ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން (އައިކޮމް) އިން އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރައީސް އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވީ ސެޕްޓެމްބަރު 2021ގަ އެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދަތުރުފުޅުގެ ހަރަދުތައް ހޯދަން ރައީސް އޮފީހުގައި އެދުނީ ‘ދިޔަރެސް’ ނޫހުގެ ފަރާތުންނެވެ.
ނަމަވެސް އެ މައުލޫމާތު ހާމަކޮށްފިނަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި އެއީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށް ބުނެ އެ މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހެދި އެވެ.
އެ މައްސަލަ ދިޔަރެސް ނޫހުން އައިކޮމްއަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ އެއީ ހާމަކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރާއިރު އުނިކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް އުނިކުރުމަށްފަހު އެ މައުލޫމާތެއް ހާމަކުރަން އެންގި އެވެ.
އައިކޮމްގެ އެ ނިންމުން ރައީސް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިދިޔަ މެއި މަހު ކުރި ހުކުމުގައި ވަނީ އައިކޮމްގެ އެންގުމަށް ތާއީދުކޮށްފަ އެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ