ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. ސަމާލު ނެރެފައިވަނީ އިރު އޮއްސި 18:00 އަށެވެ.
މެޓުން ވިދާޅުވީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެނގުމާ ގުޅިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.
އެގޮތުން ކަނޑުދަތުރަށް ނިކުންނައިރު އަންގަންވާ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރަށް ނުފުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުތަކުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސްވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން މުދާ އުފުލާ އުޅަނދުތަކުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައު ބެހެއްޓުމަށާއި، ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ