މިނިސްޓަރ ދެއްކެވީ ކުދިންގެ ނަތީޖާ ދަށަން ދާ ވާހަކަ!

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކުރަމުން އަންނައިރު އެ ދާއިރާ އިން އެންމެ އެދެވޭ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެއީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ.މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 އިންސައްތަަ 5 މާއްދާއިން ފާސް ނުވާކަމަށެވެ. އެންމެ ދަށްވެގެން 5 މާއްދާއިން ސީ ފާސް ހޯދުމަކީ ތައުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުކަމަށާއި، އެހިސާބަށްވެސް ވާސިލް ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  އެޑިއުކޭޝަން މިނިސްޓްރީން ބަލަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން ފަސް މާއްދާ އިން ސީ ފާސް ހޯދުމަކީ އެންމެ ދަށް މިންގަނޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ހީވާގި ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތުން ވެސް ރާއްޖެ އިން ދާން ބޭނުންވާ ހިސާބަށް އަދި ނުދެވޭކަން އެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އިތުރު ހަރުފަތަކަށް ކުދިންގެ ނަތީޖާ ޖެއްސޭނީ ވެސް އެ ހަގީގަތް ގަބޫލު ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ މަދު އަދަދެއްގެ ދަރިވަރުންކަމަށެވެ. އެގޮތުން މަތީ އަރުތަ ވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވި އެވެ.މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ނަތީޖާއެއް ހާސިލްނުވާކަމަށް ފާހަގަވުމާއެކު ޓީޗަރުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް ހާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށާއި ކަރިކިއުލަމް އަދި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ