މެމްބަރު ކަމުން 1982ގައި ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ކޯޓަށް
ިރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރަކަށް 1982 ވަނަ އަހަރު ހުރި ހުސައިން އާދަމް ހައްޔަރުކޮށް ޖަލްސާތަކަށް ނުދެވުމުގެ ސަބަބުން މެމްބަރުކަމުން ވަކިކޮށްގެން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ސިވިލް ކޯޓުގައި ހުސައިން އާދަމް ދައުވާ ކުރީ ބަންދުގައި އޭނާ ހަތް މަސް ދުވަހު ހުންނަން ޖެހުމުން ޖަލްސާތަކަށް ނުދެވިގެން މަޖިލީހުގެ މެމްބަރު ކަމުން އޭނާ ވަކިކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ބަދަލެއްގެ ގޮތުން 19 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި އެވެ. އޭރުގެ މަޖިލީގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސަށް އެއްވެސް އެއްޗެއް ނާންގާ ދެ ދައުރު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާނެ އެވެ. ހުސައިން އާދަމް ބުނާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ ސިޔާސީ މައްސަލައެއްގަ އެވެ. އަދި އޭނާ ހައްޔަރުކުރީ އޭރުގެ ރައީސް އަންގައިގެން ޑިފެންސް މިނިސްޓަރުކަމަށް ވެސް ހުސައިން އާދަމް ވިދާޅުވި އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލާގައި ދައުވާކުރުން ލަސްވީ ކީއްވެތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ހުސައިން އާދަމް ވިދާޅުވީ މައްސަލައިގެ ލިޔުންތައް ނުލިބިގެން ލަސްވީ ކަމަށެވެ. ފުލުހުންގެ ބަންދުގައި ހަތް މަހާއި 17 ދުވަހު ހުރި އިރު އެކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުންނަން ޖެހުނުކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށާއި އެކަން ހުސައިން އާދަމްގެ ފަރާތުން ވެސް އަދި އޭނާގެ އާއިލާގެ ފަރާތުން ވެސް އަންގާފައިނުވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ 19 މިލިއަން ރުފިޔާ އެއީ ކިހިނެއް ހިސާބު ހަދައިގެން އައި އަދަދެއްކަން ނޭނގޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެދުވަސްވަރު މުސާރައިގެ ގޮތުގައި ލިބެނީ ކިހާވަރެއްތޯ އާއި ވަކިކުރި އިރު ދައުރުގެ ބާކީ އޮތީ ކިހާވަރެއްތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން އެހާ ރަނގަޅަށް އެކަންކަން ހަނދާން ނެތް ކަމަށް ހުސައިން އާދަމް ވިދާޅުވި އެވެ. އަދި މުސާރަ ވާނީ 2000 ރުފިޔާ ވަރު ކަމަށް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ނިންމާލީ މެމްބަރުކަމުން ހުސައިން އާދަމް ވަކިކުރުމާ ހަމައަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތް ދިންތޯ ސާފުކުރުމަށް ދައުލަތަށް އެންގުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ