ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ 300 ރުފިޔާ ދައްކާފައި ނުވާކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
މިއީ މަސްދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި، ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފެވެ.
ދައުލަތުން ހުށަހެޅި އެ މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލައިގެ ރެޖިސްޓްރޭޝަން ފީ، ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ދައްކާފައި ނުވާތީ އެވެ.
2020 ވަނަ އަހަރު ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނިކޮތް އަތުލައިގަނެ މައްސަލައިގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތު ކުރަނީ އައްޑޫ، ހުޅުދޫ ދޭލިއާގެ، އިރުފާން ތަގިއްޔުއަށެވެ.
މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ނަމަވެސް، ޝަރީއަތް ހިންގީ ތިން މީހުންގެ މައްޗަށެވެ. އެއީ އިރުފާންގެ އިތުރުން، ދ. މާއެނބޫދޫ، އަނބުގަސްދޮށުގޭ އަހުމަދު ނަސީރާއި، ހ. ގާޑަންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށެވެ.
ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެހެންވެ ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.
މިދިޔަ އޭޕްރިލް މަހު ހުށަހެޅި އެ މައްސަލަ ބަލައި ނުގަންނަކަމަށް ލިއުން ފޮނުވާފައިވާއިރު، ހައިކޯޓުގެ ރެޖިސްޓްރަރ ސޮއި ކުރައްވާފައިވާ ލިއުމުގައި ވަނީ ބަޔާންކުރި މުއްދަތުގައި ޕީޖީން ފީ ދައްކާފައި ނުވާކަމަށެވެ. އެއީ 300 ރުފިޔާ އެވެ.
300 ރުފިޔާގެ ފީއެއް ނުދައްކާތީ، 72 ކިލޯގެ ޑްރަގް އިސްތިއުނާފު މައްސަލަ ކޯޓުން ބޭރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ