ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން މިހުރީ ތައްޔާރަށް: ގާސިމް

ވިލާ އެއާއިން ބޭނުންވަނީ އެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާނަމަ، ދެ ފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓް ދޫކުށްލަން ތައްޔާރުކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފަ އެވެ.މި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ދިރާސާކުރަމުން އަންނަ މައްސަލާގައި އެ ކުންފުނީގެ ވެރިން ހާޒިރުކޮށް މިއަދު ސުވާލުކުރި އެވެ.އިގުތިސާދީ ކޮމިޓީ  ކޮމިޓީގައި ގާސިމް ވިދާޅުވީ ދައުލަތުން ވެސް އެއާޕޯޓުތައް ހިންގަނީ ވަރަށް ބޮޑު ޚަރަދުތައްކޮށްގެން ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ހުރިހާ ތަނަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ. ހަމަ އެގޮތަށް ކާޑެއްދޫ އެއާޕޯޓު ވެސް ހިންގަނީ ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ."ހަގީގަތަކީ ވަރަށް ކުޑަ އެއްޗެއް ލިބެނީ، ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިވެސް ނުލިބޭ އަދި ލިބޭ އެއްޗެއް ވެސް އޮންނަނީ ޕެންޑިންގައި ނުލިބި. އެހެންވުމުގެ ސަބަބުން ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކުރަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ތިން މަސް ތެރޭ އެ މަސައްކަތް ފަށާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ގާސިމް އޮތީ ވިދާޅުވެފަ އެވެ.މިއަދުގެ ބައްދަލުވުމުގައި ވެސް ގާސިމް ވިދާޅުވީ އެތަން އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ލަސްވަނީ ސަރުކާރުތަކުން އެތަނުގެ ޕްލޭނާ ކުޅޭވަރުން ކަމަށެވެ.ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު 6، 2013ގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ