އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އަދަދަށް އުމަރު ސޮއި ހަމަކުރައްވައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރައްވާފައިވާކަމަށް މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރު ހާމަކުރައްވައިފި އެވެ. 
ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށައަޅަން ޖެހެއެވެ. 
ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އޭނާ ސޮއި ހަމަކުރައްވާފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން ވެސް ގުޅުއްވާ ސޮއިކުރައްވަން ބޭނުންފުޅުވާ ވާހަކަ ދަންނަވަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ. 
Advertisement
އުމަރުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ފައްޓަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.
އުމަރު ނަސީރު ވިދާޅުވަނީ ޤައުމަށް މިހާރު ބޭނުންވަނީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ވަރުގެ ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓާ، ގައުމިއްޔަތު ކޮޅަށް ޖެހޭނެ ސަހުސިއްޔަތު ހުރި ލީޑަރެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ، ޤައުމަށް ބޭނުންވާ އެ ޙައްލުތައް ހޯއްދަވާދެއްވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ