2008އިން ފެށިގެން ސުޕްރީމް ކޯޓުގައި ހިންގަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯތައް އާންމުކުރަނީ

2008 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގައި ކުރިއަށްގެންގޮސްފައިވާ ޝަރީޢަތްތަކުގެ އޯޑިއޯތައް އާންމުކުރަން ފަށައިފިއެވެ.
ސުޕްރިމް ކޯޓުން ބުނީ، އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި އަނގަބަހުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކޮށް ބަލަހައްޓަމުން ގެންދަވާ ރެކޯޑްތަކެއްކަމަށެވެ. އަދި މި މަސައްކަތަކީ ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި، އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށްގެންދަން ނިންމި މަސައްކަތެއްކަމަށް ކޯޓުން ބުނެއެވެ.
އެގޮތުން ކޯޓުގައި ހިންގާ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރަން ފަށާފައިވާ ކަމަށާއި، އެ ކޯޓުން މިހާރު ގެންދަނީ 2020 ވަނަ އަހަރުގެ ކުރީގެ އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯތައްވެސް އާއްމުކުރަމުން ކަމަށް އެކޯޓުން ބުނެއެވެ.
އެގޮތުން ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުން ފެށިގެން އެ ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނައިލްގައި އާއްމުކޮށް ފެންނާނޭހެން އާކައިވްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރު ޔޫޓިއުބް ޗެނަލްއިން ލިބޭނެކަން އެ ކޯޓުން ފާހަގަކުރެއެވެ.
އަދި 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާކަމަށްވެސް އެ ކޯޓުން މައުލޫމާތުދެއެވެ.
ސުޕްރީމް ކޯޓުގައި ބާއްވާ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީޢަތްތައް ލައިވްކުރަން ފައްޓާފައިވަނީ 2020ވަނަ އަހަރުއެވެ. ލައިވްކުރުމުގެ އިތުރުން އެ ޝަރީޢަތްތަކުގެ ރެކޯޑިންގ ޔޫޓިއުބް ޗެނައިލްގައި ދަނީ އާކައިވްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ