އުންމީދު އާ ކުރަމުން، އުމަރު ނިންމީ ވަކިއަތަކަށް ނުޖެހެން

ދިވެހި ރާއްޖެ އާ މިސްރާބަކަށް ގެންގޮސްދޭނެ ކަމުގެ އުންމީދު އާކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ނަސީރު ނިންމަވައިފިއެވެ.ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމަފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ޓީމުގެ މިސްރާބަކީ ތަފާތުކަމަށާއި، ރާއްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައިވާ ކަމަށެވެ. އަދި ސިޔާސީ މަސައްކަތް ހުއްޓާނުލާ، އާ މިސްރަބަކާށް ގެންގޮސް މުޅި ގައުމު ބަދަލު ކުރައްވަނެ ކަމަށް އުމަރު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ސިންގަޕޫރް އެކަންޏެއް ނޫން ކުރިއަރައިގެން ދާނީ، ދިވެހި ރާއްޖެ ވެސް ކުރިއަރައިގެން ދެވޭނެ، މި ރާއްޖެއަށް ބޭނުންވަނީ ޕޮލިޓިކަލް ލީޑާޝިޕްއެއް، އިރާދަކުރެއްވިއްޔާ އެކަން ދިވެހިންނަށް ފޯރުކޮށްދޭނަން.". އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އައިސްފައި ވަނީ ކުރިންވެސް ވެރިކަންކޮށް، ތަޖުރިބާ ކުރެވިފައިވާ ޕާޓީތައް ކަމަށެވެ. އަދި ދެ ޕާޓީގެ ވެރިކަމުގައިވެސް މަގުތައް ނާމާންވެ މީހުން މެރުމާއި، މަސްތުވާތަކެތި ވިއްކުން އިތުރުވެ، ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑުމެން އިތުރަށް މި ޕާޓީތައް ވަރުގަދަ ކޮށްދޭކަށް ނެތިން، އަޅުގަނޑުމެން މި ތިބީ ރާއްޖެ އިތުރަށް ދަރަނިވެރި ކުރުވާއިރުގައި އެ މަސައްކަތުގައި ބައިވެރިވާކަށް ނޫން. ދިވެހި ރާއްޖޭގެ މަގުތައް ނާމާންވާއިރުގައި އެ މަސައްކަތުގައި ބައިވެރިވާކަށް ނޫން" އުމަރު ވިދާޅުވިއެވެ.
މި މަގުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ އުމަރު ނަސީރު ދިޔައީ ހަތަރު ވަނައަށެވެ. އެގޮތުން 6،343 ވޯޓާއެކު، ހަތަރު ވަނަ ހޯއްދެވުމުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.
ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި މުއިއްޒު އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓު ލިބިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ