އަނަސްގެ މަރު: ވަކީލުންގެ ކަންކަމުގައި އަނެއްކާވެސް އަޑުއެހުން ކުރިއަށްނުގެންދެވި، ޝުޖޫންގެ ނުރުހުން

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުން ބަންދުނުކުރަން ހައިކޯޓުން ދެވަނަ ފަހަރަށް ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ކުރިއަށްނުގެންދެވޭތީ، އެ ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017ގެ ރެއެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަންބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ. އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހާއި އުސްމާން ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އެ ތިން މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މީހުންގެ ތެރެއިން، ސާޒާއި ޖުނައިހާއި މަހްފޫޒާއި ސިމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ބުނެ ދައުވާކުރިއެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ ދައުލަތުން ތުހުމަތު ކުރާ މީހުން އެ ކުށުގައި ބައިވެރިވި ކަމަށް ޝައްކެއް ނެތް މިންވަރަށް ހެކި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންވެ އެ މީހުން މިނިވަންކުރީއެވެ. ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކަށްވީ، ސީސީޓީވީ ފުޓެޖް ޓައިމް ސްޓޭމްޕާ ގުޅޭ ގޮތުން ފުށުންއެރުންތަކެއް ހުރުން ކަމަށް ކޯޓުން ފާހަގަކުރިއެވެ. އެގޮތުން އެކި ސަރަހައްދުން ނެގި ފުޓޭޖުގައި މެދުކެނޑުން ހުރުމުން އެއީ އެއް ދުވަހެއްގައި އެއް ވަގުތެއްގައި ހިނގި ކަންކަން ކަމަށް ސާފުނުވާ ކަމަށާއި އެއް ފުޓޭޖުން ފެންނަ މީހާއަކީ އަނެއް ފުޓޭޖުން ފެންނަ މީހާކަން ސާބިތުނުކުރެވޭ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހެވެ. އަދި އެ ހަތް މީހުން ހައިކޯޓުގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވެސް ދައުލަތުން އެދުނެވެ. https://sun.mv/206321 އެހެންނަމަވެސް, ހައިކޯޓުން މިދިޔަ މަހުގެ 10ގައި ނިންމީ އެ މީހުން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ތުހުމަތު ކުރެވޭވަރުގެ ހެކިތަކެއް، އަދި ސީސީޓީވީ ފުޓޭޖުން ފެންނަނީ ދައުވާ ލިބޭ މީހުންތޯ ކަށަވަރުކުރަން ވެސް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައިނުވާތީއެވެ. އެއާއެކު، އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ކޯޓުން ނިންމީ ބަންދާމެދު ގޮތް ނިންމި ގޮތް ބާތިލްކޮށް، އަލުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ. އަނަސްގެ މަރާ ގުޅިގެން ދައުވާކޮށްފައިވާ މީހުން: އެ މީހުން ބަންދުނުކުރަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައި -- މިދިޔަ މަހުގެ 21ގައި ހައިކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ބަންދުނުކުރަމަށެވެ. އަދި ދައުލަތުން އެ ނިންމުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ފުރަތަމަ އަޑުއެހުން ބޭއްވީ މި މަހުގެ ހަތަރު ވަނަ ދުވަހެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޖުނައިހު ބުނީ އޭނާ ވަރަށް ބަލިކޮށް އުޅޭ ކަމަށާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ވެސް ދާން ޖެހިފައިވާތީ، ވަކީލަކު އައްޔަންނުކުރެވޭ ކަމަށެވެ. ނަމަވެސް ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ޖުނައިހު އެހެން ބުނުމުން، ފަނޑިޔާރު ޝުޖޫން ވަނީ މި މައްސަލައިގައި ފުރަތަމަ ހުށަހެޅި އިސްތިއުނާފުގައި ވަކީލުން ހަމަނުޖެހިގެން އަޑުއެހުންތައް ލަސްކުރަން ޖެހުނުކަން ފާހަގަކުރައްވައިފައެވެ. "މިއީ ކޮންމެ ފަހަރަކު އެކްސެޕްޓެބުލް އެކްސްކިއުޒަކަށް ނުވާނެ، އިނގޭތޯ،" ފަނޑިޔާރު ވިދާޅުވިއެވެ. https://sun.mv/204900 ދެން ޖަވާބުދާރީވީ މަހުފޫޒުގެ ވަކީލެވެ. އޭނާ ވިދާޅުވީ މައްސަލައަށް އައްޔަންވީ އަޑުއެހުން ބޭއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށާއި ލިޔެކިޔުންތައް ނުލިބޭ ކަމަށެވެ. އަދި ލިޔެކިޔުން ދިރާސާކުރަން ވަގުތަށް އެދިވަޑައިގަންނަވާ ކަމަށެވެ. އުސްމާން ވެސް ބުނީ އޭނާގެ ވަކީލު އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް އަޑުއެހުމަށް ވަޑައިނުގަންނަވާ ކަމަށެވެ. އެއާއެކު ފަނޑިޔާރު ޝުޖޫން ވަނީ ވަކީލަކު އައްޔަންކުރުމުގެ ލިޔުން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދެވަނަ އަޑުއެހުން ތާވަލުކުރީ މިއަދަށެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އުސްމާންގެ ވަކީލު ވަނީ، އޭނާ ވަކީލު ކަމަށް އައްޔަންކުރުމުގެ ލިޔުން އިއްޔެ ސުޕްރީމް ކޯޓަށް ފޮނުވައިފައިވާ ކަމަށާއި ނަމަވެސް ކޯޓުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް މައްސަލައިގެ ލިޔެކިޔުން ލިބިފައިނުވާ ކަމަށާއި އެހެންވެ، މައްސަލަ ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އޭނާއަށް ޖަވާބު ދެއްވައި ޝުޖޫން ފާހަގަކުރެއްވީ، ހަތަރު ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު، ވަކީލަކު އައްޔަންކުރުމުގެ ކަންތައްތަކަށް ލިޔުން ފޮނުވަން 10 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތު ދީފައި އޮތް ކަމެވެ. އަދި މިއަދު އަޑުއެހުން ބޭއްވި އޭގެ ދުވަސްތަކެއް ފަހުންކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހަފުތާ ބަންދެއްގައި ކޯޓަށް ލިޔުން ފޮނުވީމައި ކޯޓުން ޖަވާބު ނުދެވި އޮވެދާނެ ކަމާއި އެކަން ވަކީލު ދެނެވަޑައިގަންނަވަން ޖެހޭނެ ކަމަށް ޝުޖޫން ވިދާޅުވިއެވެ. ވަކީލަކު ހަމަޖެއްސުން ލަސްވުމާ ގުޅޭ ގޮތުން އުސްމާން ބުނީ އޭނާ ވަކީލު ހަމަޖައްސަން ވާހަކަ ދެއްކި ނަމަވެސް، އޭނާ ވަކީލު ކަމަށް އައްޔަންކުރުން ލަސްވީ މާލީ ހާލަތު ހުރި ގޮތުން ދިމާވި ދަތިތަކުގެ ސަބަބުންނެވެ. އޭނާއަށް ފުރުސަތު ދެއްވުމަށް ފަހު ޝުޖޫން ވިދާޅުވީ، މަހްފޫޒުގެ ވަކީލު ރަށުގައި ނޫޅުއްވާ ކަމުގެ ލިޔުން މިއަދު ހެނދުނު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. "އެހެންނަމަވެސް ކޯޓުގެ އިޖުރާތުތައް ހަމަޖެހިފައި އޮންނަ ގޮތަށް، އެ އިޖުރާތުތައް ފޮލޯ ކޮށްފައެއް ނޫން، އެކަން އެ ބޭފުޅާ ކުރެއްވީކީ،" ޝުޖޫން ވިދާޅުވިއެވެ. އެ ކަމަނާ ވިދާޅުވީ މި މައްސަލަ ކުރިއަށްގެންދަން ގާނޫނުން ކަނޑައަޅައިފައިވާ މުއްދަތު މިހާރު ވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ނަމަވެސް މާދަމާ އަނެއްކާވެސް އަޑުއެހުމެއް ބާއްވާނެ ކަމަށް ޝުޖޫން ވިދާޅުވިއެވެ. "މާދަމާގެ ފަހަށް އިތުރު އެއްވެސް ފުރުސަތެއް ނޭރުވޭނެކަން މި ދެންނެވީ، އިތުރު އެކްސްކިއުޒްއެއް އިތުރު އެއްވެސް ކަމެއް ބަލައެއް ނުގަނެވޭނެ،" ފަނޑިޔާރު ވިދާޅުވިއެވެ. އެ ވާހަކަ ދައުވާ ލިބޭ އެންމެންނަށް ސާފުވިތޯ ޝުޖޫން އައްސަވައި، އަނގަބަހުން ޖަވާބު ހޯއްދެވިއެވެ. އަނަސްއަށް ދިން ހަމަލާއަށް ފަހު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވިދާޅުވެފައިވެއެވެ. އަދި، އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައިހުރި ޒަޚަމުތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމުތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ