މިދުވަސްވަރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ކޮންމެހެން އެ ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ޒިޔާރަތްނުކުރުމަށާއި، އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރަންޖެހޭ ހާލަތްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން އެދެފިއެވެ.
އައިޖީއެމްއެޗް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ރޯގާ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން، ރައްކާތެރިފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެދޭކަމަށެވެ.
މީގެ އިތުރުން ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައްވެސް އައިޖީއެމްއެޗް ވަނީ ބުނެދީފައެވެ. އޭގެތެރޭގައި، ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުމާއި، ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދިނުމާއި، ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުމާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގަޔާއި ނޭތްފަތް ރަނގަޅަށް ނިވާކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، މާސްކު އެޅުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމުގެ އިތުރުން މަދިރި އާލާވާ ތަންތަން ބަލައި، ގޯތިތެރެއާއި ވަށާއިގެންވާ މާހައުލު ސާފުކުރުން ހިމެނެއެވެ.
މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބަލިމަޑުކަން އަންނަނީ ފެތުރެމުންނެވެ. އެޗްޕީއޭ އިން ވަނީ ޑެންގީ އަދި އިންފުލުއެންޒާ ފެތުރެމުންދާތީވެ ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ. މީގެއިތުރުން މިހަފްތާގެ ތެރޭގައި މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ވާ ހިމަބިއްސަށްވެސް ދެ މީހަކު ޕޮޒިޓިވް ވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ