ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިވެހި އެންމެހައި ފުލުހުން، އަދި ފުލުހުންގެ ޢާއިލާތައް، ކޮމިޝަނަރ އޮފް ޕޮލިސް، އަދި ފުލުހުންގެ އެންމެހައި އިސްވެރިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަދި ނައިބު ރައީސް، ވަޒީރުން، ބޭރު ދަޢުލަތްތަކުގެ ސަފީރުންނާއި، ބޭރުގެ އެކިއެކި މުއައްސަސާތަކުގެ ފަރާތުން ވަޑައިގެން ތިއްބެވި ބޭފުޅުން، ދަޢުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ރައްޔިތުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ދިވެހި އަޚުންނާއި އުޚްތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އެންމެ ފުރަތަމަވެސް 92 ވަނަ ފުލުހުންގެ އަހަރީ ދުވަހުގެ ހެޔޮ ތަހުނިޔާ، އުފާވެރި ތަހުނިޔާ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އެންމެހައި ފުލުހުންނަށް އަދި ފުލުހުންގެ ޢާއިލާތަކަށް އަރިސްކުރަން.
އާދެ، ދިވެހި ފުލުހުންގެ ޚިދުމަތަކީ، ދިވެހި ކޮންމެ ރައްޔިތަކަށް އެންމެ ގާތުން ޚިދުމަތް ދޭ އެންމެ ބޮޑު މުއައްސަސާ. ކޮންމެ ދުވަހަކުމެ، ކޮންމެ ރައްޔިތަކަށްވެސް ކަމަކު ބޭނުންވެއްޖެނަމަ އެ މުއައްސަސާގެ ދާއިރާގެ ތެރެއިން ކޮށްދޭންޖެހޭ ކޮންމެ ކަމެއްގައި، އެންމެ ގާތުން މަސައްކަތްކުރަންޖެހޭ މުއައްސަސާ.
އާދެ، މިދިޔަ ދުވަސްތަކުގައި މި މުއައްސަސާ ހަރުދަނާކުރުމަށްޓަކައި ކުރެވުނު އެކި ކަންކަން، އެ ކަންކަން ކުރުމުގައި ބައިވެރިވި އެންމެން އެ ކުރެއްވި މަސައްކަތް ހަމަ ފާހަގަކުރަން. އަދި، މި މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތައް މިތަނުގައި ދެންމެ ފާހަގަކުރެވި، އެ ފަރާތްތަކަށް ހަނދާނީ އައްޑަނަ އަދި ފިލާ ލިބިގެންދިޔަ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީގައި، މި މުއައްސަސާއަށް ރީތި ނަން ހޯއްދަވައިދެއްވި 10 ފުލުހުންނަށްވެސް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާއަދާކުރަންޖެހޭ މުއައްސަސާކަން. އަދާކުރަމުންވެސް ދާ މުއައްސަސާކަން. ކޮންމެ ރައްޔިތަކަށްމެ ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކުގައިވާ ގޮތުގެމަތިން، އެ ރައްޔިތަކަށް ލިބިދީފައިވާ ޙައްޤުތަކާއި، އެ ރައްޔިތަކަށް ލިބިދީފައިވާ މިނިވަންކަމުގެ ދާއިރާގެ ތެރެއިން ކަންކަން ކުރުމުގައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި، އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާ. މިގޮތުން މި މުއައްސަސާ ކުރިޔަށް ގެންދިޔުމުގައި، އަދި ރައްޔިތުންގެ ތެރޭގައި އިތުބާރު ވަރުގަދަކޮށް، ދަމަހައްޓައި، ކުރިއެރުވުމުގައި ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އަޅުގަނޑުގެ ފަޚުރެއް.
ދިވެހި ފުލުހުންގެ ޚިދުމަތަށް މި ވީހާ ދުވަހުގެ ތެރޭގައި ނުކޮށްދެވި ހުރި ގިނަ ކަންތައްތަކެއް އެބަހުރި. އެއީ، ވަސީލަތުގެ ގޮތުންވެސް، އަދި އުމްރާނީ ގޮތުންވެސް، އަދި އެހެނިހެން ގޮތްގޮތުންވެސް ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. މި ކަންކަން ނުކޮށްދެވި އޮތް އޮތުމަކީ، މިއަދު ޙަޤީޤަތުގައި މި ހިސާބަށް އަޅުގަނޑުމެން އައިއިރުގައި، މި ކަންކަން އޮންނަންޖެހޭނެގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، އަޅުގަނޑު ކަނޑައެޅީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި ކޮންމެ ރައްޔިތަކު ހުރި ކޮންމެ ތަނެއްގައިވެސް އެ ރައްޔިތަކަށް އެންމެ ރަނގަޅު ފެންވަރުގައި ދިވެހި ފުލުހުންނަށް ޚިދުމަތް ކުރެވޭނެ ގޮތް ހަމަޖައްސައިދޭން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި ވަރަށް ގިނަ ރަށްތަކުގައި ފުލުހުންގެ ޚިދުމަތެއް ނެތް. މިއަހަރު ފެށުނުއިރުގައިވެސް 39 ރަށުގައި ޚިދުމަތެއް ނުދެވޭ. އެއްވެސް ވަރަކަށް ފުލުހުންގެ ޕޯސްޓެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން އިސްކަމެއްދީގެން، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ޒިންމާއަދާކުރެވޭނެ މަގުފަހިކޮށްދިނުމަށް، އަދި ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ވަރަށް އިސްކަމެއްދީގެން މަސައްކަތްތަކެއް އެވަނީ ފަށާފައި. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމޭއިރުގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެގޮތް ހަމަޖެހިގެންދާނެ.
ހަމައެއާއެކީގައި، އެކިއެކި ފެންވަރުގައި ހުރި އިމާރާތްތަކާއި، އަދި ކުއްޔަށް ނަގައިގެން މީހުންގެ ގޯތީގައްޔާއި، އަދި އެކިއެކި ރަށްރަށުގެ މުއައްސަސާތަކުގެ ނަމުގައި ހުރި ބިންތަކާއި، މި ތަންތަނުގައި ހިންގަމުންދާ އިމާރާތްތަކާ ، މި ތަންތަނުގެ ބަދަލުގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކެއް ގާއިމުކުރުމަށް، މިހުރިހާ ކަމެއް ހިމެނޭހެން، މިހާރު އެވަނީ ވަރަށް ގިނަ ރަށްރަށުގައި މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރެވިފައި. 80 އެތައް ރަށެއްގެ މަޝްރޫޢު އެވަނީ ފެށިފައި. މި މަސައްކަތްތައް މި އަހަރާއި މިއަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިޔުމުން އަދި މިދިޔަ އަހަރު ނިންމާ، ހުޅުވުނު ރަށްރަށުގެ ޚިދުމަތްދެވޭ މަރުކަޒުތައް ހިމެނޭހެން، ތިން އަހަރު ދުވަހުގެ މި މުއްދަތުގެ ތެރޭގައި، މިދިޔަ އަހަރާއި، މި އަހަރާއި، މި އަންނަ އަހަރު މި ތިން އަހަރު ތެރޭގައި 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ގާއިމުކުރެވިގެން އެދަނީ. މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ކަމެއް.
ހަމައެއާއެކީގައި، ކޮންމެ ފުލުހަކަށް ބޭނުންވާ ތަމްރީނާއި، އަދި ފުލުހުން ޚިދުމަތް ދިނުމަށް ބޭނުންވާނެ ވަސީލަތްތައް، ބޭނުންވާ ކޮންމެ ދާއިރާއަކުން އިތުރުކޮށްދިނުމާއި ހޯދައިދިނުމަކީވެސް ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އެކަމަށްޓަކައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދެމުންދާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިޔަށްއޮތް ދުވަސްތަކުގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ތިޔަ ލޮބުވެތި ފުލުހުންނަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ދިނުމަށްޓަކައި، ފަހިކޮށްދޭންޖެހޭނެ ހުރިހާ ކަމެއް ފަހިކޮށްދެވިގެންދާނެ. އެ ކަންކަން އިރާދަކުރެއްވިއްޔާ ކާމިޔާބުވެގެންދާނެ. އޭގެ ނަތީޖާއަކަށްވާނީ، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ ތިޔަ މުއައްސަސާއާ ތިޔަ މުއައްސަސާގެ ހުރިހާ ފުލުހުންނަށް ހިތްހަމަޖެހުމާއި، އުފަލާއި، ޔަޤީންކަމާއެކީގައި ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތްދެވޭގޮތް ވެގެންދިޔުން. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ހަމައެއާއެކީގައި، އޭގެ ނަތީޖާއަކަށްވެގެންދާނީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ފުލުހުންނަށް ކާމިޔާބީތައް ހާސިލުކުރެވޭނެގޮތް ވެގެންދިޔުން. މި ޤައުމަށް ބަލައިލާއިރުގައި، މުޖުތަމަޢަށް ބަލައިލާއިރުގައި، އެތައް އަހަރެއްވަންދެން އެކިއެކި ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުންނާއި، އެކިއެކި ކަންކަން ހުރި ގޮތުންނާ އެކީގައި، ބޮޑެތިވެފައިވާ، ފެތުރިފައިވާ، ނުރަނގަޅު ބޮޑެތި މައްސަލަތަކެއް އެބަހުރި. ޑްރަގުގެ މައްސަލައަކީ، ޑްރަގުގެ ވަބާއަކީ އެންމެ ބޮޑު މައްސަލަ، މިގޮތުން ފާހަގަކޮށްލެވޭ. އެއާ ގުޅިގެންނާއި އެއާ ނުގުޅިވެސް، ގޭންގުތަކާ އެއްވެގެން ގުރޫޕް ހަދައިގެން ހިންގާ އެކިކަހަލަ މާރާމާރީތަކާއި އެކިކަހަލަ ނުބައި ޢަމަލުތައް، މި ކަންކަމަކީވެސް ވަރަށް ފުޅާވެފައި އޮތްކަމެއް. މިއީ، މިއަދަކު ފެށުނުކަމެއްނޫން. އެތައް އަހަރެއްވެއްޖެ ޤައުމުގައި މިކަން ހިނގާތާ. އެއްވެސް ވަރަކަށް އެ ކަންކަން ހުއްޓުވުމުގައި ފުލުހުންނަށް ބޭނުންވާ ސަޕޯޓު ސަރުކާރުގެ ތެރެއިން ލިބިފައެއްނުވޭ. އެކަށީގެންވާވަރާ ގާތަށްވެސް ލިބިފައެއްނުވޭ. ފުލުހުންނަށް ބޭނުންވާ ސަޕޯޓު ލިބިފައިވާނަމަ، މިއަދު މި ހިސާބަކު ނޫން ޤައުމުގައި ކަންކަން އޮންނާނީ. އެކަން ބަދަލުކުރުމަށް އަޅުގަނޑުމެން ޢަޒުމު ކަނޑައެޅީ. ތިޔަ ފުލުހުންނަށް، ތިޔަބޭފުޅުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކައި މަގުފަހިކޮށްދޭންޖެހޭނެ ހުރިހާ ކަމެއް، މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ނިންމީ.
އެހެންވީމާ، ޤާނޫނު އޮތްގޮތްވެސް ރަނގަޅުކުރަންޖެހިފައި އޮތުމާއެކީގައި، ވަރަށް ފުޅާ ދާއިރާއެއްގައި ގޭންގު ކުށްތަކާ ބެހޭ ޤާނޫނު އެކީގައި ބަދަލުކުރެވި، މިހާރު މަޖިލިސް ތެރޭގައި އެ ކުރިޔަށްދަނީ ފާސްކުރުމުގެ މަސައްކަތް. އެ ފާސްވެގެން އައުމުން، ފުލުހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތުތަކެއް، މި ޤައުމުގައި ފެތުރިފައި މިވާ ބޮޑު މައްސަލަ، ހަމަހަމަކަމާއި، ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކަމާއެކީގައި، އިންސާފުވެރިކަމާއެކީގައި ޙައްލުކުރަން. ޑްރަގުގެ މައްސަލައަށް އެކަށީގެންވާ ބޮޑު ޙައްލެއް ގެނައުމާއި، ގޭންގު މާރާމާރީއާއި ކުށްތަކާ ގުޅޭ ކަންކަން ޙައްލުކުރުމަށް.
ހަމައެއާއެކީގައި، އެތައްހާސް، އަދި އަދަދުވެސް ނޭނގޭހާ ނުގަވާއިދުން އުޅޭ ގިނަ ބިދޭސީން ޤައުމުގައި އުޅޭ މައްސަލަ ޙައްލުކުރުމުގައިވެސް ފުލުހުންނަށް ބޭނުންވާ އެހީތެރިކަން އޮތީ ސަރުކާރުތަކުން ނުދީ. އެކަން ޙައްލުކުރުމަށްވެސް އަޅުގަނޑުމެން ވަނީ މަސައްކަތްތަކެއް ފަށާފައި. އާދެ، މި ތިން މައްސަލަވެސް ޙައްލުކުރުމުގައި މިކަމަށް ބޭނުންތެރި ކަންތައްތައް ފަހިނުކޮށްދެވިއޮތުމުގެ ސަބަބުން ދިމާވާ މައްސަލައަށް ބަލާއިރުގައި، ކަމާގުޅޭ މުއައްސަސާތައް ކުރީގައި ހުރީ އެކި ފުރާޅުތައް ދަށުގައި. އެކި މިނިސްޓްރީތަކުގެ ދަށުގައި. އަޅުގަނޑު ނިންމީ މި ކަންކަން ޙައްލުކުރުމަށް ބޭނުންވާ ހުރިހާ މުއައްސަސާތައް މިކަމާގުޅޭ އެއް މިނިސްޓްރީއެއްގެ ދަށަށް ގެނެސް، މިނިސްޓްރީއެއް ހަދަން. އެހެންވީމާ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއެއް ގޮތުގައި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އެކި ތަންތާނގައި ހުރި ތަންތަން އެއްތަނަކަށް ގެނެސްފައި އެވަނީ. އެއީ، ނަތީޖާ ނެރުމަށްޓަކައި. އަޅުގަނޑަށް މުހިންމީ، އަބަދުވެސް ބޭނުންވާ ނަތީޖާ ނެރެން. އެ ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަން މިކުރަނީ.
އެހެންވީމާ، ދިވެހި ފުލުހުންގެ ޚިދުމަތަށް، ތިޔަބޭފުޅުންގެ ޚިދުމަތް އެންމެ ފެންވަރު ރަނގަޅު ގޮތުގައި، ދިނުމަށް ބޭނުންވާ މަގު މިހެންހުރި ކަންކަން ޙައްލުކުރުމުގައި އެ ފަހިކޮށްދެނީ. ހަމައެއާއެކީގައި، ދެންހުރި ކަންކަމުގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުލުހުންގެ ޚިދުމަތް ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންގެންދާނަން.
މިގޮތުން ބަލާއިރުގައި، ރައްޔިތުންނާ މިހާ ގާތުން މަސައްކަތްކުރާ މުއައްސަސާއަކަށް ވާއިރުގައި، ރައްޔިތުންނާ އިތުރަށްވެސް ގާތްވާން އެބަޖެހޭ. ރައްޔިތުންނަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް އެނގެން އެބަޖެހޭ، މިހާރަށްވުރެވެސް ގާތުން. ދެފުށް ފެންނަގޮތެއްގައި، އަވަސްމިނުގައި. މިހާރު ޢަމަލުކުރަމުންދާ އެކިއެކި އުސޫލުތައް ތިޔަބޭފުޅުންގެ ތެރޭގައި ހުންނަ، ޕްރޮސީޖަރތަކަށް ބަދަލުތައް ގެންނަން އެބަޖެހޭ. މަޢުލޫމާތު ޙިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު. މި މުއައްސަސާއަށް ރައްޔިތުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރު، އޮންނަންޖެހޭ މިންވަރަށް ގާއިމުކުރުމުގައި މި ދެންނެވި ކަންތައް އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންތައް. ތިޔަބޭފުޅުންނަށްވެސް ޚިދުމަތްދިނުމުގައި ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި، އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެންމިވަނީ ރައްޔިތުންނާ ގާތްވި ވަރަކަށް.
އެހެންވީމާ، ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއް އެއީ ވެދާނެ ކޮންމެފަދަ މައްސަލައަކަށްވެސް. އެ ވެދާނެ މާރާމާރީ އަކަށްވެސް. ނޫނީވިއްޔާ އެހެން ކަމަކަށްވެސް. ކޮންމެފަދަ ކަމެއް ދިމާވެގެންވެސް ތިޔަބޭފުޅުން އެ ކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަންފަށާ ހިސާބުން، ފުރަތަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ޙިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކުރަން އަޅުގަނޑު އެދެން. މިވެނި ކަމަކާގުޅިގެން، ތިމަންނަމެން މައްސަލައެއް ބަލަން ފަށައިފީމޭ، އެ މައްސަލައާބެހޭ މަޢުލޫމާތު ލިބެމުންދާ ވަރަކުން ރައްޔިތުންނާ ޙިއްސާކުރަމުން ދާނެކަން ފުރަތަމަވެސް ބަޔާންކޮށްދެއްވަން އަޅުގަނޑު އެދެން. އެ ޓްރާންސްޕެރެންސީ އެގޮތުގައި ގެނައުމުން، ރައްޔިތުންނަށްވެސް ހިތްހަމަޖެހުން، ތިޔަބޭފުޅުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ. ތިޔަ ކުރައްވާ ބުރަ މަސައްކަތް، ޒިންމާދާރު ބުރަ މަސައްކަތަށް އިތުރު ކްރެޑިބިލިޓީއެއް ލިބިގެންދާނެ. ތިޔަ ކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. އެއީ، އަޅުގަނޑުމެންގެ ތެރޭގައި، އެއްވެސް ޒިންމާދާރުކަމެއް ނެތި، ސިޔާސީ ބޭނުމަކަށް އަދި އެ ނޫން ބޭނުންތަކުގައިވެސް، ދޮގު ހަދައި، ފިތުނަ އުފައްދާ ފަރާތްތަކުގެ އެ ކަންތައްތަކަށްވެސް އެޅޭނެ އެންމެ ބޮޑު ހުރަކަށްވާނެ. ތިޔަބޭފުޅުން ކުރައްވާ މަސައްކަތް، އެ މަސައްކަތުގެ އަގުވައްޓާލައި، ރައްޔިތުންގެ ކުރިމަތީގައި މި މުއައްސަސާގެ އަގުވައްޓާލަންކުރާ މަސައްކަތަށްވެސް އެޅޭނެ ހުރަހަކަށްވާނީ، މަޢުލޫމާތު ޙިއްސާކުރުމުގައި އަވަސްވެގަތުން. ޕްރޮސީޖަރތައް ބަދަލުކުރަންޖެހެންޏާ ކޮށްގެންވިޔަސް. އެންމެ ފުރަތަމަވެސް ތަނެއްގައި ބަޔަކު ކޮންމެފަދަ ކަމެއްކޮށްގެން ތިޔަބޭފުޅުންގެ ޒިންމާއަދާކުރަން ފަށަންޖެހޭ ހިސާބުންވެސް ރައްޔިތުންނަށް މަޢުލޫމާތު ދެއްވަންވީ، މިވެނި ތަނެއްގައި މިވެނިކަމެއް ދިމާވެގެން، މައްސަލަ ބަލަން ފަށައިފީމޭ. މައްސަލައިގެ މަޢުލޫމާތު އަދި ނުހުރެދާނެ. މައްސަލައެއްނެތް، ހުރިވަރަކުން ހިއްސާކުރައްވައިގެން، އެ ހިސާބުން ދެން ލިބެމުންދާ މަޢުލޫމާތު، ތިޔަބޭފުޅުންގެ ޒިންމާއަށް ހުރަސްނޭޅޭ ވަރަށް ހިއްސާކުރަމުންދާނީ. ތިޔަބޭފުޅުން އެ މައްސަލައަށް ބަލައިގެން އެކަމުގައި ކުށްވެރިވާ ފަރާތްތައް، ހެކިތައް ހޯދުމާއި، އެ ހެކިތައް ނައްތާލުމަށް ފުރުޞަތު ނުލިބޭ މިންވަރުން ދެވޭނެ ހުރިހާ މަޢުލޫމާތެއް ދެމުން ދާންވީ. އޭރުން ޢަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމުކުރެވި، ޤާނޫނީ ވެރިކަން ޔަޤީން ކުރެވިގެން، އެ ޔަޤީންކަމާއެކީގައި ގާއިމުކުރެވި ދެމެހެއްޓުމުގެ އިތުރުން، ދެފުށް ފެންނަ މިންވަރު އިންތިހާޔަށް އިތުރުވެގެންދޭ. ޓްރާންސްޕެރެންސީ އެތައްގުނައަކުން އިތުރުވެގެންދޭ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ، އިތުރަށް ރައްޔިތުންނާ ގާތްވެގެންދޭ. އެގޮތަށް އެކަންކުރުމަކީ އަޅުގަނޑު އެދޭގޮތް.
އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމުދެކެ އެއްވެސް ލޯތްބެއްނުވާ، ޤައުމިއްޔަތުގެ އެއްވެސް ވިސްނުމެއްނެތް މީހުން އުފައްދާ ފިތުނަތަކުގައި ޖައްސައި، މި މުއައްސަސާގެ އަގުވައްޓާލަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެން ނުވާނެ ޖާގަދީގެން. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އެ މަސައްކަތް މިގޮތަށް ކުރެވޭނެ. ރައްޔިތުން ވިސްނަންވީ ކަމަކީ، ރައްޔިތުންނަށް މިހާ މުހިންމު ޚިދުމަތެއްދޭ މުއައްސަސާއެއްގެ އަގުވައްޓާލަން ބަޔަކު ކުރާ މަސައްކަތަށް ރައްޔިތުންގެ ތެރެއިން އެއްވެސް ވަރެއްގެ ފުރުޞަތެއް ދިނުމަކީ، ރައްޔިތުންގެ ބެސްޓް އިންޓްރެސްޓްގައި އޮތްކަމެއް ނޫންކަން. އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، ކޮންމެ ރައްޔިތެއްވެސް ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ދެކެނީ، ޒިންމާދާރުކަމާއެކީގައި ފުލުހުންނަށް ޚިދުމަތްކުރެވޭނެ ގޮތަށް ކަންކަމުގައި އަޅުގަނޑުމެން ޒިންމާދާރުކަމާއެކީގައި ވިސްނުން. މިއީ، އަޅުގަނޑުމެންގެ މުއައްސަސާ. ދިވެހި ކޮންމެ ރައްޔިތަކަށް ޚިދުމަތް ދިނުމުގައި މި މުއައްސަސާއަށް ޚިދުމަތްދެވޭނެ މަގު ފަހިކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އޭގެ ސަބަބުން، ޤައުމުގައި އަމާންކަން ގާއިމުވެގެން އެބަދޭ. ޤައުމުގައި ހަމަޖެހުން ގާއިމުވެގެން އެބަދޭ. ސުލްހަމަސަލަސްކަން އިތުރުވެގެންދޭ. މި ޤައުމަށް ހަމަޖެހުމާއި، އަމާންކަމާއި، ސުލްހަމަސަލަސްކަން ގާއިމުވެގެންދާ ވަރަކަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމަށް އިޤްތިޞާދީގޮތުންވެސް އެ ދެވެނީ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ ކޮންކަމެއްތޯ؟ އިންވެސްޓަރުން މި ޤައުމަށް އަންނައިރުގައި، އަންނަން ބަލައިލާއިރުގައި، ބަލާނެ މިއީ ކޮންކަހަލަ މުޖުތަމަޢެއް އޮތް ތަނެއްތޯ. މިތަނުގައި ހަމަޖެހުން އެބައޮތްތޯ. އަމާންކަން އެބައޮތްތޯ. ރޫލް އޮފް ލޯ މިތާނގައި ކިހާވަރަކަށްތޯ ތަންފީޒުކުރެވެނީ. މީހުންގެ ތެރޭގައި ރޫލް އޮފް ލޯ ތަންފީޒުކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭތޯ. ދެފުށް ފެންނަ މިނެއްގައި ކިހާވަރަކަށްތޯ މި ޤައުމުގައި ކަންކަން ކުރަމުންދަނީ. މިއީ ބަލާނެ ކަންކަން. އެ އިންވެސްޓަރުންގެ އެ އިންވެސްޓްމަންޓް މިތަނަށް ގެނައުމުގައި އެ ކޮންފިޑެންސް ބޭނުންވާނެ.
އެހެންވީމާ، ސަލާމަތީ ޚިދުމަތްތަކުން މި ޤައުމުގައި ކުރާ މަސައްކަތް، ސިފައިންނާއި ފުލުހުން ކުރާ މަސައްކަތުގެ މުހިންމުކަން ބޮޑުވެގެންދާ އެއް ސަބަބަކީ އެއީ. ދިފާއީ ބާރުންވެސް، ފުލުހުންވެސް، މި ޤައުމުގައި އެ ދެ މުއައްސަސާގެ މި މަތިވެރި ޤައުމީ ޚިދުމަތް، ޤައުމީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ކުރާ މަސައްކަތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑު ފަޚުރުވެރިކަމާއެކީގައި ދޭން ބޭނުންވާ އަދި ދޭ ސަބަބަކީ އެއީ. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމުގައި، ޔަޤީންކުރުމުގައި ފުލުހުން ކުރާ މަސައްކަތް، ސިފައިން ކުރާ މަސައްކަތް އެއީ، އެންމެ އިސްކަމެއްދޭންޖެހޭ ކަންތައްތައް.
އެހެންވީމާ، މިރޭ، ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަސް ފާހަގަކުރެވިގެން ދާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމާ މެދުގައި ނުވިސްނާ ބަޔަކު ކުރަމުންދާ ކަންކަމަށް އަޅުގަނޑުމެން ލޯހުޅުވެންޖެހޭނެ. އަޅުގަނޑުމެން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތް މީހެއްކަން ގަބޫލުކުރަންޖެހޭނެ. މި މުއައްސަސާގެ ފަރާތުން ރައްޔިތުންނަކަށް ދޮގެއްނުހަދާނެ. އަޅުގަނޑު ގަބޫލެއްނުކުރަން އެގޮތަކަށް. ފުލުހުން ރައްޔިތުންނަށް ދޮގުހަދައިން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް. އަދި ފުލުހުން ކުރައްވާނެ ކަމެއްވެސްނޫން އެއީކީ.
އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފައްދާ، އަޅުގަނޑުމެންގެ ތެރޭގައި އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން މި މުއައްސަސާގެ އަގުވައްޓާލަން މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެން ޖެހޭނީ ފުލުހުންގެ ޚިދުމަތް، ފުލުހުން އަދާކުރުމަށް ކެތްތެރިކަމާއެކީގައި ފުރުޞަތު ދޭން. އަޅުގަނޑު ދޭ ޔަޤީންކަމަކީ، މި ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން، ރައްޔިތުންގެ މި ސަރުކާރުން، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނީ ދެފުށް ފެންނަ، ޒިންމާދާރު، ތެދުވެރި، އަމާނާތްތެރި ޚިދުމަތެއްކަމުގެ ޔަޤީންކަން. މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ގާތުންކަން. ހިނިތުންވުމާ އެކީގައިކަން. އޯގާތެރިކަމާ އެކީގައިކަން. ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކީގައިކަން. އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށްޓަކައި، އެބަޖެހޭ މި ކަމުގައި އެކަތިގަނޑަކަށް ވާން.
ސިޔާސީގޮތުން އަޅުގަނޑުމެންގެ ތެރޭގައި އެކިކަހަލަ ކަންކަން ހިނގަން އުޅޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ބޭނުމެއް ނެތް. މިހާރު މި ހިނގައިން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިޘާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިހުރި އިންތަކާއި، މިންތަކާއި، އުސޫލުތަކާއި، ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ. ޒުވާންކަމުގައި ތިޔަކުދިން ބޭނުންގޮތަކަށް އުޅޭށޭ. ކިޔާފައި އެ ހިތްވަރުދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެކުދިން މިސްޔޫސް ކުރަމުންދާ ދިޔުން، ލޯ ހުޅުވައި ބަލަންއެބަޖެހޭ. ލޯހުޅުވައި ބަލަންޖެހޭ. އެކުދިން އެ މަގުން ދިޔައީ، ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ޤައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ޤައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން. އޭގައި ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން، ސިޔާސީ ފައިދާނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވެއްދުމަކީ، ކޮށްގެންވާނެ ކަމެއްނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެންޖެހޭނެ. އަޅުގަނޑުމެން ވާންޖެހޭނެ، ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެންނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލްވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިކުނޑި ދޫކޮށްލާ ބަޔަކަށް ވެގެން ނުވާނެ. އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ. އަމިއްލަ ސިކުނޑިން ވިސްނައިގެން، އަމިއްލައަށް ކަންކަމާމެދުގައި ތެދު ދޮގު ބެލޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ.
اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއްނޫން، އެއީ، ޗޮއިސްއެއް ނޫން، އެއީ، ޒިންމާއެއްނޫން، އެއީ ވާޖިބެއް. މިއީ މުސްލިމުން. މިއީ 100 ޕަސެންޓް އިސްލާމީ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ސުވާލުކުރެވި، ޖަވާބުދާރީ ވާންޖެހޭ ދުވަސް އަންނައިރުގައި، އެ ދުވަހަކު ދޭނެ ޖަވާބެއް ނޯންނާނެ، އަޅުގަނޑުމެންގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ. އަޅުގަނޑުމެން ވާންޖެހޭ އެބަ އަމިއްލަ ނަފްސަށް ތެދުވެރިވާ ބަޔަކަށް. ކާކަށްތޯ އޮޅުވާލަނީ؟ ކޮންތާކަށްތޯ ދަނީ؟ ކޮން އިރަކުންތޯ މަރުވާނީ އިނގޭތޯ؟ ނޭނގޭނެ. މިހާރު، މިވަގުތު، މި ހިނދު އެބަޖެހޭ މިކަމުގައި ގޮތް ނިންމަން ކޮންމެ ރައްޔިތަކުވެސް. ތިމަންނައަކީ، ޒިންމާދާރު، ތެދުވެރި މުސްލިމަކަށް ވާން. ބަޔަކު ދައްކާހާ ވާހަކައަކީ، ތިމަންނަގެ ސިކުނޑިއަށް ވައްދައިގެން ގަބޫލުކުރާނެ ކަމެއް ކަމުގައި ދިޔަ ނުދޭނެކަމުގެ ޢަޒުމުކަނޑައަޅަން އެބަޖެހޭ. އެއީ، އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ދަރިންނަށާއި، އަޅުގަނޑުމެންގެ ރަޙުމަތްތެރިންނަށާއި، އަވަށްޓެރިންނަށާއި، މުޅި މުޖުތަމަޢަށްޓަކައި ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް. މި ލޮބުވެތި ފުލުހުންނަށް، ފުލުހުންގެ ޚިދުމަތް އަދާކުރުމުގައިވެސް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމަށްވާނެ އެ ކަންތައް.
މި ކުޑަކުޑަ މުޖުތަމަޢު، އާބާދީގެ ގޮތުން ކުޑަ ޤައުމެއް މިއީ. ސައިޒުގެ ގޮތުން ވަރަށް ބޮޑު. އެހެންނަމަވެސް، އާބާދީގެ ގޮތުން ކުޑަ ޤައުމެއް. މި ބައިމިލިއަން މީހުން ހަމަނުވާ، މި ކުޑަ ޤައުމުގައި ފިތުނަތައް އުފައްދައި، އެއްވެސް ވަރަކަށް މި ޤައުމު ދެކެ ލޯބިނުވާ ބައެއްގެ އޮއިވަރުގައި ޤައުމު ޖައްސައި، ދުއްވާލުމަކީ ހެޔޮވާނެކަމެއް ނޫން. އަމިއްލަ ސިކުނޑިން ވިސްނާލައްވާ.
އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަބޫލުކުރަނީ، ކޮންމެ ލޮބުވެތި ރައްޔިތަކީ، އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިން ވިސްނައި، ކަންކަމުގައި ގޮތް ނިންމާނެ ބައެކޭ. ތެދު ދޮގު ބަލާނެ ބައެކޭ.
އާދެ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، ފަޚުރުވެރިކަމާ އެކީގައި، ޚިދުމަތް ކުރުމުގައި، ފުލުހުން ކުރިޔަށް ވަޑައިގެންނެވުމަށް. ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކީގައި ޚިދުމަތް ދިނުމަށް. ކޮންމެ ހިނދަކުވެސް ޕްރޮފެޝަނަލިޒަމް އިސްކުރެއްވުމަށް. ތިޔަބޭފުޅުންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަން ވަރުގަދަ ކުރެއްވުމަށް. ބައިބައިވުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށް. ސިޔާސީ ކޯޅުންތަކާއި، ސިޔާސީ ނުފޫޒުގެ ތެރޭގައި، އެއްވެސް ފަރާތަކަށް ޖެހުމުގެ ފުރުޞަތު ތިޔަ ފުލުހުން ނުދެއްވާ. ތިޔަބޭފުޅުން ޤައުމަށް ތިޔަ ކޮށްދެއްވާ ޚިދުމަތުގައި، ވަރުގަދަ ޢަޒުމެއްގައި، ވަރުގަދަ ބާރަކާ އެކީގައި، އެކުވެރިކަމާއެކީގައި ކުރިޔަށް ވަޑައިގަންނަވާ. އެއީ، ދެފުށް ފެންނަގޮތުގައި ޚިދުމަތް ދިނުމުގައި އެތައް ގުނައެއް އިތުރުކޮށްދެއްވުމަށް. ރައްޔިތުންނާ ގާތަށް އިންތިހާޔަށް ވަޑައިގެންދެއްވުމަށް. ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެއްވުމަށް. އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮތީ އެގޮތުގައި.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހައި، ހެޔޮބަސް ގަބޫލުކުރާ ބައެއްކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވެވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެކަލާނގެ އަންގަވައިފައިވާ ގޮތަށް އެ ބުއްދީގެ ބޭނުން ހިފާ ބައެއް ކަމުގައި ވެގެންދިޔުން. އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު މިނިވަންކަންމަތީ ތާއަބަދުމެ ލަހައްޓަވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ