ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތްކުރުމުގައި, މިހާރަށްވުރެ ސަމާލުވާން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު މިފަދަ އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގިނަ ފަހަރަށް ކުށްވެރިން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އިޝްތިހާރުތައް ބޭނުންކުރާ ކަމަށާއި، މިފަދަ ފަރާތްތަކުން "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، ބޭންކް ޓްރާންސްފަރ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތަށް ކަމަށާއި، މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ހިންގާމުންދާ ކަންވެސް ފާހަގަކުރެވެމުން އަންނަކަމަށެވެ.
މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން، މަނީ ލޯންޑްރިންގފަދަ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމާއި އަދި އިތުރު މީހުން މިފަދަ ގްރޫޕްތަކަށް ވެއްދުން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ކުރުވަމުން އަންނަކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މިފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ އަމިއްލަ ނަފްސާއި، އެހެން މީހުން މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅު ކަމަށާއި، ޝައްކު އުފެދޭ މުއާމަލާތަކުން ދުރުހެލިވެ، ހޭލުންތެރިވެ ތިއްބެވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިންގާ އޮންލައިން ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ