ނޫސްވެރިން ޖަލަށްލައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސްއަޅަމުންދާތީ އެކަމާމެދު މަޝްވަރާ ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވަން ނިންމައިފި އެވެ.
ނަޝީދާއި ޔާމީން އާއި ސޯލިހަކީ ސިޔާސީ ގޮތުން ފިކުރު ތަފާތު ތިން ބޭފުޅުން ނަމަވެސް މި ދަނޑިވަޅު ބައްދަލު ކުރައްވަން ނިންމެވީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިމެނޭ ގޮތަށް އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ އެވެ.
ކަމުގެ މައުލޫމާތު އިނގޭ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މި ހަފުތާ ނިމުމުގެ ކުރިން މިއަދު، ހުކުރު ދުވަސް ނުވަތަ ހޮނިހިރު ދުވަހު އެ ބައްދަލުވުން ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ ނަޝީދާއި ޔާމީން އާއި ސޯލިހު އެކުގައި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށްވާނެ އެވެ. އެ ތިން ބޭފުޅުން މި ބައްދަލު ކުރައްވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރު މި ސަރުކާރުން ޖަލަށްލާފައިވާ ދަނޑިވަޅެއްގަ އެވެ.
ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއި ދިފާއުވުމުގެ ހައްގު އަދި އެހެނިހެން އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހުރޫމްކޮށްފައިވާތީ އެކަންކަމާމެދު ވެސް ކުރީގެ ތިން ރައީސުން މަޝްވަރާ ކުރައްވާނެ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ގޮވާލީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. އޭގެ ފަހުން، އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ތިން ރައީސުންނާއެކު ބައްދަލު ކުރައްވަން ސޯލިހު ނިންމެވީ މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަދަދު ނޫހުގެ ޝަހުޒާން ޖަލަށްލީ ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށް އެ މުވައްޒަފު ބުނެފައިވާ މައްސަލައިގައި ސުވާލު ކުރުމުންނެވެ.
މި ނޫހުގެ ލީވާން ޖަލަށްލީ، ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ގެނެސްދިން މި ނޫހުގެ ޑޮކިއުމެންޓަރީ "އައިޝާ" މަނާކުރުމަށާއި އެ ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ނުދެއްކުމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ނެރުއްވި އަމުރުގެ ހަބަރު ލިޔެގެންނެވެ.
ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތް ކުރައްވަން ނަޝީދާއި ޔާމީން އާއި ސޯލިހު ބައްދަލު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ