ޔުމްނުގެ ވެއްޓުނު ހާދިސާގެ ތަހުގީގު އިންސާފުވެރިކޮށް ހިންގޭނީ އަމީން މަގާމުން އެކަހެރިކޮށްގެން: އެމްޑީޕީ
މި މަހުގެ 18 ވަނަ ދުވަހު ހެނދުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ހިންގޭނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މަގާމުން އެކަހެރިކޮށްގެން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ. މި މައްސަލައިގައި ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަން ފެށީ، އެންމެ ފުރަތަމަ ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ހަމައެކަނި ޔުމްނާގެ ނަން ހާމަކޮށް، ހާދިސާގައި ޝާމިލުވާ އެހެން މީހުންގެ ވަނަވަރު ހާމަނުކޮށް، ހާދިސާ ހިނގި ހ. ފެންޓޯނިއާގޭގެ ނަން އެކަނި ހާމަކުރުމުންނެވެ. އަދި، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ފުލުހުންގެ ބަސް ގަބޫލުނުކުރެވޭކަމަށް ބުނެ ޒުވާނުން މަގުމައްޗަށް ނުކުމެ، ނުރުހުން ފާޅުކުރާތާ ދެ ރޭ ވަނީ ވެފައެވެ. ޔުމްނު ވެއްޓުނު ފުރާޅު ----- ސަން ފޮޓޯ އެއާއެކު، އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ: ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އިއްޔެ އޮތް ބައްދަލުވުމުގައި ފުލުހުން އާންމުކުރި މައުލޫމާތުތަކުގައި ދެކޮޅުނުޖެހޭ ކަންކަން ހުރިކަމާއި، ތަހުގީގަށް ބާރުގަދަ ބައެއްގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ނޫސްވެރިންނާއި އާންމުން ތުހުމަތުކުރާ ކަމަށެވެ. ހާދިސާގައި މިނިސްޓަރު އަމީން ދިރިއުޅުއްވާ އެއް ޝާމިލުވެ، އާއިލީ ގޮތުން ގުޅުން އޮތް ބައެއް ފަރާތްތައް މި މައްސަލައިގައި ޝާމިލުވާތީ ތަހުގީގަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް އަމީނަށް ރައްދުވެފައިވާ ކަމަށެވެ. އެ ތުހުމަތުތަކަށް އަމީން އިންކާރު ކުރެއްވި ނަމަވެސް، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މިނިސްޓަރު އަމީން އެތައް ފަހަރަކު ގުޅަން މަސައްކަތް ކުރިކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައްކަވާ އަޑު ލައިވްތަކަށް އަރާފައިވާ ކަމަށް ވެސް ވެއެވެ. އެހެންވެ، ހާދިސާގެ ތަހުގީގު ހިނގަމުންދަނިކޮށް މިނިސްޓަރު އަމީން ސީޕީއަށް ގުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއް ކަމުގައި ބެލުމުގެ ޖާގަ އޮތް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ޔުމްނުގެ ދިފާއުގައި ޒުވާނުން ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް މިނިސްޓަރު އަމީން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ، ރައްޔިތުންގެ ވިންދާ ގުޅިފައިވާ މިފަދަ މައްސަލައެއްގައި ރައްޔިތުންގެ އިތުބާރު ލިބިދާނެ ފަދަ އިންސާފުވެރި ތަހުގީގެއް ހިންގޭނީ މިނިސްޓަރު މަގާމުން ދުރުކޮށްގެން ނުވަތަ ސަސްޕެންޑުކޮށްގެން ކަމަށް ބުނެފައެވެ. އެހެންކަމުން، މިވަގުތުން މިވަގުތަށް މިނިސްޓަރު އަމީން މަގާމުން އެކަހެރި ކުރުމަށް އެމްޑީޕީން ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ. މި ހާދިސާއަށް މިއަދަށް ހަފުތާއެއް ވީއިރު، އެމީހުން އެރޭ ހަރަކާތްތެރިވިކަމަށް ބުނާ މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާ ވެސް ބަލާފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލައި ފާސްކުރަން ފުލުހުން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ