ޕީއެސްޖީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކޮށްފި
ލޯންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޕީއެސްޖީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި ލީގު ތަށި އުފުލާލި 14 ވަނަ ފަހަރެވެ. 18 ޓީމު ވާދަކުރާ މި ލީގުގައި ބާކީ އެއް މެޗު އޮއްވައި ޕީއެސްޖީން ތަށި ކަށަވަރުކުރިއިރު، އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވެއެވެ. ތާވަލުގެ ދެވަނައިގައި އޮތް ލޯންސްއަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގެ ގަދަ ފަހަކަށް ބަލާއިރު، ތިންވަނައިގައި ލިލް (61 ޕޮއިންޓް) އޮތްއިރު، ހަތަރުވަނައިގައި އޮތީ ލިޔޯން (60 ޕޮއިންޓް) އެވެ. އަދި ފަސްވަނައިގައި ރެން އޮތީ 59 ޕޮއިންޓާއެކުގައެވެ. ލޯންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑުނެގީ 29 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކްވިޗާ ކްވަރަޝްކޭލިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޕީއެސްޖީއާއި ލޯންސް ބައްދަލުކުރި މެޗުގެ ތެރެއިން-- މި ލީޑުގައި މެޗުގެ ބޮޑުބައި ހިފެހެއްޓުމަށްފަހު، ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އިބްރާހިމް އެމްބާއޭއެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެޒެއާ ޑޫއޭ އެވެ.މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ މި ސީޒަނުގައި ލޯންސްއިން ދެއްކި ހިތްވަރަށް ތައުރީފުކޮށް، މިއީ ފަސޭހައިން ލިބުނު ކާމިޔާބީއެއް ނޫންކަން ފާހަގަކޮށްފައެވެ. ޕީއެސްޖީގެ ތާރީޚަށް ބަލާއިރު، އެ ކްލަބުން މިހާތަނަށް ހޯދި 59 ތަށީގެ ތެރެއިން 41 ތަށި ހޯދާފައިވަނީ 2011 ވަނަ އަހަރު ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓްސް (ކިއުއެސްއައި) އިން އެ ކްލަބާ ހަވާލުވި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ