އެކްސިޑެންޓުގައި މީހަކު މަރުވުން: އިއްޔެ ވެސް ހަމަ އެތަނުގައި ނުރައްކާތެރި އެކްސިޑެންޓެއް

ބުރިޖު ހައިވޭގެ ޓްރެފިކް ލައިޓު ކައިރީގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި އިރު، އިއްޔެ ވެސް ހަމަ އެތަނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓު ލައިޓް ކައިރީ ރޭ ދިހައެއް ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ، 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެ އެކްސިޑެންޓު ހިނގީ، އޭނާ އިން ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ.
މި ހަބަރު ފޭސްބުކްގައި ހިއްސާކޮށް، ޒުވާނަކު ވަނީ މަގުގެ ދެ ލޭނު ވަކިކުރަން ލާފައި ހުރި އެ ކުލަގަނޑުގެ މަތިން އިއްޔެ ވެސް އޭނާ އެކްސިޑެންޓުވި ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި، މީގެ ދޮޅު އަހަރު ކުރިން ވެސް ހަމަ އެތަނުގައި އޭނާ އެކްސިޑެންޓުވި އެވެ.
"ކުރިން އެކްސިޑެންޓުވުމުން އެތަނުން ދުއްވާފައި ދިޔައީ ވަރަށް ބަލައިގެން، މަޑުމަޑުން. އެކަމަކު ހަމަ އެ ކުލަގަނޑު މަތިން، ހަމަ އެތަނަށް ވެއްޓިއްޖެ،" އެ ޒުވާނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެކްސިޑެންޓުގައި އިނގިއްޔަކާއި މޭގެ ކަށިގަނޑެއް ބިންދައިގެން ދިޔަ އެވެ. ދޮޅު އަހަރު ކުރިން ވެސް އެކްސިޑެންޓު ހިނގީ، ޒުވާނާ ބުނި ގޮތުގައި، ރޭ އެ ހިތާމަވެރި ހާދިސާ ހިނގިގޮތަށް، އޭނާ ދުއްވި ސައިކަލު ކަހައިލައިގެން ގޮސް ކާރެއްގައި ޖެހި އެވެ. އެ ފަހަރު އޭނާގެ ގައިގެ އިތުރު ކަށިތަކެއް ބިނދުނު ކަމަށް ބުންޏެވެ.
 ދެ އެކްސިޑެންޓު ހިނގީ ވެސް، އޭނާ ބުނި ގޮތުގައި، ވާރޭ ވެހި މަގުތެމިފައި އޮއްވަ އެވެ. 
"ކުރިން ވެސް ޝައްކު ކުރެވުނު އެއީ އެތަނުގައި ލާފައި ހުރި ކުލައިގެ ސަބަބުން ހިނގި ކަމެއް ކަމަށް. އެކަމަކު މިހާރު އެކަން ޔަގީންވެއްޖެ. ހިތާމައަކީ ރޭ އެތަނުން މީހެއްގެ ފުރާނަ ދިޔުމުން،" އޭނާ ބުންޏެވެ.
"ފަހުން އެނގުނު ގޮތުގައި އެތަނުގެ ކުލަ ހުރީ ވަރަށް ފަހުން އާކޮށްފައި."
އެއާޕޯޓާއި ހުޅުމާލެއަށް މަގު ވަކިވާ ހިސާބުން، މަގު ވަކިކުރަން ދަމާފައި ހުންނަ ކުލަގަނޑު މަތިން ވެހިކަލް ދުއްވަން މަޖުބޫރުވެ އެވެ. ސައިކަލުގެ އިތުރުން ކާރު ވެސް އެތަނުން ދާއިރު ކަހާލާ ކަމަށް ބައެއް މީހުން ބުނެ އެވެ.
އެ ޒުވާނާގެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ހަމަ އެކަހަލަ ތަޖުރިބާތަކެއް ކުރި ކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ. ހާއްސަކޮށް، މަގުމަތީގައި ކުލަ އާކޮށްފައި ހުންނަ ދުވަސްވަރު އެކްސިޑެންޓުތައް ހިނގައި ބޮޑެތި އަނިޔާތައް ވެފައިވާކަން ފާހަގަކޮށްފައި ވެ އެވެ. އެހެންވެ، ދުއްވާ މީހުންނަށް އެކަން އެނގޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ބެހެއްޓުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ