މެޓުން މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުނެވެ. މިރޭ 9އާ ހަމައަށް ވައިޓްއެލާޓް ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ އެވެ. އަދި ގަޑިއަކު 19-24 މޭލާ ދެމެދުގައި ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ