މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 11) - މިރޭ ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ އިން ވިސާ ނުލިބިގެން ޓީމުތަކުގެ އޮފިޝަލުންނާއި ރެފްރީންނާއި ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެކަމާ ގުޅޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެމެރިކާ ދިފާއުވާ ގޮތަށް ޖަވާބުދެއްވައިފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް، އެމެރިކާއާ ގުޅިގެން މެކްސިކޯ އާއި ކެނަޑާގައި ހޯސްޓްކުރާއިރު، މެކްސިކޯ އާއި ކެނަޑާ އަށް ވުރެން މުބާރާތާ ގުޅޭ ގިނަ މައްސަލަތަކެއް ކުރިމަތިވަނީ އެމެރިކާގަ އެވެ. އެ ގޮތުން، އެކި ގައުމުތައް އެކި ގޮތަށް ސެކިއުރިޓީ ޗެކްކުރާ މައްސަލަ އާއި ބައެއް ގައުމުތަކުގެ ކުޅުންތެރިންނަށް ވިސާ ލިބުން ލަސްވުމާއި އީރާންގެ ޓީމު އޮފިޝަލުންގެ ތެރެއިން ބަޔަކަށް ވިސާ ހަމަޖެހިފައިވީ ނަމަވެސް އެމެރިކާ އަށް އެރުމުގެ ހުއްދަ ލިބިފައިނުވުމުގެ އިތުރުން، އިރާގު ގައުމީ ފުޓްބޯޅަ ޓީމުގެ ފޮޓޯ ގްރާފަރު ވިސާ އޮއްވައި، އެނބުރި ގައުމަށް ދާން ޖެހުނު މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި، މީގެ އިތުރުން، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، ފީފާގެ ލިޔެކިޔުންތަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއްގައި އައި އެފްރިކާގެ އެންމެ މޮޅު ރެފްރީ، ސޯމާލިއާގެ އޮމާރް އަރްޓާންއާ 11 ގަޑިއިރު ސުވާލުކުރުުމަށް ފަހު، އެނބުރި ގައުމަށް ފޮނުވާލުމުގެ މައްސަލަ އަށެވެ.
ވޯލްޑް ކަޕާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންފަންޓީނޯ ވިދާޅުވީ، ފީފާ އަކީ ކުޅިވަރު ޖަމިއްޔާއެއް ކަމަށާއި ގައުމުތަކުގެ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތެެރެއިން ހުންނަ ކަންތައްތައް ކޮންޓްރޯލް ކުރުމަކީ ފީފާ އަށް އޮތް ބާރެއް ނޫން ކަމަށެވެ.
"އަބަދުވެސް ހައްލު ހޯދޭތޯ މަސައްކަތް ކުރަން. އެކަމަކު އިހުތިރާމް ކުރަން އެބަޖެހޭ. އަހަރެމެންނަކީ ކިންގުންނެއް ނޫން ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށާއި ފުލުހުންނަށް އަމުރުކުރަން. އަހަރެމެން މަސައްކަތް ކުރަނީ ކަންކަމަށް ހައްލު ގެނެވޭތޯ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ސޯމާލިއާގެ ރެފްރީ އަރްޓާން އަތުގައި ފީފާގެ ލިޔުންތަކާއި ސައްހަ ވިސާއެއް އޮއްވައި، އެމެރިކާ އަށް އެތެރެނުވެވުނު މައްސަލައިގައި ސުވާލުކުރުމުން އިންފަންޓީނޯ ވިދާޅުވީ، އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށެވެ. އެމެރިކާ އިން އަރްޓާން އަށް ފުރުސަތު ނުދިނީ ޓެރަރިސްޓު ޖަމާއަތަކާ އޭނާއާ ގުޅުމެއް އޮތްކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.
އިންފަންޓީނޯގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތަކެއް އަމާޒުވި އެއް ކަމަކީ، އޭގެ ވަގުތުތަކެއް ކުރިން އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ގޮތުން، ޓްރަމްޕް ވިދާޅުވީ، އެމެރިކާ އަށް ވޯލްޑް ކަޕްގެ ކަންކަމުގައި."ރަނގަޅު މީހުންނަށް" އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން، އިންފަންޓީނޯއާ ސުވާލުކުރުމުން، އޭނާ ވިދާޅުވީ، ސަޕޯޓަރުން ހަމަޖެހިލައިގެން ތިބުމަށެވެ.
"ބައެއް ފަހަަރު ކަމެއް ދިމާވާތަނުން އަޑުގަދަކޮށްލައިގެން ކަންކަން ކުރަން އުޅުމަށް ވުރެން ހަަމަޖެހިލައިގެން ވެސް ކަންކަން ހައްލުކުރެވޭނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.
އެމެރިކާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓެއްގެ ގޮތުގައި ކަނޑައެޅުނު ނިންމުމާ މެދު ހިތާމަ ކުރަންތޯ ކުރި ސުވާލަށް ދިން ޖަވާބުގައި އިންފަންޓީނޯ ވިދާޅުވީ، އެއީ އެއްވެސް މިންވަރަކަށް އޭނާ ނުވިސްނާ ކަމެއް ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕްގެ ހޯސްޓަކަށް އެމެރިކާ ކަނޑައެޅުމަކީ ގޯސް ނިންމުމެއް ނޫން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ