ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބޮޑު ތުހުމަތެއް ކުރީ އަދަދު ނޫހަކުން ނޫނެވެ. އެ ތުހުމަތު ކުރީ ރައީސް އޮފީހުގައި މަސައްކަތްކުރި މުވައްޒަފެކެވެ. 'އަދަދު' ނޫހަކީ އޭނާއަށް ދިމާވި ކަންކަން ދިވެހިރައްޔިތުންނަށް ކިޔައިދޭން އޭނާ ބޭނުންކުރި ވަސީލަތެވެ. އެ ވާހަކައިގެ މައްޗަށް 'އަދަދު' ނޫހުން ޑޮކިއުމަންޓްރީއެއް ހެދީ ރާއްޖޭގެ ވެރިކަމުގައި ހުރީ ކޮންކަހަލަ މީހެއްކަމާއި، މީޑިއާ އޮބެހެއްޓުމަށް ހަދާފައި އޮތް ހަރުކަށި ގާނޫނުގެ މާއްދާތައް ވެސް އެނގި ތިބެ އެވެ. ދިމާވެދާނެ ނުރައްކަލަކަށްވުރެ، ރައީސުލްޖުމްހޫރިއްޔާގެ ހަގީގަތް ހާމަކުރުމުގެ މުހިންމުކަން ބޮޑީ އެވެ.
އެ ޑޮކިއުމަންޓްރީ ގެނެސްދިންތާ މަސް ދުވަސްވަންދެން އޮތް ހިމޭންކަމަކީ މިލައިގަތް ތޫފާނުގެ އަލާމާތްކަން މި އެނގުނީ އެވެ. ރައީސުލްޖުމްހޫރިއްޔާ ކޯފާވެގެން 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވައްދައި އޮފީހުގެ މުދާތައް ފޭރިގަތީ އެވެ. މިއީ ރާއްޖޭގައި މީޑިއާއެއްގެ އޮފީސް ބަލައިފާސްކޮށް މުދާ ހިފެހެއްޓި ދެވަނަ ސަރުކާރެވެ. މީގެ ކުރިން އެކަން ކުރީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ.
'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރަނީ ކުޑަ ތުހުމަތުތަކެއް ނޫނެވެ. ވަޒީފާއެއް ހޯދަން އެދުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ރައީސްގެ ކޮޓަރިކޮޅަށް ގެންގޮސް ސަލާންކުރުމުގެ ނަމުގައި އޭނާގެ އަތުގައި ހިފައި ދޫނުކޮށް ހުރީ އެވެ. އެއީ ޖިންސީ ފުރައްސާރަ މަނާކުރުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ފަސް ވަނަ ނަންބަރުގައި ބުނާ ފުރައްސާރައިގެ އަމަލެވެ. އޭނާ ދެކެ އަބަދުވެސް ލައިކުވާ ވާހަކަ ވިދާޅުވެއްޖެ އެވެ. އޭނާ އޮފީހަށް ގެނައި ދެވަނަ ދުވަހު އޭނާގެ ހުއްދަ ނެތި އޭނާގެ ގައިގައި ބާރަށް ބައްދައިލި އެވެ. މި ހުރިހައި ކަމެއް ކުރެއްވީ އޭނާއަށް ވަޒީފާ ދެއްވުމުގެ ކުރިންނެވެ. ރައީސް ހަގީގަތުގައި ކުރެއްވި ކަމަކީ އޭނާއަށް ވަޒީފާ ލިބޭނީ އެކަންކަމަށް ރުހުމުން ކަމުގެ އިޝާރާތް ދެއްވުމެވެ. މިއީ އެ ގާނޫނުގެ 4 ވަނަ މާއްދާގައި ޖިންސީ ފުރައްސާރައިގެ އަމަލެކެވެ. އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި ވެސް މިކަން މާނަކޮށްދީފައި އެބައޮތެވެ.
އެދިޔައީ ގާނޫނާ ހިލާފުވުމުގެ ބައެވެ. ދެން އޮތީ އަހުލާގީ އިންތައް ފަހަނައަޅައި ދިޔަ ގޮތެވެ. އެކަނިވެރި މަޔަކަށް ވަޒީފާއެއް ދެއްވުމަށްފަހު، ދެން ފެށްޓެވީ އޭނާގެ ހިތް އަތުލެއްވުމުގެ މަސައްކަތެވެ. މީހެއްގެ ފިރިއެއްކަމާއި، ތިން ދަރިންގެ ބައްޕައެއްކަން ނުވިސްނެވި ތަނުގައި ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ހިތްޕުޅަށް ނުގެންނެވި އެވެ. އިތުބާރު ހޯއްދެވުމަށް ދެއްކެވި ހުއްޖަތަކީ ދެ އަނތްބަށް ކައިވެނި ކުރައްވާނެ ކަމުގެ ވައުދެވެ. އެހެންވެއްޖެނަމަ ދޮން ދަރިއަކަށް ވާނޭ ކުޑަކުޑަ ކުއްޖާގެ ހަބަރު ބެއްލެވީ އިތުބާރު ހޯއްދެވުމުގެ ބޭނުމުގަ އެވެ. އެއީ ކުރެއްވި ކެމްޕޭނެވެ. ރައީސް މުއިއްޒުއަކީ ކެމްޕޭނުގައި އިތުބާރު ހޯއްދެވުމަށް ކޮންމެ ފަދަ ދޮގު ވާހަކައެއް ވެސް ދައްކަވަފާނޭ ބޭފުޅެއްކަން މިހާރު އަޅުގަނޑުމެންނަށް އެނގޭނެ އެވެ.
އިތުބާރު ލިބުމާއެކު ދެން ކުރެއްވީ އަސްލު ކުރައްވަން ބޭނުންފުޅުވި ކަންތަކެވެ. ރައީސް އޮފީހުގައި އެލްއެއް ހެން ހުންނަ ސޯފާއާއި ރައީސްގެ މޭޒުކޮޅު މަތީގައި އެކުރެއްވީ އެކަމެވެ. އެކަމަށް އެ އަންހެންކުއްޖާ ރުހުނު ސަބަބަކީ އޭނާއާ ދެ އަނތްބަށް ކައިވެނިކުރައްވާނޭކަމަށް ވެވަޑައިގެންނެވި ވައުދެވެ. އެކަމަކު ރައީސް މުއިއްޒު ބޭނުންފުޅުވާކަންކަން ފުރިހަމަވުމުން ވައުދާ އަހުދު އުވައިލެއްވީ އެވެ.
މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. 'އަދަދު' ނޫހުން ދެއްކި ވާހަކައެއް ވެސް ނޫނެވެ. އެވާހަކަ ދެއްކި އެ ހާދިސާގައި މުއިއްޒުގެ ޝިކާރައަކަށްވީ އަންހެންކުއްޖާ އެވެ. އެއީ ވަކި އެވެނި ކުއްޖެއްކަމަށް ނިންމައި، އަންހެން ކުއްޖަކު ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގަން އުޅޭނީ މުއިއްޒުއަށް އެއީ ކާކުކަން އެނގޭތީތާ އެވެ. ކާކުކަން އެނގޭނީ ގައިމު ކަމެއް ހިނގާފައި އޮތީމަ އެވެ. އަލިފާން ނެތި ދުމެއް ނާރާނެ އެވެ.
ދައުލަތުގެ އެންމެ މަތީވެރިޔާގެ ފުށުން މިހައި ހުތުރު އަމަލުތައް ފެނުނީމާ މީހުން އެވާހަކަ ދައްކާނެ އެވެ. ރަށުތެރޭގައި ކިޔައި، އަޑުއިވޭ ގޮތުގައި މިއީ އަލަކަށް ހިނގި ކަމެއް ވެސް ނޫނެވެ. މިފަހަރު ހިތްވަރުހުރި އަންހެން ކުއްޖަކާ ލައިގަތީތީ އޭނާ މިވާހަކަތައް ދިވެހިރައްޔިތުންނަށް ކިޔައިދީ ރައީސުލްޖުމްހޫރިއްޔާގެ ހަގީގަތް ހާމަކުރީ އެވެ.
މިކަމާ ކޯފާވެ ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށްފި އެވެ. ދެން އުޅުއްވީ އެ ދައުވާގެ ތެރެއިން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަނގަ ބަންދުކުރައްވާށެވެ. ކްރިމިނަލް ކޯޓުގެ އަމުރަކީ ސީދާ ވަކި ބޭފުޅެއްގެ ހިމާޔަތުގައި ނެރުއްވާފައި އޮތް، ވަކި އަތަކަށް ބުރަވެފައި އޮތް އަމުރެއްކަން ވަރަށް ސާފުކޮށް ހާމަވެ އެވެ. އެ އަމުރު ނެރުނުކަމުގެ ހަބަރު ލިޔެ ޝާއިއު ކުރީތީ 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާނު ކުށްވެރިވެ 10 ދުވަހަށް ޖަލަށްލައި ޖޫރިމަނާކޮށްފި އެވެ. ރައީސް އޮފީހުގައި ސުވާލެއް ކުރީތީ ޝަހުޒާނު ކުށްވެރިވެ 15 ދުވަހަށް ޖަލަށްލައިފި އެވެ. ޝަހުޒާނު ކުރީ އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ މައުލޫމާތެއްގެ ސުވާލެއް ވެސް ނޫނެވެ. ދިވެހި ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާ، ރޭގަނޑެއްގެ މެންދަމުގައި އުމުރުން އެންމެ ބާވީސް އަހަރުގެ ކުއްޖަކަށް ފަންސާހަށްވުރެ ގިނަ ފަހަރު ގުޅުއްވުމަކީ ސުވާލު އުފެދޭ ކަމެކެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ބޮޑު ކަމެއް އުޅޭތީ މެނުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އެވަރަކަށް މީހަކަށް ނުގުޅުއްވާނެ އެވެ. އެހެންވީމާ އެ ވީގޮތެއް ބަލަން ނޫސްވެރިން ސުވާލުކުރާނެ އެވެ.
ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޯޓުތައް އެއްގަލަކަށް އަރައި ރައީސް މުއިއްޒުގެ ދިފާއުގައި މަސައްކަތްކުރާ މަންޒަރު ފެނުމަކީ ދިވެހިރައްޔިތުންނަށް މާޔޫސްކަން ގެނުވާނޭ ކަމެކެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ދައުލަތުގެ ނިޒާމު ތަރުތީބު ކޮށްފައި އޮތީ މިގޮތަކަށް ނޫނެވެ. އެ ނިޒާމު ހަލާކުވާތަން ފެނުނީމާ މީހުން އެ ވާހަކަ ދައްކާނެ އެވެ. އެކަމުގެ ސަބަބުތަކުގެ މައްޗަށް ވެސް ވާހަކަ ދައްކާނެ އެވެ. އެ ސަބަބުތައް ގޮސް އެލް ސޯފާއަކާ ހަމައިގައި ހުއްޓުމަކީ ރައްޔިތުން ކުށްވެރިވާންޖެހޭ ސަބަބެއް ނޫނެވެ.
ކްރިމިނަލް ކޯޓުން އެ ނެރުއްވި އަމުރަށް އަޅުގަނޑު ތަބައެއް ނުވާނަމެވެ. އަޅުގަނޑު އެދެނީ ދިވެހި އެއްވެސް ރައްޔިތަކު އެ އަމުރަށް ތަބާނުވުމަށެވެ. އަދި އެ އަމުރުގެ ދަށުން އަދަބުދެވުނު ނޫސްވެރިން މިނިވަންކުރުމަށް އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހަކަށް ކުރެވުނު ކޮންމެ ކަމެއް ކުރެއްވުމަކީ އަޅުގަނޑުމެންގެ މިވަގުތުގެ މައިގަނޑު މަސައްކަތަށް ހަދަންޖެހެ އެވެ.
ބިރު ދެއްކީމާ ދެން ކެނޑޭނީ ލަދު ހަޔާތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ