މެންބަރު އަޒާން، ”ދައުރު“ ނޫހުގެ އެޑިޓަރު މޫސާ ލަތީފްއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

”ދައުރު“ ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
އަޒާން މި ދައުވާ ކުރައްވާފައިވަނީ ”ދައުރު“ ނޫސް ހިންގާ ނެކްސްޓް މީޑިއާ ގްރޫޕާއި ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށެވެ. މި މައްސަލަ އުފެދުނީ ”އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ“ މި ސުރުހީގެ ދަށުން މޫސާ ލަތީފް ލިޔުއްވި ރިޕޯޓަކާ ގުޅިގެންނެވެ.
އަޒާން ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ރިޕޯޓަކީ އޭނާގެ އަބުރަށް އަރައިގެންފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބަދަލުގެ ގޮތުގައި 5،000 ރުފިޔާ އާއި ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހިނގި 28،670 ރުފިޔާ ނަގައިދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ލިޔުން ޕަބްލިޝް ނުކޮށް ޑްރާފްޓް ސްޓޭޓަސްގައި ބެހެއްޓުމުގެ އަމުރަކަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ. މި ދައުވާއާ ގުޅިގެން އަންނަ ހޯމަ ދުވަހު ކޯޓަށް ހާޒިރުވުމަށް މޫސާ ލަތީފަށް މިހާރު ވަނީ ޗިޓް ފޮނުވައިފައެވެ.
މޫސާ ލަތީފްގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން ހިނގި ކަންތައްތަކެވެ. އެ ރިޕޯޓުގައި އެ ހާދިސާ އަޅާކިޔާފައިވަނީ ދާދި ފަހުން ”އަދަދު“ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ