އެމެރިކާއިން އަޅާފައިވާ ބްލޮކޭޑާ ހިލާފުވި ކަމަށް ބުނެ، އޮމާން ކަނޑުން ދަތުރުކުރި ތެޔޮ ބޯޓެއް ހުއްޓުވަން އެމެރިކާއިން ދިން ހަމަލާގައި އިންޑިއާގެ ތިން މީހަކު ގެއްލިއްޖެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕަލާއޫގެ ދިދަ ޖަހާފައިވާ "ސެޓެބެލޯ" ނަމަކަށް ކިޔާ މި ބޯޓުގެ އިންޖީނު ރޫމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ހަމަލާދިނީ، އެމެރިކާ ސިފައިން ދިން އިރުޝާދުތަކަށް އެ ބޯޓުގެ ފަޅުވެރިން ތަކުރާރުކޮށް އަމަލުނުކުރުމާ ގުޅިގެން ކަމަށެވެ.
އޮމާންގެ އައްސޭރިފަށުން ދަތުރުކުރި "ސެޓެބެލޯ" ބޯޓަށް ދިން މި ހަމަލާއާ ގުޅިގެން، އިންޑިއާގެ ތިން ފަޅުވެރިއަކު ގެއްލިފައިވާ ކަމަށާއި، ނަމަވެސް އެ ބޯޓުގައި ތިބި އިންޑިއާގެ 21 ފަޅުވެރިއަކު ސަލާމަތްކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އިންޑިއާ ސަރުކާރުން އިތުރަށް ބުނީ، އެ ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރަށާއި އާންމު އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވޭ މަގުތައް ބަންދުކޮށްފަ އެވެ.
ސެންޓްކޮމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރިލް 13 ވަނަ ދުވަހު ބްލޮކޭޑް ފެށި ފަހުން މިހާތަނަށް އެމެރިކާ ސިފައިން ވަނީ އަށް އުޅަނދެއް ހުއްޓުވައި ބޭނުންނުކުރެވޭ ވަރު ކޮށްލާފަ އެވެ. އަދި އިތުރު 134 އުޅަނދެއްގެ މިސްރާބު ވަނީ ބަދަލުކުރުވާފަ އެވެ.
އެންމެ ފަހުން ހިނގި މި ހާދިސާއާ ގުޅިގެން، އިންޑިއާގައި ހުންނަ އެމެރިކާގެ މިޝަންގެ ޑެޕިއުޓީ ހެޑް، އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
މި ހަފުތާގެ ކުރީކޮޅު ވެސް އެމެރިކާ ސިފައިން ވަނީ އިންޑިއާ ފަޅުވެރިން ތިބި، ޕަލާއޫގެ ދިދަ ޖަހާފައިވާ އެހެން ތެޔޮ ބޯޓަކަށް ހަމަލާދީފަ އެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި "މަރިވެކްސް" ނަމަކަށް ކިޔާ އެ ބޯޓަށް ވެސް އޮމާން ކަނޑުން ހަމަލާދިނީ އެމެރިކާގެ އިރުޝާދުތަކަށް އަމަލުނުކުރުމާ ގުޅިގެންނެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ ބޯޓުގައި ތިބި 24 ފަޅުވެރިން ވެސް އޮމާންގެ އަސްކަރިއްޔާއިން ވަނީ ސަލާމަތްކޮށްފަ އެވެ.
ތެޔޮ ބޯޓަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި އިންޑިއާގެ ތިން މީހުން ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ